ޚަބަރު

ކުލައިވެޓްގެ އަމާޒަކީ ފުރަތަމަ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދުން


އިންޑޮނޭޝިއާގެ ކޯޗު ކަމާއި އަލަށް ހަވާލުވި ނެދަލޭންޑްސްގެ ކްލައިވެޓްގް އަމާޒަކީ އެ ޓީމުން ފުރަތަމަ ކުޅެންޖެހޭ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދުން ކަމަށް އޭނާ ބުނެފި އެވެ.

2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ގޮތުން އިންޑިނޯޝިއާއިން ފަށާފައިވާ ދަތުރުގައި ކްލައިވަޓް އާއި އޭނާގެ ކޯޗިން ސްޓާފުން އިއްޔެ ޖަކާޓާގައި ވަނީ ނޫސްވެރިންނަށް ދައްކާލާފަ އެވެ.

ނެދަލޭންޑްސްގެ ކުރީގެ ފޯވަޑް, ކްލައިވަޓްގެ އިރުޝާދުގެ ދަށުން އިންޑޮނޭޝިއާ ކުޅެންޖެހޭ ފުރަތަމަ މެޗުގައި އޮސްޓްރޭލިއާ އާއި ދެކޮޅަށް އަންނަ މާޗު މަހުގެ 20 ވަނަ ދުވަހު ނިކުންނައިރު އޭގެ ފަސް ދުވަސް ފަހުން ނިކުންނާނީ ބަހްރޭން އާއި ދެކޮޅަށެވެ.

އުމުރުން 48 އަހަރުގެ ކްލައިވަޓް މި މަގާމަށް ހަމަޖައްސާފައިވަނީ ކުރިން އެ މަގާމުގައި ހުރި ކޮރެއާގެ ޝިން ޓައެ-ޔޮންގް މަގާމުން ވަކިކުރުމަށްފަހުގަ އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން ކްލައިވަޓް ބުނެފައިވަނީ އޭނާގެ ހަމައެކަނި އަމާޒަކީ އިންޑޮނޭޝިއާ ވޯލްޑްކަޕަށް ކޮލިފައިކޮށްދިނުން ކަމަށާއި އެގޮތުން އެ ޓީމުން ކުޅެންޖެހޭ ފުރަތަމަ ދެ މެޗު ވަރަށް މުހިންމު ކަމަށެވެ.

"އަހަރެންގެ ހުރިހާވެސް އަމާޒަކީ ވޮލްޑްކަޕަށް ކޮލިފައިވުން. އަދި އެކަމަށް މަސައްކަތް ކުރަން ފަށައިގަންނަ ދެ މެޗަކީ ވަރަށް މުހިންމު ދެ މެޗު. އެހެންކަމުން އެ ދެ މެޗުން 4 ޕޮއިންޓު ހޯދުމަކީ އަހަރެންގެ އަމާޒު." ކްލައިވަޓް ބުންޏެވެ.

އިންޑޮނޭޝިއާ ހިމެނޭ ގްރޫޕްގެ ތިންވަނަ މަގާމުގައި މިވަގުތު އޮތްއިރު އެއްވަނައިގައި އޮތީ ޖަޕާނެވެ. އަދި ދެވަނައިގައި އޮތް އޮސްޓްރޭލިއާ އާއި އިންޑޮނޭޝިއާ އާއި ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެވެ. މި ގްރޫޕުގެ އެއްވަނަ އަދި ދެވަނަ އަށް ދާ ދެ ޓީމަކަށް 2026 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ޖާގައެއް ލިބިގެންދާނެ އެވެ.

1938 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ކުޅުނު ފަހުން ފާއިތުވެދިޔަ ދިގު ތާރީޚުގައި އެ ގައުމަށް ވޯލްޑްކަޕުގެ ޖާގައެއް ހޯދިފައެއް ނުވެއެވެ.

ކްލައިވަޓްގެ އިރުޝާދުގެ ދަށުން އިންޑޮނޭޝިއާއިން ތައްޔާރުވާން ފަށާފައިވާއިރު އެ ގައުމުން ދަނީ ގައުމުން ބޭރުގައި ތިބި އިންޑޮނޭޝިއަށް ކުޅުމުގެ ފުރުސަތު ލިބޭނެ އެހެން ގައުމުތަކުގެ ކުޅުންތެރިން ލައްވާ އެގައުމަށް ކުޅުވުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ނެދަލޭންޑްސްގައި އެފަދަ ގިނަ ކުޅުންތެރިންތަކެއް ގިބިކަން ފާހަގަކުރެވެއެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ޔޫރަޕްގެ އެންމެ ވަރުގަދަ ލީގުތަކުގައި ވަރުގަދަ ކްލަބްތަކަށް ކުޅެފައިވާ ކްލައިވަޓް ވަނީ ނެދަލޭންޑްސްގެ އިތުރުން އޮސްޓްރޭލިއާގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.