ކުޅިވަރު

ރަޝްފޯޑް ޗޭންޖިން ރޫމަށް ވެސް ވައްދައިގެން ނުވާނެ: ސްކޯލްސް


މެންޗެސްޓާ ޔުނައިޓެޑްގެ ފޯވަޑް މާކަސް ރަޝްފޯޑް އެކުލަބުން ޗޭންޖިން ރޫމަށް ވަނުން މަނާކުރަން ޖެހޭ ކަމަށް އެކުލަބުގެ ލެޖެންޑުން ބުނަން ފަށައިފި އެވެ.

ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން އަދި މިޑްފީލްޑަރ ޕޯލް ސްކޯލްސް ބުނީ ރަޝްފޯޑް ވަނީ ޓީމުގެ އެހެން ކުޅުންތެރިން މާޔޫސްކޮށްލައިފައި ކަމަށެވެ.

"އޭނާ މިހާރު ޗޭންޖިން ރޫމަށް ވަނުން މަނާ ކުރަންޖެހޭ. ކުޅުންތެރިއަކަށް ކުރެވޭނެ އެންމެ ގޯސް ކަމަކީ އެހެން ކުޅުންތެރިން މާޔޫސް ކޮށްލުން. އެހެން ކުޅުންތެރިން މޫޑު ހަރާބު ކޮށްލުން، ރަޝްފޯޑް މިހާރު އެހުރީ އެ ފެންވަރުގައި. ރަނގަޅަށް މަސައްކަތެއް ނުކުރޭ ޕްރެކްޓިހުގައި ވެސް،" ސްކޯލްސް ބުންޏެވެ.

ޔުނައިޓެޑާއެކު 11 ފަހަރު އިނގިރޭސި ޕްރެމިއާ ލީގު ކާމިޔާބުކޮށްފައިވާ އިނގިރޭސި ކުރީގެ މިޑްފީލްޑަރު ބުނީ އޭނާ ކުޅުނު ދުވަސްވަރު އޭރުގެ ކޯޗު ސާރ އެލެކްސް ފާގަސަން ވެސް މިފަދަ ވާހަކައެއް ދެއްކި ކަމަށެވެ.

"އަހަރެން ގޮސް ކޯޗު ގާތުގައި ބުނީ އަހަރެން ބޭނުންވަނީ އާސެނަލް މެޗު ނުކުޅޭށޭ. މި ހިސާބުން ފާގަސަން އަހަރެންނާ ދިމާލަށް ބުނީ ކަލޭ ނުކުޅުނަސް މައްސަލައެއް ނެތޭ. އެކަމަކު އެންމެ ގޯސް ކަމަކީ ތީގެ ސަބަބުން ޓީމުގެ އެހެން ކުޅުންތެރިން މާޔޫސްވުމޭ. އެހެންވީމާ ނުކުޅެންޏާ އެއްކޮށް ނުކުޅޭނީއޭ. ޗޭންޖިން ރޫމަށް ވެސް އައިސްގެން ނުވާނެއޭ. އެދުވަހު ފާގަސަން ދެއްކި ވާހަކައިން އަހަރެންނަށް ވިސްނެނީ ރަޝްފޯޑް މިހާރު އެހުރީ ޗޭންޖިން ރޫމަށް ނުވައްދަންވެފައޭ. އޭނާ މެޗު ނުކުޅޭނަމެކޭ ނުބުންޏަސް އޭނާގެ ހަރަކާތްތަކުން އެކަން އެބަފެނޭ،" ސްކޯލްސް ބުންޏެވެ.

ރަޝްފޯޑާ މެދު މިފަދައިން ވާހަކަ ދެއްކި އަނެއް ކުޅުންތެރިއަކީ މެންޗެސްޓާ ޔުނައިޓެޑާއި އިނގިރޭސި ކުރީގެ ކެޕްޓަން ރިއޯ ފާޑިނަންޑެވެ. އޭނާގެ އަމިއްލަ ޕޮޑް ކާސްޓްގައި ވާހަކަ ދައްކަމުން ފާޑިނަންޑް ބުނީ ޔުނައިޓެޑަށް މިހާރު އެންމެ ރަނގަޅުވާނީ ރަޝްފޯޑް ވިއްކާލައިގެން ކަމަށެވެ.

ހަތާވީސް އަހަރުގެ ކުޅުންތެރިޔާ ޔުނައިޓެޑަށް އެންމެ ފަހުން މެޗެއް ކުޅުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ. ނޮވެމްބަރު މަހު ޓީމާ ހަވާލުވި ކޯޗު ރުބެން އަމޮރިމް ވެސް ރަޝްފޯޑް ލައްވައި ކުޅުވަން ބޭނުމެއްނުވެ އެވެ. އޭނާ ބުނީ އުމުރުން 63 އަހަރުގެ ޓީމުގެ އޮފިޝަލަކު ވެސް ރަޝްފޯޑަށްވުރެ ރަނގަޅުވާނެ ކަމަށެވެ.

މި ސަބަބުތަކާހުރެ އޭނާ ވިއްކާލަން ޔުނައިޓެޑް އޮތީ ތައްޔާރަށެވެ. މިކަމަށް ހުރަސް އަޅަނީ އޭނާ އަށް ޔުނައިޓެޑުން ދޭ މުސާރަ އެއްކޮށްދީފައި ގެންދާނެ ކުލަބެއް ނުވެގެންނެވެ. ކިރިޔާ ވެސް އޭނަ އަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ސްޕޭނުގެ ބާސެލޯނާ އާއި އިޓަލީގެ އޭސީ މިލާނެވެ.