އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ސައުތެމްޓަންއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު އަމަދް ޑިއާލޯ ހެދި ހެޓްރިކާއެކު 3-1 ގެ ނަތީޖާތަކުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެއެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި މެންޗެސްޓަރ ޔުނައިޓެޑްގެ މެނުއެލް އުގާޓޭ އަތުން ބައިކޮޅަށް ވަން ލަނޑާއެކު ސައުތެމްޓަން އިން ވަނީ ލީޑު ނަގާފަ އެވެ. އެއާއިއެކު 1930 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ހަތަރުވަނަ މެޗުން ބަލިވުމުގެ ބިރާއި ޔުނައިޓެޑް އިން ވަނީ ކުރިމަތިލާން ޖެހިފަ އެވެ.
ނަމަވެސް ޔުނައިޓެޑާއިއެކު ހަދާފައިވާ އެއްބަސްވުން އިތުރު ފަސް އަހަރަށް މިދިޔަ ހަފްތާގައި އިތުރުކޮށްފައިވާ އަމަދު ޑިއާލޯ ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައިވަނިކޮށް ތިން ލަނޑު ޖަހާ މެޗުގެ ނަތީޖާ ބަދަލުކޮށް ޔުނައިޓެޑަށް މި މެޗުން ތިން ޕޮއިންޓް ހޯދަދީފަ އެވެ.
މި މެޗަށްފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ބުނެފައިވަނީ ޑިއާލޯގެ ފަރާތުން ތަފާތުތަކެއް ފެންނަމުންދާ ކަމަށާއި އަދިވެސް އޭނާއަށް ރަގަޅު ކުރެވޭނެ ކަންތައްތައް އެބަހުރި ކަމަށެވެ.
އަދި އެ ޓީމުން ހިމެނޭ ހުރިހާ ކުޅުންތެރިންނަކީވެސް އެއްވަރަކަށް ޒިންމާތައް އުފުލަންޖެހޭ ބައެއް ކަމަށްވެސް އަމޮރިމް ވަނީ ބުނެފަ އެވެ.
މި މެޗުން ޔުނައިޓެޑް މޮޅުވެފައިވާއިރު އެ ޓީމަށް 21 މެޗުން ލިބިފައިވާ 26 ޕޮއިންޓާއެކު އޮތީ ތާވަލުގެ 12 ވަނައިގަ އެވެ. ސައުތެމްޓަން އަށް 21 މެޗުން ލިބިފައިވާ 6 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ފުލުގަ އެވެ.