ދަތުރުފަތުރާބެހޭ ވުޒާރާގެ ސިސްޓަމްތައް ނަހަމަގޮތުގައި ބޭނުންކުރުމުގެ ސަބަބުން ގަވާއިދާ ހިލާފަށް އުޅަނދު ރަޖިސްޓްރީކުރުމުގެ ފުރުސަތު ބޮޑުވިކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓް އޮފީހުން ތައްޔާރުކޮށްފައިވާ އޮޑިޓްގައި ބަލާފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން 2023ގެ އޮގަސްޓުގެ ނިޔަލަށް ކޮށްފައިވާ މަސައްކަތްތަކާއި 2018ވަނަ އަހަރުން ފެށިގެން މެއި 2023އާ ދެމެދު، މަސައްކަތްތައް ހަރުދަނާ ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތައްޔާރުކޮށްފައިވާ ދަތުރުފަތުރާބެހޭ ވުޒާރާގެ އޮޑިޓުން ފާހަގަކޮށްފައިވާ މައްސަލަތަކުގެތެރޭގައި އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ރަޖިސްޓްރޭޝަނަށް ބޭނުންކުރާ "މެޓްރިސް" ސިސްޓަމުގައި ކޮންޓްރޯލް މައްސަލަތައް ހުރުމުން، އެ ސިސްޓަމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވެއެވެ. އޭގެ ސަބަބުން ގަވާއިދާ ހިލާފަށް އުޅަނދު ރަޖިސްޓްރީކުރުމުގެ ފުރުސަތު ބޮޑުވި ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި އޮޑިޓްގައި ވާގޮތުން އެ ވުޒާރާގެ ޚިދުމަތް ދިނުމުގައި އިންޓަގްރޭޓްކޮށްފައިވާ ގިނަ ސިސްޓަމްތަކެއް ބޭނުންކޮށްފައިވެއެވެ. އޭގެ ސަބަބުން ސިސްޓަމްގެ ބޭރުންނާއި މެނުއަލްކޮށް ކުރަންޖެހޭ މަސައްކަތްތައް ގިނަވެ ހިދުމަތް ދިނުމަށް ނަގާ ވަގުތުވެސް އިތުރުވިކަމަށެވެ.
މީގެއިތުރުން ސިސްޓަމްތައް ޒަމާނީ ޓެކްނޮލޮޖީއަށް ފައްތަންކޮށްފައިވާ މަސައްކަތުން، އަހަރުތަކަކަށް ދިގުލައިގެން ގޮސްފައިވާ މައްސަލަތަަކަށް ހައްލެއް ލިބިފައި ނުވާކަމަށް އޮޑިޓްގައިވެއެވެ. އަދި އެ ވުޒާރާއިން ފޯރުކޮށްދޭ ކަނޑު އުޅަނދުފަހަރާ ގުޅޭ ހިދުމަތްތަކަށް ހާއްސަ ކޮށްގެން ފަރުމާކުރަން ފެށި "ޓޭވީސް ސިސްޓަމް" ބޭނުންކޮށްފައި ނުވުމާއި ހިދުމަތްތައް އެއް ސިސްޓަމެއްގެ ދަށަށް ގެނައުމަށްޓަކައި ތައާރަފުކުރި "ސިމްސް" ސިސްޓަމުން އިންޓަގްރޭޓެޑް ހައްލެއް ލިބިފައި ނުވާކަމަށް އޮޑިޓު ރިޕޯޓުގައިވެއެވެ.
އޮޑިޓް ރިޕޯޓުގައި ވަނީ ދަތުރުފަތުރާބެހޭ ވުޒާރާގެ އައިޓީ ސިސްޓަމް ބަލަހައްޓާނެ ހަރުދަނާ ނިޒާމެއް ނެތްކަމަށެވެ. އަދި އައިޓީ ސިސްޓަމްތައް ހަރުދަނާ ކުރުމަށް ދުރުރާސްތާ ޕްލޭނެއް ވެސް ހަދާފަނެތްކަމަށް ރިޕޯޓުގައިވެއެވެ.
ދަތުރުފަތުރާބެހޭ ވުޒާރާއިން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ ޝަކުވާ ގިނަކަން ފާހަގަކޮށްފައިވާއިރު ފޯނު ކޯލާއި އީމެއިލް މެދުވެރިކޮށް ހިއްސާ ކުރެވޭނެ ގޮތެއް އޮތަސް، ކޯލް ސެންޓަރު ހިންގާނެ ވަކި އުސޫލެއްނެތެވެ. މިކަންކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު ދަށްވެ، އާންމު ރައްޔިތުން މިނިސްޓްރީއަށް ކުރާ އިތުބާރު ކުޑަވެފައިވާކަން އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ. އަދި މުވައްޒަފުންނަށް އެންގުމަކާ ނުލައި އެ މީހުންގެ މަސްއޫލިއްޔަތުތައް އެހެން މީހުންނާ ހަވާލުކުރުމާއި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރަން ތަމްރީނު ޕްރޮގްރާމުތައް ހިންގާފައި ނުވާކަން ވެސް އޮޑިޓު ރިޕޯޓުން ފާހަގަކޮށްފައިވެއެވެ.
މި މައްސަލަތަކާ ގުޅިގެން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ދަތުރުފަތުރާބެހޭ ވުޒާރާ ހިންގުމަށް އިސްލާހު ގެނައުމަށް ލަފާތަކެއް ދީފައެވެ. އޭގެތެރޭގައި އައިޓީ ސިސްޓަމްތައް ބަލަހައްޓާނެ ގޮތުގެ ދުރުރާސްތާ ޕްލޭނެއް އެކުލަވާލައި ހިދުމަތް ފޯރުކޮށްދިނުމުގައި ފާހަގަކުރެވޭ ގޮންޖެހުންތަކަށް ހައްލު ކުރެވޭނެ ގޮތަށް ވީ އެންމެ އަވަހަކަށް ސިސްޓަމްތައް ގާއިމުކުރުން ހިމެނެއެވެ.
މީގެއިތުރުން ސިސްޓަމަށް ބަދަލު ގެނައުމުގެ ޒިންމާ ނަގާ މުވައްޒަފާއި ގެންނަ ހުރިހާ ބަދަލުތަކެއްގެ ތަފްސީލު ސިސްޓަމުން ފެންނާނެ ގޮތެއް ހަމަޖެއްސުމުގެ އިތުރުން މުވައްޒަފުންގެ ވަޒީފާގެ މަސްއޫލިއްޔަތާއި ޒިންމާތަކާ އެއްގޮތްވާ ގޮތުގެ މަތިން މުވައްޒަފުންނަށް ސިސްޓަމަށް އެކްސެސް ދިނުމަށް ވެސް އޮޑިޓަ ޖެނެރަލް ލަފާދެއްވާފައިވެއެވެ.
އޮޑިޓަރ ޖެނެރަލް ވަނީ ސިސްޓަމްގެ ލޮގްތައް ގަވާއިދުން ރިވިއުކޮށް، މޮނިޓާ ކުރުމަށްވެސް ދަތުރުފަތުރާ ބެހޭ ވުޒާރާއަށް ލަފާދެއްވާފައެވެ.