ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ސީދާ ދަތުރުތައް ޗައިނާގެ ޝަންހާއީއަށް ފަށައިފިއެވެ. މިއީ މޯލްޑިވިއަނުން ގެނައި ވައިޑް-ބޮޑީ މަތިންދާބޯޓުގައި ދަތުރުފެށި ޗައިނާގެ 3 ވަނަ މަންޒިލެވެ.
މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެ ގެނެސްފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. ފުރަތަމަ ދަތުރު ކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހު ޗައިނާގެ ޗެންޑޫއަށެވެ. އެއަށްފަހު ބެއިޖިންއަށް ދަތުރުތައް 24 ވަނަ ދުވަހު ފަށާ، މިހާރު ޝަންހާއީއަށް ކުރާ ދަތުރުތައް ވަނީ ފަށާފައެވެ. މި ދަތުރުތައް ކުރާނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޗައިނާގެ ޝަންހާއީ ޕުޑޮންގް އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ.
ޝަންހާއީއަށް ކުރި ފުރަތަމަ ދަތުރުގައި ދިވެހިންގެ އިތުރުން ފަތުރުވެރިންވެސް ވަނީ ރާއްޖެއިން ޗައިނާއަށް ދަތުރުކޮށްފައެވެ. މޯލްޑިވިއަންގެ ދަތުރުތައް ބެއިޖިންއަށް ފެށުން ފާހަގަކުރުމަށް ފުރަތަމަ ޗެކިންވި ފަތުރުވެރިންނަށް ވަނީ މަރުހަބާއެއް ކިޔާފައެވެ.
މޯލްޑިވިއަންގެ ދަތުރުތައް ޗައިނާއަށް ފެށުމާއެކު އެއެއަރލައިނުން ވަނީ ޓިކެޓް އަގުހެޔޮ ފެއަރއެއްވެސް ފަށާފައެވެ. މިވަގުތު މޯލްޑިވިއަންގެ ޓިކެޓުން ކުރިއަށްގެންދާ ފެއަރއިން މާކެޓްގައި ޗައިނާގެ ޓިކެޓްހުރި އަގާއި އާޅަބަލާއިރު 30 އާއި 50 އިންސައްތައާއި ދެމެދު އަގު ހެޔޮވާނެކަމަށް މޯލްޑިވިއަނުން ވަނީ ވިދާޅުވެފައެވެ.
މޯލްޑިވިއަނުން ވިދާޅުވީ މި ހުރިހާ ޕްރޮމޯޝަނަލް އަގުތަކުގައިވެސް 40 ކިލޯގެ ލަގެޖާއި، ކެއުމުގެ ޕެކޭޖެއް ހިމަނާފައިވާކަމަށެވެ. އަދި މިފެއަރ ހަމަޖައްސާފައިވަނީ މިތިން ސިޓީއަށްވެސް ކުރާ ފުރަތަމަ ދެދަތުރަށެވެ. އަދި މިއީ ފަސިންޖަރުންނަށް ފަސޭހަކަމާއެކު، ހިތްފަސޭހަ ދަތުރެއް ކުރެވޭނެކަމުގެ ޔަޤީންކަން އެރުވުމުގެ ގޮތުން ހަމަޖައްސާފައިވާ ޚާއްޞަ ފެއަރއެއް ކަމަށް މޯލްޑިވިއަނުން ހާމަކުރެއެވެ.
މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ ޗެންޑޫ، ބެއިޖިން އަދި ޝަންހާއިއަށް ފަށާފައިވާއިރު، ޝަންހާއީއަށް ދިޔަ ފްލައިޓު މިމަހުގެ 28 ވަނަ ދުވަހު ރާއްޖެ އަނބުރާ އަންނާނެއެވެ. މޯލްޑިވިއަނުން ވަނީ މި ފްލައިޓުގައި ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ވިދާޅުވެފައެވެ. ޗައިނާގެ 3 މަންޒިލަކަށް ދަތުރުތައް ފަށާފައިވާއިރު، ކޮންމެ ހަފްތާއަކުވެސް އެއް ދަތުރު މި މަންޒިލްތަކަށް މޯލްޑިވިއަނުން ކުރާނެއެވެ.
މޯލްޑިވިއަނުން ޗައިނާއަށް މި ފެށި ދަތުރުތަކާއެކު އެ ޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ. އަދި ޗައިނާއިން ރާއްޖެއަށް ކާގޯ ގެނައުމަށްވެސް ފުރުސަތު ފަހިވެގެންދާނެއެވެ.