ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ކޮންމެ ތަނެއްގައި ހުންނަންޖެހުނުނަމަވެސް ޚިދުމަތް ދެނީ ދިވެހި ރައްޔިތުންނަށްކަން ޤަބޫލުކޮށް، ތެދުވެރިކަމާއެކު އެންމެ ފުރިހަމައަށް ޚިދުމަތް ދިނުމުގެ ޢަޒުމު ދިވެހި ކޮންމެ ފުލުހެއްގެ އޮންނަންވާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ، މިއަހަރަކީ ގިނަ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވި، ފުލުހުން އެކި ސަރަޙައްދުތަކަށް ޑިޕްލޮއިކުރެވޭނެ އަހަރެއްކަން ފާހަގަކުރައްވާ އެކަމުގައި ފުލުހުންގެ ފަރާތުން އިޖާބަދެއްވުމަށް އެދިވަޑައިގަންނަވަމުންނެވެ.
ފުލުހުންގެ 38 ވަނަ ޕޮލިސް އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ފުލުހުންގެ ޚިދުމަތަށް ނުކުންނަ ކޮންމެ ފުލުހަކުވެސް 4 ކަމެއްގައި ގަދައަޅައި މަސައްކަތްކުރަންޖެހޭކަމަށެވެ. އެއީ ޚާއްސަ ސަމާލުކަމެއް ދީގެން ކޮންމެ ފުލުހަކުވެސް ރާއްޖޭގައި އޮތް މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރުމަށާއި، ގޭންގުތައް ނައްތާލުމަށާއި، ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށާއި، ކުށުގެ ވެއްޓަށް ހުށައެޅިފައިވާ އަދި ހުށައެޅެމުންދާ ކުޑަކުދިން ސަލާމަތް ކުރުމަށް މަސައްކަތްކުރުންކަމަށް ވަޒީރު ވިދާޅުވިއެވެ.
ނިމިގެންދިޔަ އަހަރަކީ ފުލުހުންގެ ފަރާތުން ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެވުނު އަހަރެއްކަން ފާހަގަކުރައްވަމުން ވަޒީރު ވަނީ މިއަހަރަކީވެސް އެއަށްވުރެ ފުރިހަމައަށް ރައްޔިތުންނަށް ޚިދުމަތްކުރެވޭ އަހަރަކަށްވުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. އެގޮތުން މިއަހަރަކީ އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށް، އެތަންތަނަށް ފުލުހުން ޑިޕްލޮއި ކުރެވޭނެ އަހަރެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ދާޚިލީ ވަޒީރުވަނީ ކޮންމެ ތަނެއްގައި ޚިދުމަތް ކުރަންޖެހުނުނަމަވެސް، ޚިދުމަތްކުރަނީ ދިވެހި ރައްޔިތުންނަށްކަން ޤަބޫލުކޮށް، އެންމެ ފުރިހަމައަށް ޚިދުމަތްކުރުމުގެ ޢަޒުމުގައި މަސައްކަތްކުރުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ. އަދި ޤައުމީ ޚިދުމަތަށް ތިމާމެންގެ އެންމެ ލޮބުވެތި ދަރިން ނެރެދެއްވި ކަމަށްޓަކައި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރުވަނީ ބެލެނިވެރިންނަށް ޝުކުރުއަދާކުރައްވާފައެވެ.
"ނިމިދިޔަ އަހަރަކީ ފުލުހުންގެ ފަރާތުން ރަނގަޅު ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދެވުނު އަހަރެއްކަމަށް އަޅުގަނޑު ޤަބޫލުކުރަން. ކޮންމެ އަހަރަކީވެސް އެއަހަރަށްވުރެ ޖެހިގެން އަންނަ އަހަރުގެ ޚިދުމަތް ފުރިހަމަވުމަށް އުއްމީދުކުރާނެ އަހަރެއް. އެހެންކަމުން މިއަހަރުވެސް ރަނގަޅު ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ޢަޒުމް ކޮންމެ ފުލުހެއްގެވެސް އޮންނަންވާނެ." ވަޒީރު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވީ، ފުލުހުންގެ ޚިދުމަތުގައި ރައްޔިތުންގެ ކަންބޮޑުވުން ހުންނަ އެއްކަމަކަށް ޑިއުޓީގައި ތިބޭ ފުލުހުން މޯބައިލް ފޯނު ބޭނުންކުރުން ހިމެނޭކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ޑިއުޓީ އަދާކުރަމުންދާ ފުލުހުންގެ ފަރާތުން އެކަން ތަކުރާރުވިޔަ ނުދިނުމަށް ކޮމިޝަނަރ އޮފް ޕޮލިސްވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ޚިދުމަތުގައި ތިބޭ ފުލުހުންނަކީ ރައްޔިތުންނަށް ޚާއްސަވެގެން ތިބޭ ބަޔަކަށްވުމަށް ކޮމިޝަނަރ އިލްތިމާސްކުރެއްވިއެވެ. އަދި ރައްޔިތުންނާއި ރިވެތި ބަހުން މުޢާމަލާތުކުރާ ބަޔަކަށް ފުލުހުން ވާންޖެހޭނެކަމަށާއި، ރައްޔިތުންނާއި ރިވެތި ބަހުން މުޢާމަލާތު ނުކުރެވޭނެ އެއްވެސް ޙާލަތެއް ފުލުހުންނަށް އައިސްގެން ނުވާނެކަމަށް ސީޕީ ޝުޖާއު ވިދާޅުވިއެވެ.
"ފުލުހުންގެ ޚިދުމަތަށް ނުކުންނަ ތިޔަ އޮފިސަރުންގެ ކިބައި އެދޭ ކަންތައްތަކެއް އެބަހުރި. ޑިއުޓީ ގެ ބޭނުމަށް ނޫނީ މޯބައިލް ފޯނުގެ ބޭނުން ނުކުރުން. ރައްޔިތުންގެ ޝަކުވާ އެބައާދޭ ފުލުހުން މަގުމަތީ ޑިއުޓީގައި ތިބޭއިރު ފެނެޔޭ މޯބައިލް ފޯނާ ކުޅެން ތިބޭތަން.މިކަން ރަނގަޅުރުމަށް އަޅުގަނޑު އެދެން." ކޮމިޝަނަރ ވިދާޅުވިއެވެ.
ކޮމިޝަނަރ ވިދާޅުވީ ފުލުހުންނަށް ލިބިދޭ ޤާނޫނީ ބާރުތައް ޒިންމާދާރުކަމާއެކު ބޭނުންކުރަންޖެހޭނެކަމަށާއި ފުލުހުން ވާންޖެހޭނީ ބާރުގެ ބޭނުންނުކޮށް ކަންކަން ޙައްލުކުރާ ބަޔަކަށް ކަމަށެވެ. އަދި ފިޔަވަޅު އެޅުމުގެ ބަދަލުގައި އިސްލާޙުކޮށް ފުރުސަތުދޭ ބަޔަކަށް ފުލުހުން ވުމަށް ކޮމިޝަނަރ އޮފް ޕޮލިސް އެދިވަޑައިގެންނެވިއެވެ.
ފުލުހުންގެ 38 ވަނަ އަސާސީ ތަމްރީނު ޕްރޮގްރާމްގައި މިއަހަރު 127 ދަރިވަރުންވަނީ ބައިވެރިވެ ސަނަދު ޙާސިލުކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ 37 އަންހެނުންނާއި 90 ފިރިހެނުންނެވެ. މިރަސްމިއްޔާތުގައިވަނީ އެކި ސްކޮޑްތަކުން ވަނަވަނައަށް ދިޔަ ދަރިވަރުންނަށް އިނާމު ދެއްވާފައެވެ. މިތަމްރީން ޕްރޮގްރާމަކީ ޒަމާނީ ފުލުހުންގެ ޚިދުމަތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ބޭނުންވާ ހުނަރުތަކާއި ޢިލްމާއި ސުލޫކު ދަސްކޮށް ދިނުމަށް އިންތިޒާމުކޮށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.