ޚަބަރު

ޕްރައިމަރީ ހެލްތު ކެއަރ ނިޒާމުގެ ތެރެއިން ކެންސަރަށް ސްކްރީންކުރަން ޚާއްޞަ އިސްކަމެއްދޭނަން: ސިއްޙީ ވަޒީރު


  • ދުޅަހެޔޮ ދިރިއުޅުމެއް އިޚްތިޔާރުކޮށްފިނަމަ ކެންސަރު ބަލި މަދުކުރެވިދާނެ

  • ދުރާލާ ދެނެގަނެވިއްޖެނަމަ ފަރުވާކޮށްގެން ފަސޭހަވާނެ

ޕްރައިމަރީ ހެލްތު ކެއަރ ނިޒާމުގެ ތެރެއިން ކެންސަރަށް ސްކްރީންކުރަން ޚާއްސަ އިސްކަމެއްދެއްވާނެކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވީ ކެންސަރު ބަލީގެ ދުވަސް މިއަދު ފާހަގަކުރާއިރު، މި ބަލިން އަރައިގަތުމަށްޓަކައި ބަލި ތަޙައްމަލުކުރާ މީހުންނާއި ޢާއިލާތަކާއި ޞިއްހީ ޚިދުމަތްތެރިން ދައްކާ ހިތްވަރުގެ މަތިން ހަނދާންކުރަންޖެހޭ ކަމަށެވެ. އަދި ކެންސަރު ޖެހިފައިހުރިތޯ ދުރާލާ ދެނެގަތުމަށް ޕްރައިމަރީ ހެލްތު ކެއަރ ނިޒާމުގެ ތެރެއިން ސްކްރީންކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ދުޅަހެޔޮ ދިރިއުޅުމެއް އިޚްތިޔާރުކޮށް ދުރާލާ މި ބަލި ހުރިތޯ ދެނެގަތުމަށް ސްކްރީންކޮށްފިނަމަ، ދިވެހި މުޖުތަމަޢުގައި ކެންސަރު ބަލީގެ ނުރައްކާ އޮތް މިންވަރު ކުޑަކުރެވިދާނެ ކަމަށެވެ.

ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ 4 ވަނަ ދުވަސް ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ މި ބައްޔާ މެދު އާންމުން ހޭލުންތެރިކުރުވާ މިކަމުގައި ހުރި ހިރާސްތަކާ ދެކޮޅަށް މަސައްކަތްކުރުމަށެވެ.

ކެންސަރު ބައްޔަކީ ދުރާލާ ބަލިހުރިކަން ދެނެގަނެވިއްޖެނަމަ ފަރުވާކޮށްގެން ފަސޭހަވާނެ ބައްޔެކެވެ. ނަމަވެސް މި ބައްޔަކީ އަވަހަށް ފަރުވާ ނުކުރެވިއްޖެނަމަ އޭގެ ނުރައްކާ ބޮޑު ބައްޔެއްވެސްމެއެވެ.

ޕްރައިމަރީ ހެލްތު ކެއަރ ނުވަތަ އިބްތިދާއީ ސިއްޙީ ޚިދުމަތުގެ ނިޒާމަކީ ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް މަދުކޮށް އެ ބަލިތައް އަވަހަށް ދެނެގަނެގެން، ރައްޔިތުންނާ ގާތުން ފެންވަރު ރަނގަޅު ވަށާޖެހޭ ޚިދުމަތެއްގެ ތެރެއިން ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގުރާމްގެ ތެރެއިން ކެންސަރު ބައްޔަށް ސްކްރީންކުރަން އިސްކަންދެއްވާނެކަން ޞިއްޙީ ވަޒީރު މިވަނީ ހާމަކުރައްވާފައެވެ.