ޚަބަރު

މިއީ ޒުވާން ޕާޓީއެއް، މެންބަރުން އިތުރުކުރާނަން: ދަ ޑިމޮކްރެޓްސް


  • ބައެއް އިސް މެންބަރުން ވަކިވިޔަސް ޕާޓީ ފެއިލް ނުވާކަމަށް އެ ޕާޓީން ބުނޭ

  • މެންބަރުން އިތުރުކުރުމުގެ ހަރަކާތްތައް ފުޅާކުރާނެކަމަށްވެސް ބުނި

"ދަ ޑިމޮކްރެޓްސް" އަކީ ޒުވާން ޕާޓީއެއް ކަމަށާއި، ބައެއް މެންބަރުން ވަކިވިއަސް ޕާޓީގެ މަސައްކަތްތައް ފުޅާކޮށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެޕާޓީން މިހެން ބުނެފައިވަނީ ޕާޓީގެ އިސް ބައެއް މެންބަރުން ޕާޓީ ދޫކޮށް ދިއުމާއި ގުޅިގެން އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެއެވެ. ޕާޓީގެ އިސްކޮށް ހަރަކާތްތެރިވި މެންބަރުންގެ ތެރެއިން ޕާޓީ ދޫކުރި މެންބަރުންގެ ތެރޭގައި ރައީސްގެ މަޤާމުގައި ހުންނެވި ހަސަން ލަތީފް އަދި ނައިބު ރައީސްގެ މަޤާމުގައި ހުންނެވި މުހައްމަދު ޝިފާޒް ހިމެނެއެވެ.

މިކަމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސް އިން ބުނީ ވަކިވެ ދިޔަ މެންބަރުންނާއި ޕާޓީއާއި ދެމެދު އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށެވެ. އަދި އެ މެންބަރުން ވަކިވުމަކީ ސިޔާސީ ނިންމުމެއް ކަމަށް އެޕާޓީން ބުނެއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވި ގޮތުގައި ކުރިޔަށް އޮތް ތަނުގައި ޕާޓީ އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތްތަކެއް ކުރާނެއެވެ. އެގޮތުން މެންބަރުން އިތުރު ކުރުމުގެ މަސައްކަތްތަކާއި ހަރަކާތްތައް ބޭއްވުމުގެ ކަންކަން ކުރަމުން ގެންދާނެ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

"ވަރަށް ސާފުކަމާއެކު އުސޫލްތަކެއްގެ ޤަބޫލުކޮށްފައިވާ ޕާޓީއެއް މިޕާޓީއަކީ. ޕާޓީ އުފަންވީ އެގޮތުން ކަމަށްވާތީ އެގޮތަށް މަސައްކަތް ކުރަނީ. ޕާޓީ އުފެއްދުމަށްފަހު މެންބަރޝިޕް އިތުރުކުރުމަށް މަސައްކަތް ކުރީން. މިހާރު ސީދާ ކިހާވަރެއްކަން ސީދާ ދަންނަވާލަން ނޭނގޭ. އެކަމަކު ދެން ދާނީ މާ ބާރަށް މުޅި ރާއްޖޭގެ ކަންކޮޅުތަކުގައި މެންބަރޝިޕް އިތުރުކުރުމުގެ ކަންކަން." ކުރީގެ މެންބަރު އިމްތިޔާޒް ވިދާޅުވިއެވެ.

އެޕާޓީން ވަނީ މެންބަރުން ވަކިކުވުމުގެ ސަބަބުން ޕާޓީ ފެއިލްވެދާނެ ކަމަށް ޤަބޫލު ނުކުރާކަމަށް ބުނެފައެވެ. އަދި ޕާޓީއަކީ ޒުވާން ޕާޓީއެއް ކަމަށާއި ޕާޓީގެ ކުރިމަގު ފެންނަނީ ވަރަށް އަލިގަދަކޮށް ކަމަށް ޕާޓީން ބުނެއެވެ.