ޚަބަރު

ޑިޖިޓަލް ތަރައްޤީ ޤާއިމުކޮށް، ތިމާވެށީގެ ވިލުންތެރިކަން އިތުރުކުރުމާ ގުޅޭގޮތުން އެސްޓޯނިއާއާއެކު މަޝްވަރާކުރައްވައިފި


  • ދެ ޤައުމުގެ ގުޅުން ބަދަހިކޮށް ފަތުރުވެރިކަމާއި، ތަޢުލީމީ ދާއިރާއިން މަސައްކަތް ކުރުމަށް މަޝްވަރާކުރެއްވި

ޑިޖިޓަލް ތަރައްޤީ ޤާއިމުކޮށް، ތިމާވެށީގެ ވިލުންތެރިކަން އިތުރުކުރުމާގުޅޭގޮތުން އެސްޓޯނިއާއާ ރާއްޖެއާ ދެމެދު މަޝްވަރާކުރައްވައިފިއެވެ.

މިމަޝްވަރާކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކާރިސްއާ ބައްދަލުކުރައްވައެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ އެސްޓޯނިއާގެ ރިޔާސީ ގަނޑުވަރުގައެވެ.

މި ބައްދަލުކުރެއްވުމުގައި އެސްޓޯނިއާގެ ރައީސް ޑރ. ކަރިސް ވަނީ، އެމަނިކުފާނުގެ ދަޢުވަތު ޤަބޫލުފުޅުކުރައްވައި އެ ޤައުމަށް ވަޑައިގެންނެވީތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ޤައުމުން ވިދާޅުވި ހޫނު މަރުޙަބާ އާއި އަރިސްކުރެއްވި މެހުމާންދާރީއަށްޓަކައި، ރައީސް ކަރިސް އާއި އެސްޓޯނިއާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދޭދޭ ގުޅުން ބަދަހިކުރުމާއި، ފަތުރުވެރިކަމާއި، ތަޢުލީމު އަދި މޫސުމަށް އަންނަ ބަދަލުތައް ފަދަ، ދެ ޤައުމުން އެކުގައި މަސައްކަތްކުރެވިދާނޭ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ސައިބަރ ސެކިއުރިޓީ އާއި ޑިޖިޓަލް އިނޮވޭޝަންގެ ދާއިރާއިން ޢިލްމު ހިއްސާކުރުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

އެސްޓޯނިއާއަކީ އިޢާދަކުރަނިވި ހަކަތަ އާއި، ސްމާޓް ގްރިޑް އަދި ދެމެހެއްޓެނިވި ޓެކްނޮލޮޖީގެ ދާއިރާގެ މާހިރުންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއީ ދިވެހިރާއްޖެއަށް އަގުހުރި ނަމޫނާއެއް ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގައި ޑިޖިޓަލް ތަރައްޤީ ޤާއިމުކޮށް، ތިމާވެށީގެ ވިލުންތެރިކަން އިތުރުކުރުމުގައި ދެ ޤައުމުން އެކުގައި މަސައްކަތްކުރެވިދާނޭ ގޮތްތަކާ މެދުގައިވެސް އެމަނިކުފާނު މަޝްވަރާކުރެއްވިއެވެ.

ދެ ރައީސުންވެސް ވަނީ، ބައިނަލްއަޤުވާމީ ސެކިއުރިޓީއާ މެދު ޚިޔާލުބަދަލުކުރައްވައި، ބައިނަލްއަޤުވާމީ މައިދާނުގައި ދެ ޤައުމުން ހިއްސާކުރާ ކަންކަމުގައި އެއްބާރުލުންދިނުމަށް، ޢަޒުމުކަނޑައަޅުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ރައީސް ޑރ. އަލާރް ކަރިސްގެ ބައްދަލުކުރެއްވުން ނިންމަވާލެއްވީ، އެސްޓޯނިއާ އާއި ރާއްޖެއާ އޮތް ގުޅުން އިތުރަށް ހަރުދަނާކުރެވިދާނޭކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެ ޤައުމުގެ ރައީސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު އެ ޤައުމަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.