އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރެންޓްފޯޑް އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގެ ފަހު ވަގުތު ޑާވިން ނޫނެޒް ޖެހި ދެ ލަނޑާއެކު 2-0 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވެއްޖެ އެވެ.
ރަށުން ބޭރުގައި ލިވަޕޫލް ކުޅުނު މި މެޗު ކާމިޔާބުކުރުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 21 މެޗުން 50 ޕޮއިންޓް ލިބިފަ އެވެ. ދެވަނައިގައި އޮތް އާސެނަލް އަށް އެއް މެޗު އިތުރަށް ކުޅެގެން ލިބިފައިވަނީ 44 ޕޮއިންޓެވެ. މި މޮޅާއެކު ލިވަޕޫލް އަށް ވަނީ ތާވަލުގެ ކުރީގައި ހަ ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ.
މި މެޗުގެ ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ލިވަޕޫލް އިން ވަނީ ބްރެންޓްފޯޑްގެ ގޯލައް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ވިހިވަނަ މިނިޓުގައި ލިވަޕޫލްގެ ކޯޗު ސްލޮޓް ވަނީ އެއް ފަހަރާ ދެ ބަދަލު ގެނެސްފަ އެވެ. އެގޮތުން ލުއިޒް ޑިއާޒް އާއި ސިމިކަސްގެ ބަދަލުގައި ޑާވިން ނޫނޭޒް އާއި އެންޑީ ރޮބަޓްސަން ވަނީ ކުޅެން އަރުވާފަ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނިޓަށް ވެފައިވަނިކޮށް އެލިއޮޓް އާއި ޖޯން ވަނީ ކުޅެން އަރުވާފަ އެވެ.
ލިވަޕޫލް އިން މި މެޗުގައި ޖެހި ފުރަތަމަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ކުޅުމުގެ ފުރަތަމަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޑާވިން ނޫނޭޒް އެވެ. އަދި އޭގެ ދެ މިނިޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މި މެޗުން ލިވަޕޫލް އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.