ކުޅިވަރު

ޗެމްޕިއަންސް ޓްރޮފީ: ދަނޑުތައް ނިމެމުންދާ ސްޕީޑް ރަނގަޅު: ޕާކިސްތާން


އައިސީސީ ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތަށް ޕާކިސްތާނުގެ ސްޓޭޑިއަމްތައް ނިމެމުންދާ ސްޕީޑް ރަނގަޅު ކަމަށް އެ ގައުމުން ބުނެފި އެވެ.

ޕާކިސްތާން ކްރިކެޓް ބޯޑުގެ ޗެއާމަން މުހައްމަދު ނަގްވީ މިހެން ވިދާޅުވީ ރާވަލްޕިންޑީގެ ދަނޑުގެ މަސައްކަތް ހިނގާ ގޮތް ބައްލަވާލެއްވުމަށްފަހު އެވެ.

އަންނަ މަހުގެ 19 ވަނަ ދުވަހު ފަށާ މުބާރާތަށް ޕާކިސްތާނުގެ ތިން ދަނޑެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެއީ ލާހޯރުގައިވާ ގައްދާފީ ސްޓޭޑިއަމާއި ކަރާޗީގެ ނެޝަނަލް ސްޓޭޑިއަމާއި ރާވަލްޕިންޑީގެ ދަނޑެވެ.

ނަގްވީ ވިދާޅުވީ ގައްދާފީ ސްޓޭޑިއަމުގެ ވަށައިގެންވާ މަގުތަކާއި ދަނޑު ބޭރު ޒީނަތްތެރި ކުރުމާއި ކުލަލުމާއި ކާނުތައް ސާފުކުރުން ފަދަ ކަންކަން ކުރިއަށް އޮތް ދެތިން ދުވަހުން ނިންމާލެވޭނެ ކަމަށެވެ.
އަދި ރާވަލްޕިންޑީގެ ސްޓޭޑިއަމުގެ މައި ޕެވީލިއަން އާއި މީޑިއާ ބޮކްސްތަކާއި ކުޅިބަލާ މީހުން ތިބޭނެ އައު ގޮނޑިތައް ޖެހުން މިހާރު ވަނީ އެންމެ ފަހު ސްޓޭޖުގައި ކަމަށެވެ.

"މަރާމާރުގެ މަސައްކަތް އެވަނީ ނިމުމަކާ ހަމައަށް ގޮސްފައި. މައި ޕެވީލިއަން އާއި މީޑިއާ ބޮކްސްގެ މަސައްކަތް ނިމިއްޖެ. ގޮނޑިތައް ޖަހައި ނިންމާލެވޭނެ ކުރިއަށް އޮތް ދުވަސްތަކުގައި،" ނަގްވީ ވިދާޅުވި އެވެ.

ދަނޑުތަކުގެ އިތުރަށް އޭނާ ވަނީ މުބާރާތުގެ ސެކިއުރިޓީގެ ކަންކަން ވެސް ރޭވިފައިވާ ގޮތް ބައްލަވާލައްވައިފަ އެވެ.

"ވަރަށް ގިނަ ދުވަހަށް ފަހު އަހަރުމެންގެ ގައުމުގައި އައިސީސީގެ މުބާރާތެއް މި ބާއްވަނީ. މި މުބާރާތަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އެވަނީ ވަރަށް ފުރިހަމައަށް ނިމުމަކާ ގާތްވެފައި. އެހެންވީމާ މިއީ އަހަރުމެންނަށް ހަނދާނުން ފުހޮލަން ދަތި މުބާރާތަކަށް އިންތިޒާމްތައް ހެދޭނެ،" ނަގްވީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕާކިސްތާނުން ބޭނުންވަނީ މިއީ އެ ގައުމަށް މެޗުތައް ބަލަން އަންނަ ފަރާތްތަކުން ވެސް ތައުރީފް ކުރާ ވަރުގެ މުބާރާތަކަށް ހެދުން ކަމަށެވެ.

"އަހަރުމެން އުއްމީދު ކުރަނީ ކްރިކެޓް ސަޕޯޓަރުންނަށް އެންމެ މޮޅު ކުޅުން މި ދަނޑުތަކުގައި ފެނިގެންދާނެ ކަމަށް. ވަރަށް ވާދަވެރި މުބާރާތަކަށް ވެގެންދާނެ ކަމަށް. އަހަރުމެން މަސައްކަތް ކުރަނީ ޕާކިސްތާނުގެ މެހުމާންދާރީ އަށް ތައުރީފް ކުރެވޭ ފެންވަރުގައި ބަހައްޓަން،" ނަގްވީ ވިދާޅުވި އެވެ.

ރާވަލްޕިންޑީގެ ދަނޑުގައި މުބާރާތުގެ މުހިންމު މެޗުތަކެއް ކުޅޭނެ އެވެ. އެގެ ތެރޭގައި ބަނގްލަދޭޝް އާއި ނިއުޒީލޭންޑް ފެބްރުއަރީ 24ގައި ބައްދަލުކުރާ މެޗާއި އޮސްޓްރޭލިޔާ އާއި ދެކުނު އެފްރިކާ ކުޅޭ މެޗާއި ޕާކިސްތާނާއި ބަނގްލަދޭޝް ކުޅޭ މެޗު ހިމެނެ އެވެ.

އަށް ގައުމު ވާދަކުރާ މުބާރާތުގައި އިންޑިޔާގެ ހުރިހާ މެޗެއް ކުޅޭނީ ޑުބާއީގަ އެވެ. އެއީ އިންޑިޔާ ސަރުކާރުން އެ ގައުމުގެ ޓީމު ޕާކިސްތާނަށް ފޮނުވަން ބޭނުންނުވާތީ އެވެ.

މުބާރާތުގެ ގްރޫޕް އޭގައި ޕާކިސްތާނާއި އިންޑިޔާ އާއި ބަނގްލަދޭޝް އަދި ނިއުޒިލޭންޑް އެވެ. ގްރޫޕް ބީ ގްރޫޕުގައި ހިމެނެނީ އޮސްޓްރޭލިޔާއި އަފްގާނިސްތާނާއި އިންގްލޭންޑާއި ދެކުނު އެފްރިކާ އެވެ.