ޚަބަރު

އޭސީސީގެ މެންބަރުކަމަށް އަޙްމަދު ނާޝިދާއި ޢަބްދުﷲ ނާޝިދު އައްޔަން ކުރައްވައިފި


  • އޭސީސީގެ މެންބަރުކަމުގެ ދައުރަކީ 5 އަހަރު ދުވަސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް، 2 ބޭފުޅުން ޢައްޔަން ކުރައްވައިފިއެވެ.

‎އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވީ މއ. ގޯލްޑަންމޫން، އަޙްމަދު ނާޝިދާއި ރ. އަލިފުށި، ފަސާނާ/ ޢަބްދުﷲ ނާޝިދުއެވެ.

‎މިމަގާމަށް އައްޔަން ކުރެއްވި އަޙްމަދު ނާޝިދަކީ ޕޮލިސް ބޯޑުގެ މެންބަރުކަމާއި، ކުރީގެ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ޢަބްދުﷲ ނާޝިދަކީ އިންޑިއާގެ ރީޖަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން މާސްޓަރ އޮފް އެޑިއުކޭޝަން (ސްކޫލް މެނޭޖްމަންޓް) ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

މީގެއިތުރުން ޢަބްދުﷲ ނާޝިދަކީ އާސަންދަ ކުންފުނީގެ އެކި ޑިޕާޓްމަންޓުގެ މެނޭޖަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

‎އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް މި ދެ ބޭފުޅުން ޢައްޔަން ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަހާޒް ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި އެބޭފުޅުން ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމުގެ ހުވައި ކުރައްވާފައެވެ.

‎މި ރަސްމިއްޔާތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ މި ދެ ބޭފުޅުންނާ ވަނީ ހަވާލުކޮށްދެއްވާފައެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ދެ މެންބަރެއްގެ މަޤާމު ހުސްވެފައިވަނީ އެކޮމިޝަންގެ ނައިބު ރައީސް އަބްދުލްސަލާމާއި މެމްބަރު ޠާހާ މުހައްމަދު މަޤާމުން އިސްތިއުފާ ދެއްވުމާއިގުޅިގެންނެވެ. ދެ މެންބަރުން އިސްތިއުފާ ދެއްވީ ނުފޫޒު ފޯރުވުމާ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި، އެ ދެ މެންބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައިވަނިކޮށެވެ.

މި ދެ މެންބަރުން އައްޔަން ކުރެއްވުމާއެކު މިހާރު އޭސީސީގައި ފަސް މެންބަރުން ތިއްބަވާނެއެވެ. އެއީ ކޮމިޝަންގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލް އާއި މެންބަރުން ކަމަށްވާ އަލްއުސްތާޛާ ޝިޔާމާ މުޙައްމަދާއި ޝަޒްނާ ހާޝިމާއި އަޙްމަދު ނާޝިދާއި ޢަބްދުﷲ ނާޝިދުއެވެ.

އޭސީސީގެ މެންބަރުކަމުގެ ދައުރަކީ 5 އަހަރު ދުވަހެވެ.