ޚަބަރު

ސްޓެލްކޯގެ މެކޭނިކަލް ޓްރެއިނިންގ ސެންޓަރު: %100 މުވައްޒަފުންގެ މަސައްކަތެއް


  • މިތަން ހަދަމުންދަނީ ކ. ތުލުސްދޫގައި

  • ޑިޒައިންކުރުމާއި އިމާރާތްކުރުމުގައިވެސް ސްޓެލްކޯގެ މުވައްޒަފުން

  • އެއްފަހަރާ 100 މީހުންނަށް ތަމްރީން ދެވޭނެ

  • އިމާރާތުގެ ގާތްގަނޑަކަށް %80 މަސައްކަތް މިހާރު ވަނީ ނިމިފައި

ސްޓެލްކޯއިން ކ. ތުލުސްދޫގައި ތަރައްޤީކުރާ މެކޭނިކަލް ޓްރެއިނިންގ ސެންޓަރުގެ މަސައްކަތް ނިންމާ، މީހުން ތަމްރީންކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

މި ތަމްރީން މަރުކަޒަކީ %100 ސްޓެލްކޯގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ތަރައްޤީކުރަމުންދާ މަރުކަޒެކެވެ.

މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާއިން މީހުން ބިނާކުރުމަށް ޚާއްސަކޮށްގެން، ތުލުސްދޫގައި ޚާއްސަ މަރުކަޒެއް ހެދުމުގެ މަސައްކަތް ސްޓެލްކޯއިން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. މިތަން ތަރައްޤީކުރަމުންދަނީ މިފަދަ މަރުކަޒަކުން ބޭނުންވާނެ އެންމެފަހުގެ ޒަމާނީ ވަޞީލަތްތަކާއި ޚިދުމަތްތަކާއެކުގައެވެ. އަދި މިތަނުން ތަމްރީނާއި ތަޖުރިބާ ހޯދުމަށްދާ މީހުންނަށް ބޭނުންވާނެ އެކޮމޮޑޭޝަން ޖާގައާވެސް އެކުގައެވެ.

މި މަރުކަޒުގެ ގާތްގަނޑަކަށް %80 މަސައްކަތް މިހާރު ނިމިފައިވާއިރު، ސްޓެލްކޯއިން މަސައްކަތްކުރަމުންދަނީ މިތަނުގެ މަސައްކަތް ނިންމާ، މީހުން ތަމްރީންކުރުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށެވެ.

މިފަދަ މަޝްރޫޢެއް ކުރިއަށްގެންދިއުމުގައި ސްޓެލްކޯއަށް ލިބޭ އެންމެ ބޮޑު އުފަލަކީ އަދި ހިތްހަމަޖެހުމެއްގެ ގޮތުގައި އެކުންފުނިން ފާހަގަކުރާކަމަކީ މިއީ ކުންފުނިން ބޭރުން އެހެން ބަޔަކަށް ކޮންޓްރެކްޓްކޮށްގެން ކުރާ މަސައްކަތަކަށް ނުވުމެވެ. މި ސެންޓަރު ތަރައްޤީކުރުމުގައި ޢަމަލީގޮތުން ހަރަކާތްތެރިވަމުންދަނީ %100 ސްޓެލްކޯގެ މުވައްޒަފުންނެވެ.

ތުލުސްދޫގައި މި މަރުކަޒު ތަރައްޤީކުރުމަށް ސްޓެލްކޯގެ މުވައްޒަފުން ކުރަމުންދާ މަސައްކަތް ފާހަގަކޮށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން ފަހުމީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިއީ އެކުންފުނީގެ މުވައްޒަފުންގެ ޤާބިލުކަމާއި ފަންނުވެރިކަން ފެނިގެންދާ ފުރިހަމަ މިސާލެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ.

ފަހުމީ ވިދާޅުވީ، މި ތަމްރީން މަރުކަޒު ޑިޒައިންކުރުމުން މަރުހަލާއިން ފެށިގެންގޮސް، ކުރެހުންތަކަށް އަމަލީ ސިފަ ގެނައުމުގައިވެސް ހަރަކާތްތެރިވެފައިވަނީ އެކުންފުނީގެ ހީވާގި މުވައްޒަފުންކަމަށެވެ. އަދި މި މަސައްކަތް ފުރިހަމަކުރުމުގައި ސްޓެލްކޯގެ މުވައްޒަފުން ދައްކަމުންދާ ހިތްވަރާއި ނަމޫނާއަށް ފަހުމީ ވަނީ ތަޢުރީފުކުރައްވާފައެވެ.


ސްޓެލްކޯއަކީ ކަރަންޓާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ދިގު ތާރީޚެއް އޮތް އަދި މި ދާއިރާގެ ފަންނުވެރި ހުނަރުވެރި އެތައް މުވައްޒަފުންނެއް މިވަގުތުވެސް ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެކެވެ. އެހެންނަމަވެސް މި ދާއިރާއިން މީހުން ބިނާކުރުމަށް ޚާއްސަކޮށްގެން ސްޓެލްކޯއިން ތަރައްޤީކުރާ މި މަރުކަޒަކީ މިފަދަ ފުރަތަމަ މަރުކަޒެވެ.

މި މެކޭނިކަލް ޓްރެއިނިން ސެންޓަރުގައި، ކުދިކުދި ވޯކްޝޮޕްތަކުން ފެށިގެންގޮސް ޓްރެއިނިން ރޫމާއި، އިލެކްޓްރިކަލް ޓްރެއިނިން ރޫމުތަކާއި، ކޮންޓްރޯލް ޓްރެއިނިން ރޫމުތަކާއި، މެކޭނިކަލް ޓްރެއިނިން ރޫމުތަކާއި، ބޭނުންވެއްޖެ ހާލަތެއްގައި ބޭނުން ކުރުމަށް އެމްވީއެޗްވީ ރޫމުތައް ވެސް ހުންނާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. އަދި މި ސެންޓަރުގައި ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތުގައި މިހާރު ބޭނުންކުރާ ހުރިހާ ސީރީޒެއްގެ ޖަނަރޭޓަރުތައް ހުންނާނެކަމަށްވެސް ސްޓެލްކޯއިން ވިދާޅުވެއެވެ.

ފަހުގެ ޒަމާނީ ކޮންސެޕްޓަކަށް ޑިޒައިންކޮށްފައިވާ މި ސެންޓަރުން އެއްފަހަރާ ގާތްގަނޑަކަށް 100 މީހުން ތަމްރީންކުރެވޭނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. މިތަނުގައި ތަމްރީން ޕްރޮގްރާމްތައް ހިންގުމުގައިވެސް އިސްކޮށް ހަރަކާތްތެރިވާނީ ސްޓެލްކޯގެ ފަންނީ މުވައްޒަފުންނެވެ.

ސްޓެލްކޯއިން ވިދާޅުވީ، މިފަދަ ސެންޓަރެއް ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާއިން ޒުވާނުން ތަމްރީންކޮށް، އެކުންފުނީގައި މިވަގުތު މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށްވެސް ބޭނުންވާ ތަމްރީނާއި ހުނަރުގެ ފުރުޞަތުތައް އިތުރުކޮށްކޮށްދިނުންކަމަށެވެ.

ސްޓެލްކޯއިން ފޯރުކޮށްދޭ ޚިދުމަތްތަކަކީ އޭގެ ތެރޭގައި ވަރަށް ގިނަ ފަންނީ ކަންކަން އެކުލެވޭ ޚިދުމަތްތަކެއްކަމުން، މިފަދަ މަރުކަޒަކާއެކު މުވައްޒަފުން ތަމްރީންކުރުމަށް ކުންފުނިން ކުރަންޖެހޭ ހޭދަވެސް ކުޑަކުރެވިގެންދާނެކަން އެކުންފުނިން ފާހަގަކުރައްވައެވެ. އެކުންފުނީގެ ވިސްނުމަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން މި މަރުކަޒު ހިންގުމެވެ. މި މަރުކަޒުން ކުންފުނީގެ މުވައްޒަފުންގެ އިތުރުން އިންޖިނިއަރިންގެ ދާއިރާއިން ޝަޢުގުވެރިވާ ފަރާތްތަކަށް ބޭނުންވާ ތަމްރީނާއި ހުނަރުވެސް ދަސްކޮށްދެވިގެންދާނެއެވެ.

އިންޖިނިއަރިންގެ ދާއިރާއިން މީހުން ބިނާކުރުމަށް ޚާއްސަ ތަމްރީން މަރުކަޒެއް ހެދުމުގެ މަސައްކަތް ކުރަމުންދާއިރު، ކުންފުނީގެ ވިޔަފާރިއަށް ޚާއްސަކޮށްގެން އިންޖީނުގެއަކަށް ބޭނުންވާނެ ހުރިހާ ސާމާނެއް އެއްތަނަކުން ލިބޭނެހެން ޚާއްސަ ބިޒްނަސް ސެންޓަރެއް ދާދިފަހުން ވަނީ ހުޅުވާފައެވެ. ސްޓެލްކޯ ހެޑް އޮފީސް ހިމެނޭ ސަރަހައްދުގައި ހަދާފައިވާ މި ބިޒްނަސް ސެންޓަރަކީވެސް ސްޓެލްކޯ މުވައްޒަފުންގެ އަމިއްލަ މަސައްކަތުން ތަރައްޤީކޮށްފައިވާ ތަނެކެވެ.