ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖެއަށް ގެންނަވަން ބޭނުންފުޅުވާ ތަރައްގީގައި ފުލުހުންގެ ފުޅާ ދައުރެއް އެބައޮތް ކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ފުލުހުންގެ 38 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުގެ ހުވާކުރެއްވީ ދިވެހި ރައްޔިތުން ހަވާލުކުރެއްވި މުހިންމު ޒިންމާތަކެއް އުފުއްލަވައިގެން ރައްޔިތުންނާއި މުޖުތަމަޢު ރައްކާތެރިކުރައްވަން ކަމަށެވެ. އަދި މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓަވައި، އިގްތިސާދީގޮތުން ފުދުންތެރި ޤައުމަކަށް ހެއްދެވުމުގެ މަސައްކަތް ޒިންމާދާރުކަމާއެކު އެމަނިކުފާނު ކުރައްވަމުން ގެންދަވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ބައިނަލްއަގުވާމީ މުޖުތަމަޢުގައި އިގްތިސާދީގޮތުން ފުދުންތެރި އަދި ތަރައްގީވެފައިވާ ޤައުމުތަކަށް ބަލާލިޔަސް ފާހަގަކުރެވޭ ސިފަތަކެއް އެބަހުރި ކަމަށާއި އެއީ މިނިވަންކަމާއި މުސްތަގިއްލުކަމާއި އަމަންއަމާންކަން އަދި އަދުލު އިންސާފު ގާއިމުވެފައި އޮތުމާއެކު ވަކިވަކިފަރުދުންނާއި މުދަލުގެ ރައްކާތެރިކަން ކަށަވަރުވެފައި އޮތުންކަމަށް ވަޒީރު ވިދާޅުވިއެވެ. ރާއްޖޭގައިވެސް ރައްޔިތުންނާއި އެ ރައްޔިތުންގެ މުދަލާއި ގެދޮރު ހިމާޔަތްކޮށްދިނުމަކީ ފުލުހުންގެ ޒިންމާއެއްކަމަށާއި، ރައީސް ހޯއްދަވަން މަސައްކަތް ކުރައްވާ ތަރައްގީ ހޯއްދެވުމުގައި ފުލުހުންގެ ދައުރު ފުޅާކަމަށް ވަޒީރު ވިދާޅުވިއެވެ.
"އިގްތިސާދީ ގޮތުން ފުދުންތެރިކަން ހޯދުންވިޔަސް އިޖުތިމާޢީ ފޭރާން ހަރުދަނާކުރައްވަން ވިޔަސް މިހުރިހާ މަސައްކަތްޕުޅެއްގެ ހަގީގި އެއް މޭސްތިރިންނަށްވާނީ އަބަދުވެސް ދިވެހި ފުލުހުން، ތިބޭފުޅުންގެ މަސައްކަތްޕުޅުން ދިވެހިރާއްޖެއަކީ ސުލްހަމަސަލަސްކަން ދެމި އޮންނަ އަމަންއަމާން ވެއްޓެއް ޤާއިމުވެފައި އޮންނަ ޤައުމަކަށް ހެއްދެވުމަކީ ދިވެހި މުސްތަގުބަލް އުޖާލާވެގެންދާނެ މަގު،" ދިފާޢީ ވަޒީރު ވިދާޅުވިއެވެ.
ކޯހުގެ ދަސްވެނިންނާ މުޚާތަބުކުރައްވައި ދިފާޢީ ވަޒީރު ވިދާޅުވީ އެ ދަސްވެނިންގެ ޒިންމާ ވަރަށް ބޮޑު ކަމަށާއި އެ ޒިންމާ އޮތީ ޤައުމާއި ރައްޔިތުންނާއި ޤާނޫނުއަސާސީއަށް ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ދެމިތިބުމަށާއި ޤައުމަށް ވަފާތެރިވުމަށާއި ނަފްސަށްވުރެ ޤައުމު އިސްކުރެއްވުމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވަނީ އިލްތިމާސްކުރައްވާފައެވެ.