ބަޔާން މިއުނިކުގެ ގޯލްކީޕަރު މެނުއަލް ނޯޔާ އުމުރުން 40 އަހަރުގައިވެސް ކުޅުން ކުރިއަށް ގެންދަން ނިންމައި، އެއްބަސްވުން އައުކޮށްފިއެވެ.
ޖަރުމަނުގެ ގައުމީ ކީޕަރުކަން ވެސް ކުރި ދުނިޔޭގެ ކުރީގެ އެންމެ މޮޅު ކީޕަރު މި ފަހަރު އެގްރީމަންޓް އާކުރީ އެއް އަހަރަށެވެ. އެއީ އޭނާގެ މިހާރުގެ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާތީ އެވެ. އޭނާގެ މިހާރުގެ އުމުރަކީ 38 އަހަރެވެ. ނޯޔާ އަށް 40 އަހަރު ވާނީ 2026 ވަނަ އަހަރުގެ މާޗު މަހުގެ 27ގަ އެވެ.
"އަހަރެން އަދިވެސް ކުޅެން ވަރަށް ބޭނުން. އަހަރެން އަދިވެސް ވަރަށް ވާދަވެރި. މި ކުލަބުގައި އިތުރު އަހަރަކު ކުޅެން އަހަރެން މިހުރީ ވަރަށް ބޭނުންވެފައި. ކުލަބާއި އަހަރެން ވެސް ހުރި އުއްމީދުތައް އަދި ވަރަށް ގިނަ،" ނޯޔާ ބުންޏެވެ.
އޭނާ ވަނީ ކޮންޓްރެކްޓްގައި ސޮއިކުރުމަށްފަހު މިހާތަނަށް ބަޔާންގައި ބޭނުންކުރި 20 ޖާޒީއެއްގެ ފޮޓޯއެއް ދައްކާލައިފަ އެވެ. މިއީ އޭނާގެ ކޮމިޓްމަންޓާއި ތަޖުރިބާ ދައްކުވައިދިނުމަށް ކުރި ކަމެއް ކަމަށް ޖަރުމަނުގެ ނޫސްތަކުން ބުނެ އެވެ.
އޭނާ ބަޔާންއާ ގުޅުނީ 2011 ވަނަ އަހަރު އެވެ. ބަޔާންގައި އޭނާ ވަނީ ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. އަދި ޖަރުމަނު ލީގު ކަމަށްވާ ބުންޑަސް ލީގާ 11 ފަހަރު ކާމިޔާބުކޮށްފައިވެ އެވެ. އޭނާ މިހާތަނަށް ކުލަބުގައި ހޯދީ އެންމެ ރަތް ކާޑެކެވެ.
2010 ވަނަ އަހަރުގެ ވޯލްޑްކަޕް ޖަރުމަނަށް ކާމިޔާބުކޮށްދިން ކީޕަރު ނޯޔާ އަކީ އެ މުބާރާތުގެ އެންމެ މޮޅު ކީޕަރެވެ. އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ މިދިޔަ އަހަރުގެ ޖޫން މަހު ޖަރުމަނުގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅުމަށްފަހު އެވެ.
އޭނާ ކުލަބަށް ކުޅުން ހުއްޓާލަފާނެ ކަމަށް ބަލައި ބަޔާންއިން މީގެ ކުރިން ވަނީ އެ ކުލަބަށް ބައެއް ކީޕަރުން ލައްވައި ސޮއިކުރުވައިފަ އެވެ. ނަމަވެސް އެލެގްޒެންޑާ ނުބެލް ގިނައިން އުޅެން ޖެހުނީ އެކި ކުލަބުތަކަށް ލޯނު އުސޫލުން ކުޅުމުގަ އެވެ.
ބަޔާން މިއުނިކުން އޭނާގެ ކޮންޓްރެކްޓް އާ ކުރުމަށްފަހު ބުނީ ނޯޔާ އަކީ މި ޒަމާނުގެ ކީޕަރުންގެ ތެރެއިން މުޅިން ތަފާތު މޮޅު ކީޕަރެއް ކަމަށާއި އޭނާ އަށް އެކުލަބުން މަރުހަބާ ކިޔަނީ އުފަލާއެކުގައި ކަމަށެވެ.