ރ.މަޑުއްވަރީ ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ. މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައި ކައުންސިލް އިދާރާގެ ބިންގާ އަޅުއްވާދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރުއެވެ.
ރ.މަޑުއްވަރީ ކައުންސިލްގެ އައު އޮފީސް އިމާރާތަކީ، ރަށްރަށުގެ ކައުންސިލްތަކުގެ ޖާގައިގެ މައްސަލަ ހައްލުކޮށްދެއްވުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގައި، އެންމެ ފުރަތަމަ ބިންގާ އެޅި އޮފީސް އިމާތެވެ.
މަޑުވަރިއަކީ މެލޭޝިއާގެ ހެކްސްޓަރ ގްލޯބަލްއާ ހަވާލުކުރި 55 ކައުންސިލެއްގެ އައު އިމާރާތް އެޅުމުގެ މަޝްރޫޢުގައި ހިމެނޭ ރަށެކެވެ. މަޑުއްވަރީ ކައުންސިލްގެ އައު އިމާރާތަކީ 2 ފަންގިފިލާގެ އިމާރާތެކެވެ.
ކައުންސިލްގެ އައު އިމާރާތާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަޑުއްވަރީ ކައުންސިލްގެ ރައީސް މުޙައްމަދު ޞާދިޤް ވިދާޅުވީ، މިއީ ރަށުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަމަށެވެ. ޞާދިޤް ވިދާޅުވީ މިހާރުގެ ބޭނުންކުރަމުންދާ އިމާރާތަކީ ކަތީބުން ވެރިކަންކުރި ޒަމާނުގައި ބޭނުންކުރި، ޖާގައިގެގޮތުން ވަރަށް ކުޑަ އިމާރާތެއްކަމަށާއި، މިއިމާރާތް ބޭނުންކުރަމުން އައީ އެތަނުގެ އާބާތުރަފިލުވައިގެން ކަމަށެވެ.
ޖާގައިގެ ދަތިކަމުގެ ސަބަބުން، ކައުންސިލްގެ އައު އޮނިގަނޑާ އެއްގޮތަށް މުވައްޒަފުން ނެގުމުގައިވެސް ދަތިތައް ކުރިމަތިވެފައިވާކަމަށް ޞާދިޤް ވިދާޅުވިއެވެ. ނަމަވެސް އައު އިމާރާތާއެކު އައު ފެސިލިޓީތައް ލިބިގެން ދިއުމުން ޖާގައިގެ މައްސަލަ ޙައްލުވުމުގެ އިތުރުން، ކައުންސިލަށް އާމްދަނީ އިތުރުކުރުމުގެ މަގުފަހިވެގެންދާނެކަމަށެވެ.
"އެންމެ ފުރަތަމަ އޮފީސް އިމާރާތުގެ ބިންގާ އަޅާ ރަށްތަކުގައި މަޑުއްވަރި ހިމެނޭތީ ރައީސަށް ޝުކުރު ދަންނަވަން. އައު އިމާރާތާއެކު ކޮންފަރެންސް ހޯލާ، ކައުންސިލަރުންނަށް ވަކި ރޫމާއި އިދާރީ ވަކިވަކި ޔުނިޓްތައްވެސް ވަކިން މެނޭޖްކުރަން ޖާގަ ލިބޭނެ. ކޮންފަރެންސް ހޯލް ކުއްޔައްދީގެން ކޮންމެވެސްވަރެއްގެ އާމްދަނީއެއްވެސް ލިބޭނެ." މަޑުއްވަރީ ކައުންސިލްގެ ރައީސް މުޙައްމަދު ޞާދިޤް ވިދާޅުވިއެވެ.
ރަށްރަށުގެ ކައުންސިލްތަކުގެ ޖާގައިގެ މައްސަލަ ހައްލުކޮށްދެއްވުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގައި، 105 ރަށެއްގެ ކައުންސިލް އިމާރާތްކުރުމަށް މިހާތަނަށްވަނީ އިޢުލާނުކޮށްފައެވެ. މީގެތެރެއިން 55 ރަށުގެ މަސައްކަތް މިހާރު ވަނީ ކޮންޓްރެކްޓަރާ ހަވާލުކޮށްފައެވެ. މި 105 ރަށުގެ މަސައްކަތް ނިމޭއިރު، ޖުމްލަކޮށް %70 ކައުންސިލްގެ ޖާގައިގެ މައްސަލައަށް ޙައްލު ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.