ނިމިގެންދިޔަ ދިވެހި ޔޫތު ލީގަކީ، ޔޫތު ލެވެލްގައި ހަރަކާތްތެރިވަމުންދާ ކުޅުންތެރިންނަށް އެހެން ހަރުފަތަކަށް ދިޔުމަށް ތަނަވަސްވި މަގެއް ކަމަށް ދިވެހި ޔޫތު ލީގުގެ ޓެކްނިކަލް އޮފިޝަލެއްގެ ގޮތުގައި ހަރަކާތްތެރިވި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ ބުނެފިއެވެ.
ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބަތަކަށް ކުޅުނު އަކުރަމް ބުނީ މިމަހު ފަށަން ހަމަޖެހިފައިވާ 19 އަހަރުން ދަށުގެ ކުލަބު ޗެމްޕިއަންޝިޕުގައި ޔޫތު ލީގުން ވިދާލި ބައެއް ކުޅުންތެރިން ފެންނާނެ ކަމަށެވެ.
ދިވެހި ޔޫތު ލީގުން ބޭނުންވި އަމާޒަށް ވާސިލުވެއްޖެ ކަމަށާއި، އެންމެ ބޮޑަށް ބޭނުންވީ ކުރިޔަށްދާން ތިބި ކުދިންނަށް ކުރިއަށްދެވޭނެ ފުރުސަތެއް ތަނަވަސްކުރުން ކަމަށް އަކުރަމް ބުންޏެވެ. ދިވެހި ޔޫތު ލީގުން ހީނުކުރާ ހުނަރުވެރި ކުދިން ފެނިގެންދިޔަ ކަމަށާއި އެންމެ މުހިންމު ކަމަކީ ލީގު މެދުނުކެނޑި ކުރިއަށްގެންދިޔުން ކަމުގައި އަކުރަމް ބުންޏެވެ.
"މުބާރާތް އެބަ ކުޅޭ ރަށުން އައިސް ބައެއް ކުދިން، ބައެއް ކުދިން އެބަ އާދޭ ފްލައިޓުގައި މެޗު އޮންނަ ގަޑިއަށް، މެޗު ކުޅެލާފަ އެދުވަހު އެބަދޭ ރަށަށް ސުކޫލަށްދާން،" އަކުރަމް ބުންޏެވެ.
ޔޫތު ޑިވެލޮޕްމެންޓަށް ކުރާ މަސައްކަތްތަކަށް ބަލާއިރު މާލެ ޒޯން 20 އަށްވުރެ ގިނަ އެކަޑަމީ ދަނީ ހަރަކާތްތެރިވަމުންނެވެ. އެހެން ނަމަވެސް މިހާގިނަ އެކަޑަމީތައް މާލޭ އޭރިޔާގައި ހަރަކާތްތެރިވަމުން އަންނައިރު އެ ކުޅުންތެރިން އެހެން ހަރުފަތަކަށް ދިޔުމަށްޓަކައި ވާދަވެރި މުބާރާތްތަކެއް ނެތްކަން އަކުރަމް ވަނީ ފާހަގަކޮށްފައެވެ.
"މުބާރާތް ކުޅެންޏާ އަޅުގަނޑުމެން ދާން މި ޖެހެނީ މެލޭޝިޔާއަށް، ދެން ގޮސް މި ކުޅެނީ ސިކްސް ނުވަތަ ސެވަން އަ ސައިޑް މުބާރާތެއް، އެއީ ފުޓްބޯޅައެއް ނޫން." އަކުރަމް ބުންޏެވެ.
އެކި އުމުރުފުރާތަކުގެ ކުޅުންތެރިންނަށް ފުރުސަތު ހަނިވެފައި އޮތުން ނިމުމަކަށް ގެނެސް އެއް ޕްލެޓްފޯމަކުން އެ ފުރުސަތު ހޯދައިދިނުމަކީ ޔޫތު ލީގުގެ އެންމެ ބޮޑު އަމާޒުކަމަށް އަކުރަމް ބުންޏެވެ. މި މުބާރާތާއެކު ގާއިމުވެގެން ދިޔައީ އެ ޕްލެޓްފޯމުކަން ފާހަގަކުރަމުން އަކުރަމް ބުނީ ޕްރޮފެޝަނަލީ މެޗަކަށް ކުޅުންތެރިއަކު ތައްޔާރުވާނެ ގޮތް ލީގުން ދަސްވެގެންދާނެ ކަމަށެވެ.
ޔޫތު ލެވެލްގައި ތަމްރީނު ވަމުންދާ ކުދިން ޕްރޮފެޝަނަލް ފުޓްބޯޅައަށް ނުކުންނައިރު މި ލިބިގެންދިޔަ ފުރުސަތުން އެންމެ މަތީ ފަންތީގެ ކުލަބުތަކާ އެކު ދިގު މުއްދަތަކަށް ކުޅުމުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އަކުރަމް ބުންޏެވެ.
ދިވެހި ޔޫތުލީގަށް ކުޅުންތެރިންގެ ބެލެނިވެރިންނާއި، ފުރަތަމަ ޑިވިޝަން ކުލަބުތަކުގެ ތަރުހީބު ވަރަށް ބޮޑަށް ލިބިގެންދިޔަކަމަށް އަކުރަމް ބުންޏެވެ.