ރިޔާސީ ކެމްޕޭނުގެ ވައުދުފުޅާއި އެއްގޮތަށް ދުނިޔޭގެ ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ރ. އަތޮޅުގައި ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރ. އުނގޫފާރު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް ރ. އަތޮޅުގައި ފީފާ ފެންވަރުގެ ފުޓްބޯޅަ ދަނޑެއް އެޅުމަށް ކުޅިވަރާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު މިއަދު ރ. އަތޮޅު ކައުންސިލާއެކު އެކަމާ ގުޅޭ މަޝްވަރާތައް ކުރައްވާފައިވާ ކަމަށެވެ. އަދި އުނގޫފާރުގައި ކުޅިވަރުގެ އިތުރު ވަސީލަތްތައްވެސް ޤާއިމު ކޮށްދެއްވާނެކަމުގެ ޔަޤީންކަން އެރަށުގެ ރައްޔިތުންނަށް ރައީސް ދެއްވިއެވެ.
ރ. އަތޮޅުގައިވެސް ހުއްޓިފައިހުރި ކުޅިވަރު ވަސީލަތްތައް ޤާއިމު ކުރުމުގެ ކަންކަން އެބަހުރިކަމަށާއި، މި އަހަރުގެ ތެރޭގައި އެކަހަލަ ގިނަ ކަންކަންވެސް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ޒުވާނުންނަށް ބޭނުންވާ އަދި އަންހެން ބޭފުޅުންނަށްވެސް ވަރަށް ބޭނުންވާ، ވަރަށް މުހިންމު ކަމެއް، ދުޅަހެޔޮ ޞިއްޙަތުގައި ތިބުމަށް ކުޅިވަރު ކުޅުމަކީ. ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ވަސީލަތްތައް ޤާއިމުކޮށްދިނުމަކީވެސް މި އަހަރުގެ ބަޖެޓް ތެރެއިން އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް." ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މިއަދު ރ. އަނގޮޅިތީމުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ ގިނަ ރަށްތަކެއްގައި ފުޓްސަލް ދަނޑާއި، ފުޓުބޯޅަދަނޑުތަކާއި ވޮލީ ކޯޓުތައް ފަށާ ނުނިމިފައި ނުވަތަ މަރާތުކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށާއި، ކުރިޔަށް އޮތް 2 އަހަރުގެ ތެރޭގައި އެތަންތަން ނިންމަވާ ދެއްވުމަށް އިސްކަން ދެއްވާނެ ކަމަށެވެ. އަދި އަންހެނުންނަށް ހާއްސަ ހޭންޑް ބޯޅަ ކޯޓެއް އަނގޮޅިތީމުގައި އަޅުއްވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެހެންމެ އަދި ޔޫތު ސެންޓަރަށް ބޭނުންވާ ތަކެތި ހަމަކުރުމާއި، ޔޫތު ސެންޓަރު އަޅަން ބޭނުންވާ ރަށްތަކުގައި އެކަން ކުރުމުގެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ކުރިޔަށް ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.