ރ. އިންނަމަދޫ ކައުންސިލް އިދާރާގެ އައު އިމާރާތާއި އައު ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅައިފިއެވެ.
މިތަންތަނުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންނަމާދޫއަށް ވަޑައިގެންނެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިންނަމާދޫ ވޮލީ ކޯޓު ހުޅުއްވަވާ ދެއްވާ ވޮލީ ކޯޓު ބައްލަވާލައްވާފައެވެ.
އިންނަމާދޫގެ ޕޮލިސްޓްސްޓޭޝަންގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާންއާއި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢުއެވެ. އަދި ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފްއެވެ.
ޖާގައިގެ ދަތިކަން އޮތް ކައުންސިލްތަކަށް އައު އޮފީސް އިމާރަތްކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން ހާލަތު ދަށް 55 ރަށެއްގެ ކައުންސިލް އައު އިމާރާތް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކާ ސަރުކާރުން މި ހަފްތާގައި ޙަވާލުކޮށްފައިވާއިރު، މި 55 ރަށުގެ ތެރޭގައި އިންނަމާދޫވެސް ހިމެނެއެވެ.
ކައުންސިލް އިމާރާތް އެޅުމުގެ ޕްރޮޖެކްޓް ހަވާލުކޮށްފަވަނީ މެލޭޝިއާގެ ކުންފުންޏެއްކަމަށްކަމަށްވާ ހެކްސްޓަރ ގްލޯބަލްއާއެވެ. މި 55 ރަށުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މަސައްކަތްތައް ކުރިއަށްގެންދާގޮތަށެވެ. މި މަޝްރޫޢު ނިންމުމަށް އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 2 އަހަރާއި 6 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 55 ކައުންސިލެއް އިމާރާތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފައިވާއިރު، ޗައިނާ ސަރުކާރުގެ އެހީއާއެކު 50 ކައުންސިލެއްވެސް ތަރައްޤީކުރުމަށް ވަނީ ނިންމަވާފައެވެ. ސަރުކާރުގެ ޢަމާޒަކީ ޙާލަތު ދަށްކޮށް ހުރި ހުރިހާ ރަށެއްގެ ކައުންސިލް އިދާރާތަކަށް މިދައުރުގެ ތެރޭގައި އައު އިމާރާތްތައް ޤާއިމުކޮށްދިނުމެވެ.
ރަށްރަށުގައި ޕޮލިސްޓޭޝަންތައް ތަރައްޤީކުރުމުގެ މަސައްކަތަށް ބަލާއިރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 2 އަހަރުތެރޭ ޕޮލިސް ސްޓޭޝަންތައް ޤާއިމްކުރައްވާނެކަމަށް ދާޚިލީ ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި ޕޮލިސް ސްޓޭޝަން ނެތް 46 ރަށެއް ފާހަގަކޮށްފައިވާއިރު 2027 ވަނަ އަހަރުގެ ކުރިން ހުރިހާ ރަށެއްގައި ޕޮލިސް ސްޓޭޝަންތައް ޤާއިމްކުރުމަކީ ސަރުކާރުގެ އަމާޒެވެ. މިހަރުވެސް ސަރުކާރުން ވަނީ އެކި ރަށްރަށުގައި ޕޮލިސް ޕޯސްޓްތައް ތަރައްޤީކޮށް އެ ޚިދުމަތް ރަށްރަށުން ދެމުންނެވެ.