ޚަބަރު

އަންހެން ފުޓްބޯޅައިގެ ރެކޯޑް އަދަދަކަށް ނައޯމީ ޗެލްސީ އަށް


އަންހެން ފުޓްބޯޅަ ކުޅުންތެރިންގެ ދުނިޔޭގެ ރެކޯޑް އަދަދަކަށް އެމެރިކާގެ ޑިފެންޑަރ ނައޯމީ ޖިރްމާ އިނގިރޭސިވިލާތުގެ ޗެލްސީ އަށް ސޮއިކޮށްފި އެވެ.

އުމުރުން 24 އަހަރުގެ ނައޯމީ ޗެލްސީ އާއި ގުޅިފައިވަނީ އެމެރިކާގެ ސެންޑިއޭގޯ ވޭވް އިން ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން 1.12 މިލިއަން އެމެރިކާ ޑޮލަރުގެ ފީއަކަށެވެ. މީގެ ކުރިން އަންހެން ކުޅުންތެރިއަކު ހޯދުމަށް އެއްވެސް ކްލަބަކުން އެއް މިލިއަން ޑޮލަރުގެ ފީއެއް ހޭދަކޮށްފަ އެއް ނުވެއެވެ.

މީގެ ކުރިން އަންހެން ފުޓްބޯޅަ ކުޅުންތެރިއަކަށް ހޭދަކޮށްފައިވާ އެންމެ ބޮޑު އަދަދަކީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޒެމްބިއާގެ ރޭޗަލް ހޯދުމަށް ބޭ އެފްސީ އިން ހޭދަކުރި ހަތް ލައްކަ އަށާރަ ހާސް ޑޮލަރުގެ ފީއެވެ.

ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު އަންހެން ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ނައޯމީ ޗެލްސީ އާއި ގުޅުމަށްފަހު ބުނެފައިވަނީ މި ނިންމުމަކީ އޭނާއަށް ވަރަށް ފަސޭހަ ނިންމުމެއް ކަމަށާއި ޗެލްސީގައި މަސައްކަތް ކުރާ ކޯޗުންގެ އިތުރުން ކާމިޔާބީ ހޯދުމަށް އެ ކްލަބުން މަސައްކަތްކުރާ މިންވަރު ސާފުވުމުން އެކަމުގައި އިތުރަށް ވިސްނާނެ ފުރުސަތެއް ނެތް ކަމަށެވެ.

ނައޯމީ ޖިރްމާ ވަނީ 2023 ވަނަ އަހަރު އެމެރިކާގެ އަންހެން ފުޓްބޯޅަ ލީގު ސެންޑިއޭގޯ އަށް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރުމުގެ އިތުރުން އެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފަ އެވެ. އަދި 2024 ވަނަ އަހަރު އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ އަންހެން ފުޓްބޯޅަ އިވެންޓުން އެމެރިކާ ރަން މެޑަލް ހޯދި ޓީމުގައިވެސް އޭނާވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.