ޚަބަރު

ކަނޑުވެފައި އޮތް 2 މީހަކު ސަލާމަތްކޮށްފި


ހއ. ހޯރަފުށިން ޑިންގީއެއްގައި ފަރުމަހަށް ނިކުމެ އުޅުނު 2 މީހަކު ކަނޑުވެފައި އޮތްވާ ފުލުހުންނާއި މަނަފަރު ރިޒޯޓުގެ މުވައްޒަފުންނާއި ހޯރަފުށީ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ސަލާމަތްކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ވަދު މަސްވެރިކަމަށް ނުކުތް 53 އަހަރުގެ ދިވެހި ފިރިހެނެކާއި، 54 އަހަރުގެ ދިވެހި ފިރިހެނެއްގެ ޚަބަރު ނުވެގެން ޢާއިލާގެ ފަރާތުން ހޯރަފުށީ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައިކަމަށާއި، ފުލުހުންނާއި އާއްމުން ކުރި މަސައްކަތުން ކަނޑުވެފައި ތިއްބައި އެމީހުން ފެނިފައިވަނީ އެދުވަހު 05:30 ހާއިރު ހއ. ގޮއްވާފުށީ އިރުމަތީ ފަރާތު ކަނޑުންކަމަށެވެ.

ފުލުހުން ވިދާޅުވީ ދެ މީހުން ފެނުނު އިރު ޙާލު ދެރަވެފައިވާތީ ހޯރަފުށްޓަށްގެނެސް ހޯރަފުށީ ޞިއްޙީމަރުކަޒުން ފަރުވާދީފައިވާކަމަށެވެ.  ފުލުހުން ވިދާޅުވީ މިހާދިސާ ހިނގަން މެދުވެރިވީ އެމީހުން މަސްވެރިކަމަށް ނުކުތް ޑިންގީ ރާޅަކާ ޖަހައި ބަންޑުންޖަހާލައިގެންކަން މިހާތަނަށް ލިބިފައިވާ މަޢުލޫމާތުން އެނގޭކަމަށެވެ.