މި ނިމުނު ހަފުތާ ވެެގެންދިޔައީ މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނު ހަފުތާއަށެވެ. ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން ޤައުމުގެ ހާލަތާއި ޤައުމުގެ ޙާލަތު ކުރިއެރުވުމަށް ގެންގުޅުއްވާ ތަޞައްވުރު ހާމަކުރައްވާ ރިޔާސީ ބަޔާނެއް މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްވިއެވެ. މި ރިޔާސީ ބަޔާނުގައި އުންމީދީ އެތައް ވާހަކަތެއް ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވިއެވެ.
ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކި ދާއިރާތަކުން ދިވެހިރާއްޖެ ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާއި މިއަހަރުގެ ތެރޭގައި ކުރަން ހަމަޖެހިފައިވާ މުހިންމު ކަންކަން އިޢުލާންކުރައްވައި ލަނޑުދަނޑިތައް ހާމަކުރައްވާފައެވެ. އެގޮތުން ޢުމްރާނީ ތަރައްޤީގެ 1043 މަޝްރޫޢެއް މުޅި ރާއްޖޭގައި ކުރިއަށްދާނެކަން ރިޔާސީ ބަޔާނުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ. މީގެ ތެރޭގައި ހުއްޓިފައިވާ މަޝްރޫޢުތަކުގެ ތެރެއިން އަލުން ފަށާ މަޝްރޫޢުތަކާއި ހިނގަމުންދާ މަޝްރޫޢުތަކާއި މުޅިން އަލަށް ފަށާ މަޝްރޫޢުތައް ހިމެނެއެވެ.
އަދި ރާއްޖޭގައި މިވަގުތު ހިންގޭ އެންމެ ބޮޑު އެއް މަޝްރޫޢުކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގެ މަސައްކަތާ ގުޅޭ އުފާވެރި ޚަބަރެއް ރައީސް ދެއްވިއެވެ. އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ 78 ހާސް އަކަ މީޓަރުގެ އައު ޓަރމިނަލް، މިއަހަރުގެ އޮކްޓޫބަރު މަހުގެ ކުރިން ހުޅުވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޢުމްރާބނީ ތަރައްޤީގެ ދާއިރާއަށް ބަލާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރުމުގެ 35 މަޝްރޫޢެއް މިއަހަރު ކުރިއަށްގެންދެވޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިޤުތިޞާދީ ދާއިރާއިންވެސް މުހިންމު ކަންތައްތަކެއް ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވިއެވެ. އެގޮތުން ދަނޑުވެރިކަމުގެ ޚާއްސަ އިޤުތިޞާދީ ސަރަހައްދުގެ މަސައްކަތް މިއަހަރު ފެށޭނެކަން އިޢުލާންކުރެއްވިއެވެ. ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢު 2028ވަނަ އަހަރު ނިމޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އިޤުތިޞާދުގެ މައި އެއް ތަނބުކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށް މިއަހަރަށް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިވެސް ރައީސް އިޢުލާންކުރެއްވިއެވެ. އެގޮތުން މިއަހަރުގެ ނިޔަލަށް 2.3 މިލިއަން ފަތުރުވެރީން ރާއްޖެއަށް ގެނައުމަކީ އަމާޒެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު ބޭންކިންގ ނިޒާމުގެ ތެރެއިން މަސްވެރިންނަށް ލުއިލޯނާއި އެސް.ޓީ.އޯ ކްރެޑިޓް ފެސިލިޓީއަށް އެދުމުގެ ފުރުޞަތު މި އަހަރުގެ ތެރޭގައި ފަހިވާނެކަންވެސް އިޤުތިޞާދީ ދާއިރާއިން އިޢުލާންކުރެއްވި ކަންކަމުގެ ތެރޭގައި ހިމެނެއެވެ. އަދި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުން ފެށިގެން ވެލާނާ އެއާޕޯޓުންފުރާ ކޮންމެ މީހަކަށް ދޫކުރާ ޑޮލަރު، ދެގުނަ ކުރައްވާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވިއެވެ.
އެހެނިހެން ދާއިރާތަކުން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވި ކަންތައްތަކަށް ބަލާއިރު، ޕޭހަމަނައިޒޭޝަން މަސައްކަތުގެ ތެރެއިން ސިވިލް ސަރވިސްއާއި ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ މިއަހަރު ބޮޑުވާނެކަން ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވިއެވެ. އަދި ދިވެހި ޤައުމިއްޔަތު އަލުން އިޢާދަކުރުމުގެ މަޝްރޫޢުގެ ދަށުން އުސްގެކޮޅާއި ކަޅުއޮށްފުންމިއާއި އެތަނުގެ ޕާކު ހިމެނޭ ގޮތަށް އިންޓަރެކްޓިވް އިމަރސިވް ތަޖުރިބާއެއްކުރެވޭ ގޮތަށް ޒަމާނީ ދާރުލްއާސާރެއް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވި ކަންތައްތަކުން ނޫސްތަކުގެ ސުރުޚީތައް ފުރުނު ނަމަވެސް، ސިޔާސީ ދާއިރާއިންނާއި ދާޚިލީ ސަލާމަތުގެ ދާއިރާއިން ފާހަގަކޮށްލެވޭ ކަންތައްތަކެއް މިދިޔަ ހަފުތާގައިވެސް ހިނގާފައިވާކަން ފާހަގަކޮށްލެވެއެވެ.
ނިމުނު ހަފުތާގައި ސިޔާސީ ދާއިރާއިން ފާހަގަކޮށްލެވޭ އެއް ކަމަކީ އިދިކޮޅު މައި ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން އިންތިޒާމްކޮށްގެން ބޭއްވި ހިނގާލުމެވެ. ސަރުކާރުގެ ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހިގެންކަމަށް ބުނެ ބޭއްވި މި ހަނގާލުމުގައި ވަރަށް މިނިވަންކަމާއެކު އިދިކޮޅުން ޚިޔާލުފާޅުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ނިމުނު ހަފުތާގެ ތެރޭގައި ސަރުކާރުގެ ބައެއް ވުޒާރާތަކަށާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ވެރިންނަށް ތިއްބެވި ބޭފުޅުންނަށް ބައެއް ބަދަލު ގެންނަވާފައިވެއެވެ. އެގޮތުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާ އެއްކޮށްލައި ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރުގެ މަޤާމަށް ޠާރިޤު އިބްރާހިމް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވިއެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ސީއީއޯކަމުން މުޙައްމަދު ވަޖީހު އިބްރާހިމް ވަކިކުރައްވައި އެ މަޤާމަށް މުޙައްމަދު ރިޝްވާނު އައްޔަންކުރެއްވީ ނިމުނު ހަފުތާގެ ބުދަ ދުވަހުއެވެ.
ދާދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް ގެނައި އިސްލާޙުގެ ދަށުން މިދިޔަ މަހުގެ ތެރޭގައި ވޭޕު ބޭނުންކުރި 12 މީހަކު ޖޫރިމަނާކޮށްފައިވާކަން ފުލުހުން ހާމަކުރީވެސް މިދިޔަ ބުދަ ދުވަހުއެވެ. އަދި ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި ސިނގިރޭޓު އުފައްދާކަމަށް ތުހުމަތުކުރެވޭ ތަނެއް ބަލައި ފާސްކޮށް ދުންފަތް އެކުލެވޭ 103 ފޮށިގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީވެސް ނިމުނު ހަފުތާގައެވެ.
ނިމުނު ހަފުތާގައި އިޤުތިޞާދީ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކުގެ ތެރޭގައި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަށައްދާން ފަށައިފިކަން ބޮޑެތި ބައެއް ވިޔަފާރިވެރިން ހާމަކުރަން ފެށުން ހިމެނެއެވެ. އެގޮތުން ސަރުކާރުން ބޭރު ފައިސާގެ ނިޒާމަށް ގެންނަން ފެށި ބަދަލާއެކު ޑޮލަރުގެ އަގަށް ރަނގަޅު ބަދަލެއް އަންނަން ފަށާފައިވާކަމަށް ބައެއް ވިޔަފާރިވެރިން ވަނީ ބުނެފައެވެ.
ބޭރު ފައިސާއާ ބެހޭ ޤާނޫނު އިސްލާޙުކޮށް، ބޭންކުތަކަށް ޑޮލަރު މާރުކުރުން ނުވަތަ ޑޮލަރު ޖަމާކުރުން ލާޒިމްކުރަން ވަނީ މަޖުބޫރުކޮށްފައެވެ. މިއާއެކު ޑޮލަރުގެ ރިޒާރވް އިތުރުވެ، ބޭނުންކުތަކުގައި ޑޮލަރު ދައުރުވާ މިންވަރު އިތުރުވާން މިވަނީ ފަށާފައެވެ.
ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު އިފްތިތާޙުކުރީވެސް ނިމުނު ހަފުތާގެ ހޮނިހިރު ދުވަހުއެވެ. މިއީ ކުދި ވިޔަފާރިތައް ކުރިއަރުވައި ފުޅާކުރުމަށް މިއަހަރުގެ ތެރޭގައި ފަހި ގިނަ ފުރުސަތުތަކެއް ހުޅުވޭނެ މައުރަޒަކަށްވާނެކަން ސަރުކާރުން ފާހަގަކުރައްވައެވެ. މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 23ވަނަ ދުވަހުން ފެށިގެން 31ވަނަ ދުވަހަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
ވޭތުވެދިޔަ ހަފުތާގައި އެހެނިހެން ދާއިރާތަކުން ފާހަގަކުރެވުނު ޚަބަރުތަކުގެ ތެރޭގައި އައްޑޫ ސިޓީގައި ތަރައްޤީކުރި ހަންކެޑެ ބުރިޖު ޢާންމުންނަށް ހުޅުވާލުން ހިމެނެއެވެ. 2021 ވަނަ އަހަރުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށި ހަންކެޑެ ބުރިޖު މިހާރު ހުޅުވާލުމާއެކު އައްޑޫ ސިޓީގެ މަގު ހެދުމަށް ކުރަމުންދާ މަސައްކަތުގެ ބޮޑު ބައެއް މިވަނީ ނިމިފައެވެ.
މީގެ އިތުރުން ދިވެހިރާއްޖެ ޑިޖިޓަލައިޒްކުރުމަށް ބޭނުންވާ މައިގަނޑު އަސާސްތައް އެކަށައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ ނިމުނު ހަފުތާގެ އާދިއްތަ ދުވަހުއެވެ. މި އަސާސްތައް އެކަށައެޅުމުގެ މަޤްޞަދުތަކުގެ ތެރޭގައި ޤައުމީ ފެންވަރުގައި ހިންގާ ރާއްޖެ ޑިޖިޓަލް ކުރުމުގެ މަޝްރޫޢުތައް ހަލުވިކޮށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޒަމާނީ ޤާނޫނުތައް ތަޢާރަފުކުރުން ހިމެނެއެވެ.
މި ނިމުނު ހަފްތާގައި ދިވެހިންގެ އުފާވެރިކަން މިންކުރުމުގެ ޤައުމީ މަޝްރޫޢުވެސް އިފްތިތާޙުކުރިއެވެ. މި މަޝްރޫޢަކީ ތަރައްޤީއާއި ތަހުޒީބުގައި ރަށްރަށުގެ ރައްޔިތުންގެ ހިތްހަމަޖެހުމާއި އުފާވެރިކަމުގެ ޝުޢޫރުތައްހުރި މިންވަރު ކަނޑައެޅުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫޢެކެވެ.
އެހެންކަމުން ނިމުނު ހަފްތާ ފާހަގަކޮށްލެވޭނީ ޤައުމުގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުތަކެއް ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވި، އޭގެ އިތުރުންވެސް ސަރުކާރުގެ މުހިންމު މަޝްރޫޢުތަކެއް އިފްތިތާޙުކޮށް އިޤުތިޞާދީ ބައެއް ކާމިޔާބީތައް ލިބުނު ހަފްތާއެއްގެ ގޮތުގައެވެ.