ބޭރު ފައިސާ މާރުކުރުމުގެ ޤާނޫނުގެ ދަށުން މިދިޔަ މަހެއްހާ ދުވަހު 25 މިލިޔަނަށްވުރެ ގިނަ ޑޮލަރު މާރުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހއ. ހޯރަފުށި ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ބޭންކުތަކަށް ޑޮލަރު މާރުކުރުން ނުވަތަ ޑޮލަރު ޖަމާ ކުރުން ލާޒިމްކުރާ ބޭރު ފައިސާއާއި ބެހޭ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މި ޤާނޫނުގެ ދަށުން ބޭރުފައިސާގެ އާމްދަނީ ލިބޭ ވިޔަފާރިތަކުން އެ ފަރާތްތަކަށް ލިބޭ އާމްދަނީ ބޭންކުތަކަށް މާރުކުރަން ޖެހެއެވެ. މި ޤާނޫނު އެކުލަވާލާފައވަނީ ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށެވެ.
ހއ. ހޯރަފުށީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ ފާއިތުވި 14 މަހުވެސް އިޤްތިޞާދީ ގިނަ ކަންކަން ފަށައިގަނެފައިވާކަމަށާއި، އެންމެ ބޮޑު މަސައްކަތަކީ ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް ކުރި މަސައްކަތްކަށެވެ.
އެކަމަށްޓަކައި ބޭރު ފައިސާ މާރުކުރުމުގެ ޤާނޫނަށް އަމަލުކުރަން ފަށާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވަނީ ގިނަ ރިސޯޓްތަކުން ޑޮލަރު މާރުކުރުމުގެ ޤާނޫނަށް ތަބާވެ އަމަލުކުރަމުންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް 25 މިލިޔަނަށްވުރެ ގިނަ ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާކަމަށާއި، އެއީ އެއްމަސްދުވަހުގެ އަދަދުކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އެ ޤާނޫނު ރަނގަޅަށް ތަންފީޒްކުރައްވާނެކަމަށާއި އެއްވެސް ފަރާތެއް އެ ޤާނޫނު އިސްތިސްނާނުވާނެކަމަށް ވިދާޅުވިއެވެ.
"ގިނަ ރިސޯޓްތަކުން ތަބާވެ ޑޮލަރު މާރުކުރަމުންދަނީ. އަޅުގަނޑަށް ގަވަރުނަރު ދީފައިވާ އަޕްޑޭޓުގައި މިދިޔަ ހޯމަދުވަހުގެ ނިޔަލަށް 25 މިލިޔަނަށްވުރެ ގިނަ ޑޮލަރު މާރުކޮށްފައިވޭ. އެ ޤާނޫނު ރަނގަޅަށް ތަންފީޒްކޮށް އެއްވެސް މީހަކަށް އިސްތިސްނާ ނުދޭނަން. އެ ޤާނޫނުގެ ދަށުން ކޮންމެ ފަރާތެއްވެސް ޖެހޭނީ އެގޮތަށް އަކުރަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވަނީ އެ ޤާނޫނު ތަންފީޒްވުމުން ރައްޔިތުންނާ ސަރުކާރަށް ފަސޭހަތަކެއް ހުންނާނެކަމަށް ވިދާޅުވެފައެވެ. އެއާއެކު، ކުރިއަށް އޮތް އަހަރު ގިނަ ކަންކަން ރައްޔިތުންނަށް ފަހިވާނެކަމަށާއި، ޚާއްޞަކޮށް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނާއި ކިޔަވާ ކުދިންނަށް ފައިދާކުރާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފާއިތުވި އެއް އަހަރު ދުވަހަކީ އިޤްތިޞާދީ ދަތި އުނދަގޫތަކާ ކުރިމަތިލީ އަހަރެއްނަމަވެސް އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވިގޮތަށް މިހާތަނަށް ފައިސާ ޗާޕުކޮށްފައި ނުވާނެކަމަށެވެ. އެކަން ނުކުރުނީ އިތުރަށް ރާއްޖޭގެ އިޤްތިޞާދު ހަލާކުވިޔަ ނުދިނުމަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަލަށް ޢަމަލުކުރަން ފަށާފައިވާ ބޭރު ފައިސާ މާރުކުރުމުގެ ޤާނޫނުގެ މަޤްޞަދަކީ، ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނެ މުޢާމަލާތްތައް ކަނޑައަޅައި، ބޭރު ފައިސާ އެތެރެކޮށް ބޭނުންކުރުމާއި ގެންގުޅުމާއި އަދި ޖަމާކޮށް މާރުކުރުމާއި ގުޅޭ އުސޫލުތައް ކަނޑައަޅައި ހިންގުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑެއް ކަނޑައަޅައި އެކުލަވާލުމެވެ. މި ޤާނޫނުގެ ދަށުން އިސްތިސްނާވާ މުޢާމަލާތްތައް ފިޔަވައި އެހެން ހުރިހާ މުޢާމަލާތްތައް ކުރަން ޖެހޭނީ ދިވެހި ރުފިޔާއިން ކަމަށް ވަނީ ބަޔާންކޮށްފައެވެ.