އިންޑިއާއާއެކު ގުޅިގެން މަސައްކަތް ކުރުމުގައި ދިވެހިރާއްޖޭން ސާބިތުކަމާއެކު ތިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާގެ ޖުމްހޫރީ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި ވަނީ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އެޤައުމުގެ ރައީސް ދްރޯޕަތީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި އިންޑިއާގެ ރައްޔިތުންނަށް ފޮނުއްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ އިންޑިއާއާއެކު އޮންނަ ގާތް ރަހުމަތްތެރިކަމުގެ ގުޅުމަށް ދިވެހިރާއްޖޭން އަބަދުވެސް އިހުތިރާމް ކުރައްވާނެ ކަމަށެވެ. އަދި މިވަރުގަދަ ގުޅުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އިހުތިރާމާއި އެއްގޮތް ވިސްނުންތަކުގެ ސަބަބުން އުފެދިފައިވާ ގުޅުމެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
On the joyous occasion of the Republic Day of #India, I convey my heartfelt greetings and best wishes to President @rashtrapatibhvn, Prime Minister @narendramodi, the Government and people of India. Maldives will always cherish the strong bonds of friendship and cooperation we…
— Dr Mohamed Muizzu (@MMuizzu) January 26, 2025
މީގެ އިތުރުން ދެ ޤައުމަށް ދިމާވާ މައްސަލަތަކުގައި ގުޅިގެން މަސައްކަތް ކުރެއްވުމަށާއި ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށާއި، އަދި ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާކުރާ ކަންކަމުގައި އެކުގައި މަސައްކަތް ކުރެއްވުމަށް ސާބިތުކަމާއެކު ހުންނެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަހަކީ އެޤައުމުން މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށުމާ ގުޅިގެން ފާހަގަކުރަމުން އަންނަ ދުވަހެކެވެ. އެ ޤާނޫނުއަސާސީއަށް އަމަލުކުރަން ފަށާފައިވަނީ 26 ޖެނުއަރީ 1950ގައެވެ.
މިއަހަރު ފާހަގަކުރަމުންދަނީ އިންޑިއާގެ 75ވަނަ ޖުމްހޫރީ ދުވަހެވެ.