އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބޭއްވުމަށް ހަމަޖެހިފައިވާ "ނޫރުލް އަޛާން 1446″ ބަންގި މުބާރާތުގައި ބައިވެރިވެފައިވާ ފަރާތްތަކަށް ބާއްވާ އޮޑިޝަން އަންނަމަހު އިސްލާމީ މަރުކަޒުގައި ބާއްވަން ހަމަޖައްސައިފިއެވެ.
މި އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 11 ފެބްރުއަރީ 2025 ވާ އަންގާރަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
ނޫރުލް އަޛާން ބަންގި މުބާރާތަކީ އުމުރުން 15 އަހަރާއި 20 އަހަރާއި ދެމެދުގެ ފަރާތްތަކަށް އަމާޒުކޮށްގެން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި 40 ފަރާތަކުން ބައިވެރިވެފައިވާއިރު، އޮޑިޝަންގައި ވާދަކުރާނީ މުބާރާތުގައި ވާދަކުރުމަށް ޝަރުތުހަމަވާ 30 ފަރާތަކުންނެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މުބާރާތުގެ މަޤުސަދަކީ ރީތި ރާގުތަކަށް ޞައްޙަ މަގުން ހުނަރުވެރިކަމާއެކު ބަންގިދޭ ޒުވާނުންތަކެއް އުފެއްދުމާއި ޒުވާނުންނާއި ކުދިބޮޑު އެންމެންގެ ހިތްތަކުގައި އެކަމަށް ޝައުޤުވެރިކަން އުފެއްދުންކަމަށެވެ. އަދި ޤައުމުގެ އިސްލާމީ ޝަޚްސިއްޔަތު ވަރުގަދަ ކުރުމާއި ރީތިކޮށް ބަންގިދޭ ޒުވާނުންގެ ޕޫލެއް އެކުލަވާލުމާއި، މި ފަންނުގެ ރޫޙު އާލާކުރުމާއި ދިރުވުމާއި ކުރުއެރުވުމާއި އަދި މިއީ ދާއިރާއެއްގެ ގޮތުގައި ފާހަގަކޮށް މި ދާއިރާގައި އުޅުއްވާ ބޭފުޅުންގެ އަގުވަޒަންކުރުމާއި މާލެސިޓީއާއި މުޅި ރާއްޖޭގެ މުސްތަޤުބަލުގެ އިސްލާމީ ޝަޚްސިއްޔަތު ވަރުގަދަކުރުމެވެ.
މި މުބާރާތުން ވަނަތަކަށް އަންނަ ބައިވެރިންނަށް އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، 1446 ވަނަ އަހަރުގެ ރަމަޟާން މަހު މާލޭގެ ބޮޑެތި މިސްކިތްތަކުގައި ހުކުރު ނަމާދުގެ ބަންގި ގޮވުމުގެ ފުރުސަތު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.