ޚަބަރު

ކިޑްނީ ބަލި ތަޙައްމަލުކުރާ މީހުންގެ ދިރިއުޅުމަށް، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާއެކު އުއްމީދީ ބަދަލެއް


  • މިވަޢުދުފުޅުގެ ދަށުން ޔޫއޭއީގައި ކިޑްނީގެ ޓްރާންސްޕްލާންޓްކުރެވޭނެ މަގުވަނި ފަހިކޮށްފައި

  • ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ކިޑްނީ ބަލިތައްދަނީ އިތުރުވަމުން

  • ކިޑްނީ ބަދަލުކުރެވުމުން މިބަލި ތަޙައްމަލުކުރަމުންދާ ފަރާތްތަކުގެ ދިރިއުޅުން ބަދަލުވެެގެންދާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، ޔޫއޭއީއާއި ތައިލެންޑުން ބޭސްފަރުވާގެ ޚިދުމަތް ރަސްމީކޮށް އާސަންދަ މެދުވެރިކޮށްދެން މިއަދު ވަނީ ފައްޓަވާފައެވެ.

މިގޮތުން ޔޫއޭއީގެ ހޮސްޕިޓަލުތަކާއި ގުޅިގެން ކިޑްނީ ޓްރާންސްޕްލާންޓް ކުރެވޭނެ މަގުފަހިކޮށްދީފައިވާއިރު، ދިގު މުއްދަތަކަށް ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް، ފަރުވާގެ އިތުރު ފުރުސަތެއް ތައިލެންޑުން ވަނީ ހަމަޖައްސަވާދެއްވާފައެވެ.

ރާއްޖޭގައި ދާއިމީ ބޮޑެތި ބަލިތަކުގެ ވޭން ތަޙައްމަލުކުރަމުންދާ މީހުންގެ ތެރޭގައި ކިޑްނީގެ އެކި ބަލިތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދަމުންދާ މީހުން ނިސްބަތުން ގިނައެވެ. އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން ބޭސްފަރުވާއަށް ދައުލަތުން ކޮންމެ އަހަރަކު 3 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރަމުންދާއިރު މީގެތެރޭގައި ކިޑްނީގެ އެކި ބަލިތަކަށް ދާ މީހުންދަނީ އިތުރުވަމުންނެވެ.

އެހެންކަމުން ޤައުމުގެ އިޤްތިޞާދީ ޙާލަތު ދަށްކޮށް އޮތްނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވީ ދިވެހީންގެ ތެރޭގައި ދާއިމީ ބޮޑު ބައްޔަކަށް ލުޔެއް ބޭނުންވެފައިވާ އެތައް ބަޔަކަށް އެކަން ފަހިކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސެއްވުމަށެވެ.

ކިޑްނީ ބަދަލުކުރުމަށް އެދޭ އެތައް ބައެއްގެ ދިރިއުޅުމަށް އުއްމީދެއް!

ކިޑްނީ ބަދަލު ކުރުމުގެ ފުރުސަތު ފަހިވުމާއެކު، ކާމިޔާބު ދަތުރަކަށްފަހު ބަލިމީހުން ގިނަ ގިނައިން ފަރުވާއަށް ބޭރަށް ދާންޖެހުން މަދުވުމަކީ އާސަންދައިގެ ޚަރަދު ދިގު މުއްދަތުގެ ތެރޭގައި ކުޑަކުރެވޭނެ ކަމެއްވެސްމެއެވެ.

އާންމުންގެ ތެރޭގައި ކިޑްނީ ޓްރާންސްޕްލާންޓްކުރަން ބޭނުންވެ މިކަން ކުރެވޭނެ ގޮތެއް ނެތިފައި މާޔޫސްކަމުގައި ތިބި އެތައް ބަޔަކު އެބަތިއްބެވެ. އެހެންކަމުން އާސަންދައިގެ ޚިދުމަތްފުޅާކުރެވި މި ޚިދުމަތް ލިބެން ފެށުމުން އެފަދަ އެތައް ބައެއްގެ ދިރިއުޅުމަށް އުއްމީދީ ބަދަލެއް އަންނާނެއެވެ.

އާސަންދައިގެ ޚިދުމަތް ޔޫއޭއީ އަދި ތައިލެންޑަށް ފުޅާކުރުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއާއި ވާހަކަދެއްކި ބައެއް އާންމުންވަނީ މިއީ ރަނގަޅު ނިންމުމެއްކަން ފާހަގަކޮށްފައެވެ. އަދި އޭގެ ފައިދާ ރައްޔިތުންނަށް ކުރާނެކަން ޤަބޫލުކުރާކަމަށް ބައެއް ފަރާތްތަކުންވަނީ ބުނެފައެވެ.

"މިއީ ސަރުކާރުން ނިންމެވި ވަރަށް ރަނގަޅު ނިންމެވުމެއް." މީހަކު ބުންޏެވެ. "އިޤްތިޞާދީގޮތުން ރަނގަޅު ނިންމުމެއްކަމަށް ޤަބޫލުކުރެވޭ." އެހެން މީހަކު ބުންޏެވެ.

ރާއްޖެއިން ބޭރުން ޞިއްޙީ ޚިދުމަތް ހޯދުމުގައި ވަކި ޤައުމެއްގައި ހުންނަ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި ފެންވަރު ރަނގަޅު ޚިދުމަތް، ޔޫއޭއީ އަދި ތައިލެންޑުން، އާސަންދައިގެ ދަށުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ނިންމަވާ ރައީސުލްޖުމްހޫރިއްޔާ އެކަން ޢިއުލާނުކުރެއްވީ، އެމަނިކުފާނު މިދިޔަ އަހަރު ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުންނެވެ.

މިއާއެކު އާސަންދައިގެ ދަށުން ޔޫއޭއީއާއި ތައިލެންޑަށް އާސަންދައިގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ނިމުނު އަހަރުގެ ތެރޭގައިވަނީ ކުރައްވާފައެވެ.

"ވަކި ދިމާލަކަށް، ވަކި ޤައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ބޭނުންކުރެވޭ އެއްޗަކަށް ނަހަދާ، އެއަށްވުރެ ފެންވަރު ރަނގަޅު ޤައުމުތަކަށް، ޔޫއޭއީއަށް ތައިލެންޑަށް އިރާދަކުރެއްވިއްޔާ އާސަންދަ ފުޅާކުރާނަން. އެތަންތަނަށް ދާއިރު އެކޮމޮޑޭޝަން އެކްސްޕެންސެސް ހިމެނޭގޮތަށް އިރާދަކުރެއްވިއްޔާ އާސަންދަ ފުޅާކުރާނަން." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

އިޤްތިޞާދީ ނަޒަރިއްޔާއަކުން ބަލާއިރު މިއީ މިވަގުތު ކުރަން ކިތަންމެ ދަތިކަމެއް ނަމަވެސް އެނިންމެވުމަކީ ހިކުމަތްތެރި ނިންމެވުމެކެވެ. ސަބަބަކީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް އެހީ ފޯރުކޮށްދޭ ހުރިހާ އިދާރާއެއްގެ ތަފާސްހިސާބުތަކުގައި ދެވަނައަށް އެންމެ ގިނަ މީހުން ބޭސްފަރުވާއަށް ބޭރަށް ދިޔުމަށް ހޭދަކުރަނީ ކިޑްނީގެ ބަލިތަކަށެވެ.

އެހެންކަމުން މިއީ މިވަގުތު ނިންމެވުމަށް އުނދަގޫ ނިންމެވުމެއްނަމަވެސް މިއީ ދުރު މުސްތަޤުބަލަށް ބަލާއިރު އެތައް ރައްޔިތެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އަންނާނާނެ ބަދަލެކެވެ.

ސިއްޙީ ނިޒާމުގައި ރައްޔިތުންނާއި ގުޅުންހުރި ކަންކަމަށް ބޮޑެތި ބަދަލުތަކެއް!

އާސަންދައިގެ ދަށުން ކިޑްނީ ޓްރާންސްޕްލާންޓްކުރެވޭނެ މަގު ފަހިވެގެންދިޔުމުގެ އިތުރުންވެސް ސިއްޙީ ދާއިރާއަށްދަނީ އެކި ބަދަލުތައް ގެންނަވަމުންނެވެ.

ރައްޔިތުންނާއި ސީދާ ގުޅުންހުރި އެއް ދާއިރާއަކީ ޞިއްޙީ ދާއިރާކަމަށްވުމުން ސަރުކާރުގެ ބަޖެޓުގެ ތެރެއިން އެންމެ ބޮޑަށް ހޭދަކުރަމުންދާ އެއް ދާއިރާއަކީވެސް މި ދާއިރާއެވެ. ޞިއްޙީ ނިޒާމަކީ ޒަމާނުއްސުރެ ދޯދިޔާއެތައްކަމެއް ކުރުމަށް ދޫކޮށްލެވިފައި އޮތް ދާއިރާއެއްކަމުން އެފަދަ އެތައް ކަމެއް ބަދަލުކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ ސީދާ އިރުޝާދުފުޅާއެކު ދަނީ ކުރައްވަމުންނެވެ.

މިގޮތުން އާސަންދައިގެ ދަށުން ކުރަމުންދިޔަ އިސްރާފުތައް ކުޑަކޮށް ޚަރަދުކުޑަ ނިޒާމެއްގެ ތެރެއިން ބަލްކް ޕްރޮކިއުމަންޓް އުސޫލުން ރާއްޖެއަށް ކޮލިޓީ ބޭސް އެތެރެކުރުމުގެ އިންތިޒާމުވަނީ ހަމަޖައްސަވާފައެވެ.

މީގެއިތުރުން ދާއިމީ ބޮޑެތި ބަލިތަކުގެ ތެރޭގައި ހިމެނޭ ކެންސަރު ބައްޔާއި ތެލަސީމިއާއާއި އަންހެނުންނާއި ކުޑަކުދިންނަށް ޚާއްސަ ހޮސްޕިޓަލްތަކެއް ތަރައްޤީކުރުމުގެ މަސައްކަތް މިހާރުވަނީ ފައްޓަވާފައެވެ. އަދި ދިވެހީންގެ ތެރޭގައި ހުރި ސިއްޙީ ކަންބޮޑުވުންތައްކަމުގައިވާ ދަރިމައިވުމުގައި ދިމާވާ މައްސަލަތައް ޙައްލުކޮށް އައިވީއެފްގެ ތެރެއިން ޢާއިލާ ބިނާކުރުމުގެ މަގު އާސަންދައިގެ ތެރެއިން ސަރުކާރުންވަނީ ފަހިކޮށްދެއްވާފައެވެ.

ހަމައެއާއެކު އަތޮޅުތަކުގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ސަރަޙައްދީ ހޮސްޕިޓަލުތަކުގެ ފެންވަރު މަތިކުރުމާއި ރަށްރަށުގެ ސިއްޙީ ޚިދުމަތްދޭ ތަންތަން ވަރުގަދަ ކުރުމަށް ތަފާތު މަސައްކަތްތައްދަނީ ކުރައްވަމުންނެވެ.