ޚަބަރު

ނިލަންދުއާއި ދާންދޫއަށް ރޯދަ ހަދިޔާ ބަރުކޮށްގެން ދިޔަ ބޯޓެއް ފަރަށް އަރައިފި


  • ބޯޓުން ގެންދިޔަ އެއްވެސް މުދަލެއް ސަލާމަތްކުރެވިފައެއްނުވޭ

  • ބޯޓު ފުން ކުރުމުގެ މަސައްކަތް ދަނީ ކުރަމުން

  • ފަރަށް އަރާފައިވަނީ ލިއޯ ޓްރޭޑިންގެ ބޯޓެއް

ގއ. ނިލަންދުއާއި ގއ. ދާންދޫއަށް ރޯދަ ހަދިޔާ ބަރުކޮށްގެން ދިޔަ ބޯޓެއް ފަރަށް އަރައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ބޯޓުގެ ފަޅުވެރިންނަށް ޙަވާލާ ދެއްވާ ގއ. ނިލަންދޫ ކައުންސިލްގެ ރައީސް ނާސިހު އިބްރާހިމް ވިދާޅުވީ ގއ. ވިލިނގިލީ ކައިރީ އޮންނަ "އެކެފަރު" ނަމަކަށް ކިޔާ ފަރަށް އަރާފައިވަނީ ނިލަންދުއާއި ދާންދޫއަށް ދަތުރުކުރަމުންދިޔަ ބޯޓެއް ކަމަށެވެ. އަދި އެ ބޯޓު ދަތުރުކުރަމުން ދިޔައީ މާލެއިން ނިލަންދުއަކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނާސިހު މަޢުލޫމާތު ދެއްވި ގޮތުގައި ބޯޓު ފަރަށް އަރާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ. އަދި ބޯޓު ފުން ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި ބޯޓުގައިހުރި އެއްވެސް މުދަލެއް ސަލާމަތް ނުކުރެވޭކަމަށް ނާސިހު ވިދާޅުވިއެވެ. އަދި ބޯޓަށްވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ނާސިހު ވިދާޅުވީ ފަރަށް އެރި މި ބޯޓަކީ ނިލަންދުއާއި ދާންދޫގެ ރައްޔިތުންނަށް ލިއޯ ޓްރޭޑިން ކުންފުނިން ދޭ ރޯދަ ހަދިޔާ ބަރުކޮށްގެން ދަތުރުކުރަމުންދިޔަ އެކުންފުނީގެ ބޯޓެއް ކަމަށެވެ. ލިއޯ ޓްރޭޑިން ކުންފުނީގެ ވެރިޔާ ޢަބްދުﷲ ސަވާދަކީ ނިލަންދުއަށް ނިސްބަތްވާ މީހެކެވެ. ނާސިހު ވިދާޅުވީ ލިއޯ ޓްރޭޑިން ކުންފުނިން ކޮންމެ އަހަރެއްގެވެސް ރޯދަ މަހާ ދިމާކޮށް ނިލަންދޫގެ ހުރިހާ ރައްޔިތުންނަށް ހަދިޔާދޭ ކަމަށެވެ.

ނިލަންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، ނިލަންދޫގެ އިތުރުން ދާންދޫގެ ރައްޔިތުންނަށް ވެސް ހަދިޔާ ދިނުމަށް ލިއޯ ކުންފުނިން ނިންމާފައިވަނީ އެ ރަށު ރައްޔިތުންގެ އެދުމުގެ މަތިން ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މި ބޯޓުގައި އެ ދެ ރަށުގެ ކޮންމެ ގޭބިސީއަކަށް ބޭނުންވާ ހަނޑޫ، ހަކުރު އަދި ފުށް ހިމެނޭހެން 50 ކިލޯގެ 1،080 ބަސްތާގެ ކާޑު ހިމެނެއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން އަދި އެއްވެސް މަޢުލޫމާތެއް ހާމަކުރައްވާފައެއް ނުވެއެވެ.