ޖަމްޢިއްޔާތައް މާލީގޮތުން ބާރުވެރިކުރުވުމަށް ކުރާ މަސައްކަތުގެ ދަށުން މިއަހަރުވެސް ޖަމްޢިއްތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ނިންމާފައިވާކަމަށް ޒުވާނުން ބާރުވެރިކުރުމާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ޖަމްޢިއްޔާތައް މާލީގޮތުން ބާރުވެރިކުރުވުމަށް ކުރާ މަސައްކަތުގެ ދަށުން މިދިޔަ އަހަރު ވަނީ 15 ޖަމްޢިއްޔާއަކަށް ދައުލަތުގެ ބަޖެޓުން ފައިސާގެ އެހީތެރިކަން ދީފައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ޖަމިއްޔާތަކުގެ ރަޖިސްޓްރަރ އަލީ ޝަކީލް ވިދާޅުވީ ޖަމިއްޔާތަކަށް ފައިސާ ދިނުމުގެ އުޞޫލްގެ ދަށުން ގްރާންޓް ދޭނީ އެ ވުޒާރާގައި ރަޖިސްޓްރީކޮށްފައިވާ ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތަކަށްކަމަށެވެ. ޝަކީލް ވިދާޅުވީ މިއަހަރުގެ ގްރާންޓަށް އެދުމުގެ ފުރުޞަތު މިމަހުގެ ތެރޭގައި ހުޅުވާލެވޭނެކަމަށެވެ. އަދި ގްރާންޓަށް ހުޅުވާލާއިރު މިފަހަރުގެ އުޞޫލަށް ބައެއް ބަދަލުތަކެއް އައުމަކީ އެކަށީގެންވާކަމެއްކަމަށާއި ގެންނަ ބަދަލަކީ ރަނގަޅު ބަދަލަކަށް ވާނެކަމަށް އޭނާ ވިދާޅުވިއެވެ.
" އަޅުގަނޑުމެންވެސް ބޭނުންވޭ ރާއްޖެގެ ގިނަ ޖަމިއްޔާތަކުން ގިނަ ކަންތައްތަކެއް ކުރަން. ގްރާންޓް ދިނުމުގައި ވަރަށް ވިސްނުން ހުރޭ މެންޑޭޓަ ގުޅޭ ގިނަ ކަންތައްތަކަކަށް އިސްކަންދޭން." ޖަމިއްޔާތަކުގެ ރަޖިސްޓްރަރ އަލީ ޝަކީލް" ވިދާޅުވިއެވެ.
ޖަމްޢިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެނީ އިޖުތިމާޢި ގޮތުން މުޖުތަމަޢު ބާރުވެރިކުރުވުމަށް ހިންގާ އެކި އެކި މަޝްރޫޢުތަކަށެވެ. މިފައިސާ ދެނޭ 3 މަރުހަލާއަަކަށް ބަހާލައިގެންނެވެ.
ރާއްޖޭގައި 3000 އެއްހާ ޖަމްޢިއްޔާ ރަޖިސްޓްރީކޮށްފައިވާ ނަމަވެސް އޭގެތެރެއިން އެކްޓިވް ޖަމްޢިއްޔާތަކުގެ ގޮތުގައި އޮތީ ހާހެއްހާ ޖަމްޢިއްޔާއެވެ. އެހެންކަމުން ޒުވާނުން ބާރުވެރިކުރުމާ ބެހޭ ވުޒާރާއިން ވަނީ ޖަމްޢިއްޔާތައް އަދާހަމަކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި ރާއްޖޭގައި ހަރަކާތްތެރިވާ ޖަމްޢިއްޔާތަކުގެ ތެރެއިން އެކްޓިވް ނޫން ޖަމްޢިއްޔާތައް މިއަހަރުގެ ނިޔަލަށް އުވޭނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.