ބެލްޖިއަމް ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުން ވޭލްސް ޖާގަ ހޯދައިފިއެވެ.
ކުއާޓަރ ފައިނަލްގައި ބެލްޖިއަމްގެ މައްޗަށް ވޭލްސް ކުރިހޯދީ ބެލްޖިއަމް ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ތިންލަނޑު ޖަހައިގެންނެވެ. މިއީ ބޮޑު މުބާރާތެއްގެ ސެމީފައިނަލަށް ވޭލްސް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މެޗްގެ ފުރަތަމަ ހާފްގައި ބެލްޖިއަމްގެ ލަނޑު ކާމިޔާބުކޮށްދިނީ ނައިންގޮލަންއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ވޭލްސްއަށް ނަތީޖާ ހަމަހަމަކޮށްދިނީ ކެޕްޓަން އޭޝްލީ ވިލިއަމްސްއެވެ. ދެވަނަ ހާފްގައި ވޭލްސްއަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ ރޮބްސަން ކާނޫއެވެ. އަދި މެޗްގެ ތިންވަނަ ލަނޑު ވޭލްސްއަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ވޯކްސްއެވެ.
މިމެޗްގައި ދެއްކި ރީނދޫ ކާޑާއެކު ވޭލްސްގެ ރަމްސީއަށް ސަސްޕެންޝަންގެ ސަބަބުން ސެމީފައިނަލް މެޗްގައި ނުކުޅެވޭނެއެވެ. މެޗުން މޮޅުވެ ވޭލްސް ސެމީ ފައިނަލުން ޖާގަ ހޯދިއިރު ސެމީ ފައިނަލްގައި ވޭލްސް ވާދަކުރަން ޖެހޭނީ ރޮނާލްޑޯގެ ޕޯޗްގަލްއާއެވެ.
ސެމީ ފައިނަލް ފުރަތަމަ މެޗް ކުޅޭނީ މިމަހުގެ ހަވަނަ ދުވަހުގެ ރޭ ދަންވަރު ބާރަ ޖަހާއިރުއެވެ.