ޚަބަރު

ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު 48 ވަނަ ސެޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ


  • ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު

  • ޔޫ.ޕީ.އާރްގެ މި ސެޝްނަގައި ރިވިއު ކުރެވޭ 14 ޤައުމު ހިމެނޭ

ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ.ޕީ.އާރް) ގެ 48 ވަނަ ސެޝަންގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

ޖެނީވާގެ ޕެލޭ ޑި ނޭޝަންސްގައި ދެ ހަފުތާގެ މުއްދަތަކަށް ކުރިއަށްދާ މި ސެޝަންގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޖެނީވާގައި ހުންނަ އ.ދގެ އޮފީހަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. އަދި މި ވަފުދުގައި ކައުންސެލަރ އާދަމް ހާމިދުއާއި، ކައުންސެލަރ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމްއާއި އެޓާޝޭ މުޙައްމަދު ރާއިދު ސައީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ފަހަރުގެ ޔޫ.ޕީ.އާރު. ބައްދަލުވުމުގައިވެސް ދިވެހިރާއްޖޭގެ ވަފުދުން ބައިވެރިވެ، ދިވެހި ސަރުކާރުގެ މުހިންމު ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބިނާކުރަނިވި އިސްލާޙުތަކެއް ރިވިއުކުރެވޭ ޤައުމުތަކަށް ހުށަހަޅާނެއެވެ.

ޔޫ.ޕީ.އާރްގެ މި ސެޝްނަގައި ރިވިއު ކުރެވޭ 14 ޤައުމު ހިމެނެއެވެ. އެއީ އެންގޯލާ، ބޮލީވިއާ ބޮސްނިއާއާއި ހަރޒެގޮވީނާއެވެ. އަދި މިސްރު، އެލް ސަލްވަޑޮރ، ފީޖީ، ދަ ގެމްބިއާ، އީރާން، އިރާޤް، އިޓަލީ، ކަޒަކްސްތާން، މެޑަގަސްކާ، ސެން މެރީނޯ އަދި ސްލޮވީނިއާވެސް ހިމެނެއެވެ.

ޔޫ.ޕީ.އާރް. ވަރކިންގ ގްރޫޕުން އަހަރަކު ތިން ސެޝަން ބާއްވައެވެ. އެގޮތުން، ޔޫ.ޕީ.އާރް. ގެ ހަތަރުވަނަ ރިވިއު ސައިކަލް 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފަށާފައިވާއިރު، މި ސައިކަލް ނިމޭނީ 2027 ވަނަ އަހަރުއެވެ. ޔޫ.ޕީ.އާރް. އަކީ އ.ދ.ގެ މެމްބަރު ޤައުމުތަކުގެ އިންސާނީ ހައްޤުތަކުގެ މުޅި ހާލަތަށް ރިޢާއަތްކޮށް އެޤައުމަކުން އިންސާނީ ޙައްޤުތައް ނަގަހައްޓާ މިންވަރު ވަޒަންކުރުމަށް އެކުލަވާލެވިފައިވާ ނިޒާމެކެވެ.

އިންސާނީ ހައްޤުތަކުގެ ޙާލަތު ރަނގަޅުކުރުމަށާއި، އިންސާނީ ހައްޤުތައް ކަށަވަރުކުރުމުގައި މެމްބަރު ޤައުމުތަކުން ހޯދާފައިވާ ކުރިއެރުން އ.ދ ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލަށް ހުށަހެޅުމުގެ ފުރުޞަތު ޔޫ.ޕީ.އާރު. މެދުވެރިކޮށް ލިބެއެވެ. އަދި ޔޫ.ޕީ.އާރް. ގެ ނިޒާމު ޤާއިމުކޮށްފައިވަނީ އިންސާނީ ޙައްޤުތަކާ ގުޅޭ އިލްތިޒާމުތައް އުފުލުމުގައި މެމްބަރު ޤައުމުތަކުން އިތުރަށް ރަނގަޅުކުރަން ފެންނަ ކަންކަން ހުށަހަޅައި، އެޤައުމުތަކުން ކުރަމުން އަންނަ މަސައްކަތް އަގުވަޒަންކުރެވޭނެ ފަދަ ގޮތަކަށެވެ.