ސްޕެނިޝް ސުޕަރ ކަޕްގެ ޗެމްޕިއަން ވާދަވެރި ރެއާލް މެޑްރިޑް 5-2 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު ބާސެލޯނާ އިން ހޯދައިފި އެވެ.
ސައުދި އަރަބިއްޔާގެ ރިޔާދުގެ ކިންގް އަބްދުالله ސްޕޯޓްސް ސިޓީ ގައި ކުޅުނު މި މެޗު ބާސެލޯނާއިން ކާމިޔާބުކޮށްފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރާ މޮޅުވެގެންނެވެ. ސްޕެއިންގެ ލަލީގާގައި އެންމެ ފަހުން މި ދެ ޓީމު ބައްދަލުކުރި މެޗުވެސް 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ބާސެލޯނާ އިންނެވެ.
މެޗުގެ ފަސްވަނަ މިނިޓުގައި ރެއާލް މެޑްރިޑްގެ ކިލިއަން އެމްބާޕޭ ވަނީ ލަނޑެއް ޖަހާ ރެއާލް މެޑްރިޑަށް ލީޑު ނަގައިދީފަ އެވެ.
ނަމަވެސް މެޗުގެ 22 ވަނަ މިނިޓުގައި ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ބާސެލޯނާއިން ވަނީ އިތުރު ތިން ލަނޑު ޖަހާފަ އެވެ.
އެގޮތުން މެޗުގެ 36 ވަނަ މިނިޓުގައި ބާސެލޯނާއަށް ލިބުނު ޕެނަލްޓީ އަކުން ރޮބަޓް ލެވަންޑޯސްކީ ލަނޑެއް ޖަހާފައިވާއިރު އޭގެ ތިން މިނިޓު ފަހުން ރަފީނިއާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އަލެހަންދްރޯ ބަލްޑޭ ވެސްވަނީ ލަނޑެއް ޖަހާފަ އެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި ރަފީނިއާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 5-1 އަށް ބަދަލުކޮށްފަ އެވެ. މިއީ މި ސީޒަނުގައި ރަފީނިއާ ޖެހި 19 ވަނަ ގޯލެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 56 ވަނަ މިނިޓުގައި ބާސެލޯނާގެ ގޯލުކީޕަރ އޭރިޔާ ބޭރުން ކިލިއަން އެމްބާޕޭއަށް ފައުލް ކުރުމާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
ބާސެލޯނާއިން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް އޭގެ ފައިދާ އެންމެ އެދެވޭ ގޮތުގައި ރެއާލް މެޑްރިޑަށް ނެގިފައެއް ނުވެއެވެ.
މި މެޗުގައި ރެއާލް މެޑްރިޑް އިން ޖެހި ދެވަނަ ލަނޑު މެޗުގެ 60 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ރޮޑްރިގޯ އެވެ.
މިއީ ބާސެލޯނާއިން މި މުބާރާތް ކާމިޔާބުކުރި 15 ވަނަ ފަހަރެވެ. އަދި 21-2020 ވަނަ އަހަރުގެ ސީޒަނުގައި ޖަރުމަނުގެ ބުންޑެސްލީގާ ބަޔާން މިއުނިކަށް ކާމިޔާބުކޮށްދިން ފަހުން ހެންސީ ފްލިކް އަށް ކާމިޔާބުކުރެވުނު ފުރަތަމަ މުބާރާތްވެސްމެ އެވެ.