ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ޤަވާއިދުގެ ތެރެއަށް ވަނުމަށް ދެވޭ ދެވަނަ ފުރުސަތުގައި ޤާނޫނީ އިމުގެ ތެރެއިން ވަދެފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް މޯލްޑިވްސް އިމިގްރޭޝަނުން ދަނީ ތަފާތު އެކި މަސައްކަތްތައް ކުރަމުންނެވެ. މީގެ ތެރޭގައި ބިދޭސީން ހަރަކާތްތެރިވާ ތަންތަން ބާލާ ފާސްކުރުން ހިމެނެވެ. މިގޮތަށް ބަލާ ފާސްކުރުމުގެ ތެރެއިން ޤަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އިމިގްރޭޝަނުން އަންނަނީ ދެމުންނެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް އިމިގްރޭޝަންގެ ޗީފް އިމިގްރޭޝަން އޮފިސަރ އަހުމަދު މުޖްތަބާ ވިދާޅުވީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގައި ގަވާއިދުން ފީ ނުދައްކާ ފަރާތްތަކާއި އެމްޕްލޮޔަރު ބަދަލުވުމުގެ މަރުހަލާގައި ތިބި މީހުންގެ އިތުރުން ރެގިއުލަރައިޒޭޝަން ޕްރޮގްރާމް ފުރިހަމަ ނުވެ ތިބި ފަރާތްތައް ހިމެނޭކަން ފާހަގަކުރެވޭކަމަށެވެ.
އެފަދަ ފަރާތްތަކަށް ޤާނޫނީ އިމުގެ ތެރެއަށް ވަނުމަށްޓަކައި އިތުރު ފުރުސަތެއް ދޭކަމަށް މުޖުތަބާ ވިދާޅުވިއެވެ. މުޖްތަބާ ވިދާޅުވީ އެމުއްދަތު ހަމަވުމުން އިމިގްރޭޝަންގެ އޮފިސަރުން ދެވަނަ ފަހަރަށް އެބިދޭސީން ދިރިއުޅޭ ތަން ބަލާ ފާސްކުރަން ދާކަމަށެވެ. މިގޮތަށް ގޮސް ބަލާ ފާސްކުރާއިރު ހުރިހާ އެންމެ ކަހަލަ ގޮތަކަށް ޤާނޫނީ އިމުގެ ތެރެއަށް ވަދެފައިވާކަން ފާހަގަކުރެވިފައިވާކަމަށް ވިދާޅުވިއެވެ.
"މިފަދަ ގޮތަކަށް މުއްދަތު ދީފައި ހުރި ތަންތަން ދެވަނަ ފަހަރަށް އެބަ ޗެކްކުރެވޭ. ހަމަ ވަރަށް ކާމިޔާބު އިނގޭތޯ. އަޅުގަނޑުމެން އެގޮތަށް ނޯޓިސް ދީފައި ހުރި ހުރިހާތަނެއްހެން ހުރީ ރަނގަޅުކޮށްފައި. އެކޮމޮޑޭޝަން ބްލޮކްތަކުގައި ތިބެން ޖެހޭ އަދަދަށް މީހުން ތިބުމާއި އެތަނުގައި ހުންނަން ޖެހޭ މިންގަނޑުތަކާއި ގިނަ ތަންތަންވަނީ މިންގަނޑުތަކަށް ފައްދާފައި. މިކުރާ މަސައްކަތް ވަރަށް ކާމިޔާބު.
ކުރާ މަސައްކަތަށް ތަރުތީބު ދޭ އެމްޕްލޮޔަރުންނާއި ބިދޭސީންވެސް. ނިމިދިޔަ އަހަރު ކުރެވުނު މަސައްކަތަކީ ވަރަށް ކާމިޔާބު މަސައްކަތެއް." މުޖްތަބާ ވިދާޅުވިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު އިމިގްރޭޝަންގެ އަމާޒަކީ ކުރިއަށް އޮތް 3 އަހަރު ތެރޭގައި ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމެވެ.