ޚަބަރު

ތަރިކަ ރައްކާތެރިކުރާނީ ތަނުގެ އަސްލުވަންތަކަމާއި ޤުދުރަތީ ރީތިކަމަށް އުނިކަމެއް ނާންނާނެހެން: ރައީސް


  • ރައީސް ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރުދުވަހު ގިނަ ޕްރޮގްރާމްތަކެއް ހިންގާނެކަމަށް

  • އާސާރީ ތަންތަން ޙިމާޔަތްކުރުމަށް ޚާއްސަ ބަޖެޓެއް ކަނޑައަޅުއްވާނެކަމަށް ވިދާޅުވި

ތަރިކަ ރައްކާތެރިކުރުމުގައި ސަރުކާރުގެ ސިޔާސަތަކީ ތަނުގެ އަސްލުވަންތަކަމާއި ޤުދުރަތީ ރީތިކަމަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތަކަށް މާއްދީ ތަރިކައިގެ ދާއިރާ ތަރައްޤީކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ތިލަދުންމަތީ އުތުރުބުރިއަށް ކުރައްވަމުންދާ ދަތުރުފުޅުގެތެރޭގައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ދިވެހި ޤައުމިއްޔަތާއި ތަރިކަ ރައްކާތެރިކޮށް ޙިމާޔަތްކުރުމުގައި ސަރުކާރުގެ މިސްރާބު ހުރިގޮތާ ގުޅޭގޮތުން މުހިންމު ވާހަކަފުޅުތައް ދައްކަވާފައެވެ.

ދިވެހި ޤައުމިއްޔަތު ޢިއާދަކުރުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެންމެ އިސްކަން ދެއްވައިގެން ފަށްޓަވާފައިވާ އެއް މަޝްރޫޢެވެ. ހއ.އުތީމު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމިއްޔަތުގެ ފިކުރެއް ތަރައްޤީކުރެވޭނީ އަޅުގަނޑުމެންނަކީ ކޮން ބައެއްކަން އަޅުގަނޑުމެންނަށް އެނގިގެންކަމަށެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހއ.އުތީމާއި އެއަތޮޅު ތަކަންދުއާއި ބާރަށުގައި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދާއިރާއިން ސަރުކާރުން ކުރައްވަން ނިންމަވާފަވާ މަސައްކަތްތައް ހާމަކުރައްވާފައެވެ. ރައީސް ވިދާޅުވީ ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް ވަކިވަކި ރަށްތަކުގައި ކުރިއަށްގެންދަވަން ސަރުކާރުން ނިންމަވާފަވާ މަސައްކަތްތަކަކީ، މުޅި ދިވެހި ރާއްޖެއާއި އެންމެހައި ރައްޔިތުންގެ ޙައްގުގައި ކުރައްވާ މަސައްކަތެއްކަމަށެވެ.

އެގޮތުން އުތީމުގައި ޖެހިޖެހިގެން ކުރިއަށް އޮތް ދެ އަހަރު ޤައުމީދުވަސް ކުލަގަދަކޮށް ފާހަގަކުރައްވަން ނިންމަވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އެ މަސައްކަތްތައް ކުރިއަށް ގެންދާނީ ގިނަ ޕްރޮގްރާމްތަކެއް ހިމެނޭ ޤައުމީ މަޝްރޫޢުއެއްގެ ގޮތުގައިކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން އެންމެ އިސްކަން ދެއްވާނެ އެއް މަސައްކަތަކީ އުތީމުގައި ހުރި އާސާރީ ބިނާތައް އަންނަ އޮތް ޖީލުތަކަށް ފެންނާނެގޮތަށް ރައްކާތެރިކޮށް ދެމެހެއްޓުމުގެ މަސައްކަތްކަމަށާ، އެކަމަށް ކުރައްވާ މަސައްކަތަށް، ބޭރުގެ އެހީވެސް ލިބިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. މިއިން ކޮންމެ މަސައްކަތެއްވެސް ކުރައްވާނީ އެތަނެއްގެ އަސްލު ނުގެއްލޭގޮތަށް އަދި އެތަނެއްގެ ތާރީޚަށް ބުރޫ ނާރާނެ ގޮތަށްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"މިކަން ވާނީ މުހިންމު މަޝްރޫޢުއަކަށް. އެކަމަށް ވަކި ބަޖެޓެއް ކަނޑައެޅި ބޭނުންވާ ފުރިހަމަ ވަސީލަތްތަކާއެކު ޤާއިމުކުރާނަން. މި ހުރި އާސާރީ ތަންތަން ބެލެހެއްޓުމުގައިވެސް ރަނގަޅަށް ބަލަހައްޓާ ޓްރީޓްމަންޓްދީ، އޭގެ އަސްލު ގެއްލުވާނުލައި އެކަން ކުރާނީ. މީގެކުރިން އެކަން އެކަށީގެންވާ ގޮތުގައި ކުރެވިފައި ނެތް." ރައީސް ވިދާޅުވިއެވެ.

ތަކަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ތަކަންދުއަކީވެސް އާސާރީ ބިނާތައް ގިނަ، ދިވެހި ތާރިޚުގެ މުހިންމު ވާހަކަތަކެއް ދައްކުވައިދޭ އާސާރުތަކެއް ހުރި ރަށެއްކަމަށެވެ. އެ ރަށުގައި ހުރި ހިރިގަލުގެ މަސައްކަތްތައް ފެންނަ އާސާރީ ގަބުރުސްތާނަކީ ތާރީޚުގެ މުހިންމު ވާހަކަތަކެއް ބުނެދޭ އަގުބޮޑު ބިނާތަކެއްކަމަށެވެ.

ތަކަންދުއަކީ ދިވެހި ތާރީޚާގުޅޭ މިފަދަ ބިނާތައް ފެންނަންހުރި މަދު ރަށްރަށުގެ ތެރޭގައި ހިމެނޭ ރަށެއްކަމަށާ، މިރަށުގެ އާބާދީ ކިތަންމެ ކުޑަނަމަވެސް ރަށުގައި ހުރި މިފަދަ އާސާރީ ތަންތަން ޙިމާޔަތްކޮށް އެތަންތަނުގެ ބޭނުން ފުރިހަމަގޮތުގައި ހިފޭނެ ގޮތްތައް ހޯއްދަވައިދެއްވާނެކަމަށް އެމަނުކުފާނު ވިދާޅުވިއެވެ.

އެގޮތުން އުތީމުގައި ޤައުމީ ދުވަސް ފާހަގަކުރަން ހިންގާ ދެ އަހަރުދުވަހުގެ މަޝްރޫޢުގެ ތެރެއިން ތަކަންދުއާ ބާރަށުގައި ގިނަ ޕްރޮގްރާމްތަކެއް ހިންގެވުމަށް ނިންމަވާފައިވާކަން ރައީސް ހާމަކުރެއްވިއެވެ.

"ތާރީޚު ދަސްކުރާ ކުދިންނަށް އަދި ތާރީޚީ ދިރާސާތައްކުރާ މީހުންނާ ރައްޔިތުންނަށް ނަފާ ލިބޭގޮތަށް އެ މަސައްކަތް ގެންދާނީ. މީގެއިތުން ކަލްޗަރަލް ޓުއަރިޒަމް ނުވަތަ ރާއްޖޭގެ ތާރިޚު ދެކިލަން ޝައުވެރިވާގޮތަށް ފަތުރުވެރިން އަންނާނެފަދަ މަސައްކަތްތައް މި ރަށުގައި ކުރިއަށް ގެންދާނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިމަސައްކަތަށް ސަރުކާރުން ޚާއްސަ ބަޖެޓެއް ހަމަޖައްސަވާނެކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުވެގެންދާނީ ތާރިޚީ ބިނާތައް ޙިމާޔަތްކޮށް، ޤައުމިއްޔަތު އާލާކުރުމުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދެވޭނެ އަހަރަކަށް ވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.