ޚަބަރު

އަމަން ބަލަހައްޓަމުން ފަތުރުވެރިންތަކަކަށް ނަގައިދިން ފޮޓޯއަށް އެތައް ބައެއްގެ ސަމާލުކަން


  • ފުލުހުންގެ އަމާޒަކީ ކުށް މަދުކުރުމަށް ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރުން

  • ގްރީން ޒޯންގައި ހިމެނޭ ފުލުހެއްވަނީ ފަތުރުވެރިންގެ އެދުމަކަށް އެމީހުންގެ ފޮޓޯއެއް ނަގައިދީފައި

ދިވެހި ފުލުހުން ގެންދަވަނީ، ރައްޔިތުންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ހުރިހާ ފަރާތެއްގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރެއާއި ދުވާލު މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ޤައުމީ މި ޚިދުމަތުގައި މަސައްކަތް ކުރައްވާ ފުލުހުންގެ ފަރާތުން ދޭތެރެ ދޭތެރެއިން ފެނިގެންދާ ހިތްގައިމު އެކި މަންޒަރުތަކަށް އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބިގެންދެއެވެ.

މިފަހަރުވެސް މިއޮތީ އެފަދަ ކަމެއް ދިވެހި ފުލުހުންގެ ފަރާތުން ފެނިގެން ގޮސްފައެވެ. މާލޭގެ މަގުތައް ބެލެހެއްޓުމަށް ފުލުހުން ޚާއްސަ ސަމާލުކަމެއް ދެއްވައިގެން އޮޕަރޭޝަންތައް ކުރިއަށްގެންދަވައެވެ. މިގޮތުން ގްރީން ޒޯންގައި ހިމެނޭ ޖުމްހޫރީ މައިދާން ސަރަޙައްދު ބެލެހެއްޓުމަށް ހަރަކާތްތެރިވަމުންދިޔަ ފުލުހެއްގެ ކިބައިން ފަތުރުވެރިންތަކެއް ފޮޓޯއެއް ނަގައިދިނުމަށް އެދުމުން ފުލުސް އޮފިސަރު ފަތުރުވެރިންނަށް ފޮޓޯ ނަގައިދިން މަންޒަރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

މިއީ ބަލާބެލުމަށް މާބޮޑު ކަމެއް ނޫންނަމަވެސް، މީގެ ސަބަބުން ދިވެހި ފުލުހުންނާ މެދު ރައްޔިތުންގެ ހިތުގައި އޮތް ލޯތްބާއި އިޙްތިރާމް އިތުރުވެގެންދެއެވެ. އަދި މިއީ އެހެން ޤައުމެއްގެ ރައްޔިތުންގެ ހިތުގައި ދިވެހީރާއްޖެއާއި މެދުވެސް ކުލުނު ޖެހިގެންދާނެ ފަދަ ރިވެތި ނަމޫނާއެކެވެ.


މިނޫނަސް ރައްޔިތުންނަށް އެކި ކަހަލަ އެހީތެރިކަން ބޭނުންވާ ވަގުތުތަކުގައި އަމަން ބެލެހެއްޓުމަށާއި އަމިއްލަ އެކި ބޭނުންތަކުގައި މަގުމަތީގައި ހަރަކާތްތެރިވަމުންދާ ފުލުހުންގެ ފަރާތުން ރިވެތި މިސާލުތައް ފެނެއެވެ.

ރައްޔިތުންނާއި ގާތުން ފުލުހުންގެ ޚިދުމަތްދިނުމަށް އަވައްޓެރި ފުލުހުންގެ ނަމުގައި ފުލުހުންދަނީ ޚިދުމަތް ދެއްވަމުންނެވެ. މީގެ ދަށުން ރައްޔިތުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ރައްޔިތުންގެ ބައިވެރިވުން ހިމެނޭހެން މަސައްކަތްކުރެވޭނެ މާހައުލެއް ޤާއިމުވެގެންދާނެކަމަށް ފުލުހުން ވިދާޅުވެއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓޫރިސްޓް ޕޮލިސްގެ ނަމުގައިވެސް ފުލުހުންގެންދަވަނީ ޚިދުމަތް ދެއްވަމުންނެވެ. ފުލުހުންގެ މަސައްކަތް ކުރަމުން އައިގޮތް ބަދަލުކޮށް ކުށަށް އަރައިގަތުމުގެ ކުރިން އެކަމަކުން މުޖުތަމަޢު ރައްކަތެރިކުރުމަށް ރައްޔިތުންނާ ގުޅިގެންދަނީ އެކި ގޮތްގޮތުން މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކަން އޮންނަ ގޮތް ނޭނގި އަރައިގަނެވޭ އެކި ކުށްތަކަށް ފިޔަވަޅުއަޅާ، އަދަބު ދިނުމުގެ ބަދަލުގައި ކަންކަން އޮންނަ ގޮތް ކިޔައިދީގެން ކަންކަން އިސްލާޙުކުރުމަށް ފުލުހުންދަނީ މަސައްކަތް ކުރައްވަމުންނެވެ.

މިއީ ޤައުމެއްގެ ފުލުހުންގެ ކިބައިން މަދުން ނޫނީ ނުފެންނަ ސިފަތަކެކެވެ. އެޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެހީތެރިވުމަށް ފުލުހުންގެ ވަގުތު ހުސްކުރުމަކީ ފުލުހުންގެ ކިބައިން އާއްމުކޮށް ފެނިގެންދާ މަންޒރުތަކެއް ނޫންކަމަށްވުމީ މިފަދަ ކަންކަމަށް ރައްޔިތުންގެ ސަމާލުކަން ހުއްޓޭ މައިގަނޑު އެއް ސަބަބުވެސްމެއެވެ.