ޚަބަރު

އޭލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި


  • މިދިޔަ އަހަރު 3900 ދަރިވަރުން އޭލެވެލް އިމްތިހާނު ފުރިހަމަ ކުރި

  • ނަތީޖާ ދޫކުރާނީ އެ ދަރިވަރަކު އިމްތިހާނު ހެދި ސެންޓަރަކުން

  • އަމިއްލަ ގޮތުން އިމްތިހާނު ހެދި ދަރިވަރުންގެ ނަތީޖާ ދޫކުރާނީ ޑީޕީއީން

މިދިޔަ އަހަރުގެ އޮކްޓޫބަރު/ ނޮވެމްބަރުގައި ހެދި އޭލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ވިދާޅުވީ އޭލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރާނީ އެ ދަރިވަރަކު އިމްތިހާނު ހެދި ސެންޓަރަކުން ކަމަށެވެ. އަދި އަމިއްލަ ގޮތުން އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ނަތީޖާ ދޫކުރާނީ އެ އިދާރާއިންނެވެ.

އެގޮތުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެވެސް ހެނދުނު 8:30 އިން މެންދުރު 13:30 އަށް ނަތީޖާ ދޫކުރަމުން ދާނެކަމަށްވެސް އެއިދާރާއިން ވިދާޅުވިއެވެ.

މިދިޔަ އަހަރު ބޭއްވި އޭލެވެލް އިމްތިހާނު 3900 ދަރިވަރުން ހަދާފައިވާކަމަށް ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މިއިމްތިހާނުތައް 47 ސެންޓަރެއްގައި ކުރިއަށް ގެންދިޔައެވެ.

ރާއްޖޭގެ 23 ސްކޫލެއްގައި އޯލެވެލް ނިންމާ ހުރިހާ ދަރިވަރުންނަށް މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ.އިސްމާޢިލް ޝަފީޢުވަނީ ވިދާޅުވެފައެވެ. އެގޮތުން 2 މާއްދާއިން ފާސްވާ ދަރިވަރުންނަށްވެސް މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތު ލިބޭނެކަމަށާއި ސްކޫލްތަކުގައި ޖާގަ އޮތް މިންވަރަކުން އެއް މާއްދާއިން ފާސްވާ ދަރިވަރުންނަށްވެސް އެފުރުސަތު އޮންނާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެެވެ.