ދިވެހިންގެ އުފާވެރިކަން މިންކުރުމަށް އެކުލަވާލާ އޮނިގަނޑު މިއަހަރުގެ ތެރޭގައި އާންމުކޮށް ޕައިލެޓް ޕްރޮގްރާމް މިއަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު ޚިދުމަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. 
ދިވެހިންގެ އުފާވެރިކަން މިންކުރުން ނުވަތަ "ހެޕިނެސް އިންޑެކްސް"އަކީ ރަށްރަށުގައި ހުރި އިޖުތިމާޢީ، ސިއްޙީ އަދި އިޤްތިޞާދީ މައްސަލަތައް ޙައްލުކޮށް ދިވެހީންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކަށަވަރުކޮށް މުޖުތަމަޢުގެ ހަމަޖެހުން ޤާއިމުކޮށް ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ޤައުމީ މަސައްކަތެކެވެ.
ދިވެހިންގެ އުފާވެރިކަން މިންކުރުމަށް ބޭނުންވާ އިންޑިކޭޓަރސްތައް އެކުލަވާލާ ހެޕިނެސް އިންޑެކްސްއެއް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ފެއްޓެވީ މިދިޔަ އަހަރުގެ ތެރޭގައެވެ. 
ފުރަތަމަ ފަހަރަށް އެކުލަވާލާ ރާއްޖޭގެ ހެޕިނެސް އިންޑެކްސްއާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު ޚިދުމަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ޤައުމެއްގެ ތަރައްޤީ ވަޒަންކުރެވެނީ ޙަގީގަތުގައި އެތަނެއްގެ ދިރިއުޅޭ ރައްޔިތުންގެ ހަމަޖެހުމުންކަމަށެވެ. 
ތަރައްޤީއަކީ ހަމައެކަނި ޢުމްރާނީގޮތުން ޤައުމު ތަރައްޤީވުން ނޫންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އިޖުތިމާޢީ މައްސަލަތައް މަދު ޤައުމަކަށް ރާއްޖެ ހެދުމަކީ ދެމެހެއްޓެނިވި ތަރައްޤީއަށް މުހިއްމުކަމެއްކަމަށެވެ. 
ހެޕިނެސް އިންޑެކްސް އެކުލަވާލުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާއިރު، ވަޒީރު ވިދާޅުވީ، މިއަހަރުގެ ތެރޭގައި އޮނިގަނޑު އެކުލަވާލާ ޕައިލެޓް ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ. އަދި އަންނަ އަހަރުގެ ތެރޭގައި މި މިންގަނޑުން ރަށްރަށުގެ ޙާލަތު ބަލައި ވަޒަންކުރެވޭވަރަށް މިއަހަރު މަސައްކަތް ކުރިއަށްގެންދަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
		
										
			"އަޅުގަނޑުމެން މިބަލަނީ މިއަހަރުގެ ތެރޭގައި އޮނިގަނޑު އެއްކޮށް އާއްމުކޮށް އަދި މީގެ ޕައިލެޓް ޕްރޮގްރާމްތަކެއް މިއަހަރުގެ ތެރޭގައި ކުރިއަށްގެންދެވޭނެކަމަށް. ޕައިލެޓް ޕްރޮގްރާމަށްފަހު އަޅުގަނޑުމެނަށް އިތުރަށް ފުރިހަމަކަމެއް ގެނެވޭނީ ކޮންކަހަލަ ބަދަލުތަކެއްތޯ ގެންނަންޖެހެނީ އެނގޭނެ." ވަޒީރު ވިދާޅުވިއެވެ. 
ހެޕިނެސް އިންޑެކްސް ބެލުމަށް ބައިނަލްއަޤުވާމީގޮތުން މިންގަނޑުތަކެއް ބޭނުންކުރެއެވެ. އެގޮތުން އާބާދީގެ ނިސްބަތުން ޤައުމުގެ އުފެއްދުންތެރިކަމާއި، އިޖުތިމާޢީ އެހީއާއި، ދުޅަހެޔޮ ސިއްޙަތާއި، އަމިއްލަ ދިރިއުޅުމުގެ ކަންކަން ނިންމުމުގެ އިޚްތިޔާރާއި، މުޖުތަމަޢުގެ އަފްރާދުންގެ ދީލަތިކަމާއި، ކޮރަޕްޝަނާއި މެދު ޢާއްމުން ދެކޭގޮތް މިނެކިރައިގެން ޤައުމުތަކުގެ އުފާވެރިކަން ވަޒަންކުރެއެވެ. މިއީ ދުނިޔޭގެ ކުރިއަރާފައިވާ ތަހުޒީބު ޤައުމުތަކުގައި ތަރައްޤީ މިންކުރުމުގައިވެސް ބަލާ އިންޑެކްސްއެއްކަން ފާހަގަކުރެވެއެވެ. 
ދުނިޔޭގެ އެންމެ އުފާވެރި ޤައުމުތައް ދެނެގަތުމަށް ބައިނަލްއަޤުވާމީ އެކި އިދާރާތައް ގުޅިގެން އެކުލަވާލާ، ވޯލްޑް ހެޕިނެސް ރިޕޯޓުގައި ވާގޮތުން އެންމެ އުފާވެރި ޤައުމުތަކުގެ ލިސްޓުގައި ހިމެނޭ 143 ޤައުމާއި ވާދަކޮށް އެންމެ ކުރީގައި ރޭންކްކުރެވިފައިވަނީ ފިންލޭންޑެވެ.