ސިއްޙީ ޚިދުމަތްދޭ ތަންތަނަށް އެމްބިއުލާންސް ހޯދައިދިނުމަށް މިނިސްޓްރީ އޮފް ހެލްތުން އެސްޓީއޯއެކު 5.34 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.
 
މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް އަދި އެސްޓީއޯގެ ޗީފް ފައިނޭންޝަލް އޮފިސަރ މުޙައްމަދު މިހާދުއެވެ.
 
މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެމްބިއުލާންސް ޔަޤީންކޮށްދެއްވުމުގެ ވަޢުދުގެ ދަށުން އެސްޓީއޯއާއެކު އެކަށައެޅި އެއްބަސްވުމުގެ ދަށުން 28 އެމްބިއުލާންސް ރަށްރަށަށް ފޯރުކޮށްދެއްވާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. މިއީ ކުދި އެމްބިއުލާންސްތަކެއް ކަމަށްވުމާއެކު މި އެމްބިއުލާންސް ދެއްވާނީ ބިން ކުދި ރަށްތަކަށް ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.
 
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރޢަބްދުﷲ  ނާޒިމް ވިދާޅުވީ އެސްޓީއޯއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން 28 އެމްބިއުލާންސް ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ލިބިދެވޭނެކަމަށެވެ. މިއާއެކު މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސްގެ ޚިދުމަތް ލިބިގެންދާނެކަމަށް ހެލްތް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
 
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ ޖެނެރަލް މެނޭޖަރ ހުސައިން ޞަބާޙް ވިދާޅުވީ އެއްބަސްވެވުނު ޝެޑިއުލާ އެއްގޮތަށް އެމްބިއުލަންސްތައް ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އެކުންފުނިން ދޭކަމަށެވެ.
 
މި އެއްބަސްވުމުގެ ދަށުން ހޯދޭ އެމްބިއުލާންސްތަކުގައިވެސް ފަސްޓްއެއިޑް ކިޓާއި، އޮކްސިޖަން އަދި ޢާއްމުގޮތެއްގައި ބޭނުންކުރަންޖެހޭ ބޭސްތައް ހުންނާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.
 
ރާއްޖޭގެ 158 ރަށަކަށް 189 އެމްބިއުލާންސް ހޯއްދަވައިދެއްވާފައިވާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.