ޚަބަރު

ޓެރަރިޒަމާ ދެކޮޅަށް ޤައުމުތައް އެކުގައި ނިކުތުން މުހިއްމު- ރައީސް


ތުރުކީގެ އިސްތަންބުލް އަޓަރޓުކް އެއާޕޯޓުގައި ހިނގި ޓެރަރިޒަމްގެ ޢަމަލުން ދޭހަވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ބައިނަލްއަޤްވާމީ ޤައުމުތަކުން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަންކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހުރިއްޔާ މިހެން ވިދާޅުވީ، ތުރުކީގެ އިސްތަންބުލް އަޓަރޓުކް އެއާޕޯޓުގައި ދިން ބޮމުގެ ޙަމަލާގައި އެތައް ބަޔަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، ތުރުކީގެ ރައީސް ރެކެޕް ތައްޔިބް އެރްތުޤާންއަށް ފޮނުއްވި ހަމްދަރުދީގެ މެސެޖުގައެވެ. ރައީސްގެ މެސެޖުގައި މި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމަކާއި، ނުހަނު ކަންބޮޑުވުމާއިއެކު ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ތުރުކީގައި މިހިނގި ޓެރަރިޒަމްގެ ފިނޑި ޢަމަލު، ދިވެހި ރާއްޖޭގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ، ޤާއުމީ ހިތާމައިގެ މިދަނޑިވަޅުގައި ރާއްޖެއިން ތުރުކީއާއެކު ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ތުރުކީގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ބައިނަލްއަޤްވާމީ ދުނިޔެއާއެކު ރާއްޖެއިން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.