ދުނިޔޭގެ ގަދަ އަދި ބޮޑެތި ބައެއް ކުލަބުތައް މިހާރު ކުޅެމުން އަންނަނީ ޗެމްޕިއަންސް ލީގަކު ނޫން ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް ތިން ފަހަރު ކާމިޔާބުކޮށްފައިވާ ކޯޗު މިހެން އޭނާ އެންމެ ފަހުން މި ތަށި ހޯދައިދިން އިނގިރޭސި ކުލަބު މެންޗެސްޓާ ސިޓީ މުބާރާތުން ކަޓާފާނެ ކަމުގެ ބިރު ހީވުމުންނެވެ.
ސިޓީ އަށް މުބާރާތުގެ ގަދަ 16 އަށް ދެވެން އޮތް ހަމައެކަނި ގޮތަކީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބެލްޖިއަމްގެ ކުލަބު ބްރޫޖް ބަލިކުރުމެވެ. މިކަމާމެދު ސުވާލު ކުރުމުން ގާޑިއޯލާ ބުނީ ފުޓްބޯޅަ މެޗެއްގެ ކުރި ކިޔަން އެނގޭނެ މީހަކު ނުހުންނާނެ ކަމަށެވެ.
"އަހަރުމެންނަށް ވެސް ކުރެވޭނީ މަސައްކަތް. އެމީހުން ވެސް ކުރާނީ މަސައްކަތް. ޕްރެޝަރުގައި ކުޅޭއިރު ކޮންމެ ފަދަ ކަމެއް ވެސް ވެދާނެ. ދެން އަހަރެން ބުނަން އޮތް ވާހަކަ އަކީ ދުނިޔޭގެ ބޮޑެތި ހުރިހާ ކުލަބުތައް ކުޅެނީ ޗެމްޕިއަންސް ލީގަކު ނޫނޭ. ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ވެސް ކުޅެނީ މިވަގުތު އެ މުބާރާތުގައެއް ނޫން. މިކަން ސިޓީ އަށް ވެސް ކުރިމަތިވާނެ،" ގާޑިއޯލާ ބުންޏެވެ.
ސްޕޭނުގެ ބާސެލޯނާގައި ވެސް ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ކޯޗު ބުނީ ކޮންމެ ޓީމަކަށް ވެސް ކާމިޔާބު އަދި ނާކާމިޔާބު ދުވަސްތަކާ ކުރިމަތިވާ ކަމަށެވެ. މި ގޮތުން ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑަށް ވެސް ކުރިމަތިވެފައިވަނީ ދަތި ދުވަސްތަކެއް ކަމަށާއި ސިޓީ އަކީ ވެސް އެފަދަ ކަންކަން ދިމާވާނެ ޓީމެއް ކަމަށެވެ.
އޭނާ އިޝާރާތް ކުރީ އިނގިރޭސި ލީގުގައި ވެސް ސިޓީ މި ސީޒަނުގައި ފަހަތަށް ސޮއްސާލުމަށެވެ. އެ ޓީމު މިވަގުތު އޮތީ ލީގުގެ އެއްވަނާގައިވާ ލިވަޕޫލަށް ވުރެ 12 ޕޮއިންޓް މަދުންނެވެ. މިހެންވެ ގާޑިއޯލާ ބުނީ މި ސީޒަނުގެ ތައްޓަށް އުއްމީދު ނުކުރާ ކަމަށެވެ.
"އަހަރުމެން ދެން އެނބުރި އަންނާނީ އަންނަ ސީޒަނުގައި. އަހަރެންނަށް މި ސީޒަން އުނދަގޫވާނެކަން މާކުރިން ވެސް އެނގޭ. މިވަގުތު ފެނިގެން މިދަނީ އެކަން. ޓީމުގެ ކުޅުންތެރިން ބަދަލުވެ، އަންނަ ސީޒަން ރަނގަޅު ވެދާނެ. މި ސީޒަނުގައި ދެން ތައްޓެއް ނުލިބޭނެ،" ގާޑިއޯލާ ބުންޏެވެ.
2016 ވަނަ އަހަރު ސިޓީއާ ހަވާލުވުމަށްފަހު ގާޑިއޯލާ ވަނީ 18 ތަށި ހޯދައިފަ އެވެ. މީގެ ތެރޭގައި ޕްރެމިއާ ލީގު ހަ ފަހަރު ހޯދުން ހިމެނެ އެވެ. އަދި އެންމެ ފަހުގެ ހަތަރު ތަށި ވިދިވިދިގެން ހޯދުމަކީ ލީގުގެ ރެކޯޑެއް ވެސްމެ އެވެ.