ޚަބަރު

އުނގޫފާރުގައި އެމްއައިބީގެ ސޭލްސް ސެންޓަރަކާއި އޭޓީއެމްއެއް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި


  • މިއީ މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި ހިމެނިގެން ކުރިއަށްގެންދާ މަސައްކަތެއް

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ސޭލްސް ސެންޓަރަކާއި އޭޓީއެމްއެއް ޤާއިމްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އުނގޫފާރުގެ ރައްޔިތުންނާ ބަދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

އުނގޫފާރުގައި އެމްއައިބީގެ އޭޓީއެމްއަކާއި ސޭލްސް ސެންޓަރެއް ޤާއިމްކުރުމުގެ މަޝްރޫޢުޢަކީ މުޅި ރާއްޖެއަށް ބޭންކިންގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. އުނގޫފާރުގައި، އެމްއައިބީގެ އޭޓީއެމް އަދި ސޭލްސް ސެންޓަރު ޤާޢިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެ ރަށު ކައުންސިލާއެކުގައެވެ. އުނގޫފާރު ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދުއެވެ. އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ މުފައްދަލް އިދްރީސް ޚުމްރީއެވެ.

އުނގޫފާރުގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްއެއް ޤާއިމްކުރަން ނިންމަވާފައިވާއިރު، އެ ރަށަކީ ސަރުކާރުން އާރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރަށެކެވެ. އެގޮތުން އެކި ޚިދުމަތްތައް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެނެވެ.

އެމްއައިބީގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ތެރެއިން މިއަހަރު އިތުރު 19 ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން މި 19 ރަށުގައި ޑޮލަރު އޭޓީއެމް ހިމެނޭހެން 23 އޭޓިއެމްއެއް ބަހައްޓާނެއެވެ. މީގެ އިތުރުން 4 ރަށެއްގައި ސޭލްސް ސެންޓަރު ޤާއިމްކުރާނެ ކަމަށް ވަނީ އިއުލާންކުރައްވާފައެވެ. އެ ރަށްތަކަކީ ރ. އުނގުފާރު، ށ. ފުނަދޫ، ކ. މާލެ އަދި ގއ. ވިލިނގިލި އެވެ.