ޚަބަރު

މިދިޔަ އަހަރު ޖޭއެސްސީއަށް ހުށަހެޅި މައްސަލަތައް %42 ދަށަށް


  • މިދިޔަަ އަހަރު 179 މައްސަލަ ވަނީ ހުށަހަޅާފައި

ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީއަށް މިދިޔަ އަހަރު ހުށަހަޅާފައިވާ މައްސަލަތައް 2023ވަނަ އަހަރާ އަޅާބަލާއިރު %42 ދަށްވެފައިވާ ކަމަށް އެ ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޖޭއެސްސީއަކީ އުއްތަމަ ފަނޑިޔާރާއ،ި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންގެ ޤާބިލުކަމާއި މަސައްކަތުގެ ފެންވަރު ވަޒަންކުރުމާއި ފަނޑިޔާރުންނާ ބެހޭގޮތުން އުފުލާ ޝަކުވާތައް ބަލައިި، އެ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި މަޤާމުން ވަކިކުރަންޖެހޭ މީހުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ޒިންމާ ޤާނޫނުން ހަވާލުކޮށްފައިވާ ކޮމިޝަނެވެ. އެކޮމިޝަނަށް ކޮންމެ އަހަރަކުވެސް ފަނޑިޔާރުންނާ ގުޅުންހުރި ގިނަ މައްސަލަތަކެއް ހުށަހަޅައެވެ.

ޖޭއެސްސީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރު އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތައް 2022 ވަނަ އަހަރާއި 2023ވަނަ އަހަރާ އަޅާބަލާއިރުވެސް ވަނީ ދަށްވެފައެެވެ. އެގޮތުން 2022ވަނަ އަހަރު 390 މައްސަލަ އެ ކޮމިޝަނަށް ހުށަހެޅިއިރު 2023ވަނަ އަހަރު ހުށަހަޅާފައިވަނީ 314 މައްސަލައެވެ.

ނަމަވެސް މި ނިމުނު 2024ވަނަ އަހަރު ހުށަހަޅާފައިވަނީ 179 މައްސަލައެވެ. މިއީ ޖުމްލަ %42.99ގެ ދަށްވުމެކެވެ.

ޖޭއެސްސީއަށް ހުށަހަޅާ މައްސަލަތަކާމެދު ގޮތެއް ނިންމާނީ އެކަމަށް ޚާއްސަކޮށްފައިވާ ކޮމިޓީންނެވެ. މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން 21 މައްސަލައެއް މިހާރު އޮތީ އެ ކޮމިޓީގައެވެ. އަދި 31 މައްސަލައެއް ބެލުމަށް ފޮނުވާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިހާތަނަށް ޖޭއެސްސީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 149 މައްސަލައަކީ ފަނޑިޔާރުންގެ ސުލޫކާ ގުޅުންހުރި މައްސަލަތަކެއް ނޫން ކަމަށް ވަނީ ނިންމާފައެވެ.

ޖޭއެސްސީން ވަނީ މިދިޔަ އަހަރު 43 މައްސަލަ ބަލާފައެވެ. މީގެ ތެރޭގައި އަލަށް ހުށަހެޅި 28 މައްސަލަ ހިމެނޭއިރު މިދިޔަ އަހަރުގެ ކުރިން ހުށަހަޅާފައިވާ 15 މައްސަލައެއްވެސް ހިމެނެއެވެ.

ޤާނޫނުން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގެ އިތުރުން އުއްތަމަ ފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން އައްޔަންކުރުމާއި މަޤާމުގެ ކުރިއެރުން ދިނުމާއ،ި ބަދަލުކުރުމުގެ ޒިންމާވެސް ހަވާލުކޮށްފައިވަނީ ޖޭއެސްސީއާއެވެ. މި މަސައްކަތުގެ ދަށުން މިދިޔަ އަހަރު 183 ފަނޑިޔާރުން ވަނީ އައްޔަންކުރައްވާފައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު އައްޔަން ކުރެއްވި ފަނޑިޔާރުންގެ ތެރޭގައި 153 ފިރިހެން ފަނޑިޔާރުންނާއި 30 އަންހެން ފަނޑިޔާރުން ހިމެނެއެވެ. މިދިޔަ އަހަރު އައްޔަން ކުރި އަންހެން ފަނޑިޔާރުންގެ އަދަދު ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 7% އިތުރުވެފައެވެ. 2023ވަނަ އަހަރު އައްޔަންކޮށްފައިވަނީ 28 އަންހެން ފަނޑިޔާރުންނެވެ.