ޚަބަރު

ފުޓްބޯޅަ ސީޒަން ފަށާ ތާރީޚާއި ޗެރިޓީ ޝީލްޑް މެޗުވެސް ފަސްކޮށްފި


ދިވެހި ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ފުޓްބޯޅަ ސީޒަން ފަށާ ތާރިޚު ލަސްކޮށް ޗެރިޓީ ޝީލްޑް މެޗުވެސް ފަސްކޮށްފިއެވެ.

ފުޓްބޯޅަ ސީޒަން ހުޅުވުމަށް ބާއްވާ ޗެރިޓީ ޝީލްޑް މެޗު ފެށުމަށް ކުރިން ތާވަލުކޮށްފައި އޮތީ 14 ފެބުރުއަރީ ވާ ހުކުރު ދުވަހަށެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމް އިން ޗެރިޓީ ޝީލްޑް މެޗު ދެން ބާއްވާނީ 24 ފެބުރުއަރީގައެވެ. އެއާއެކު ޕްރެސިޑެންޓްސް ކަޕް ފެށުން ވަނީ 26 ފެބުރުއަރީއަށް ލަސްވެފައެވެ. އެހެންކަމުން ގިނަ މެޗުތައް ކުޅެން ޖެހޭނީ ރޯދަމަހުގެތެރޭގައެވެ.

އެފްއޭއެމްގެ ޝެޑިއުލަށް ބަދަލުތަކެއް އައިސްފައިވާއިރު މިމަހުގެ 2 ވަނަ ދުވަހު ފަށަން އުޅުނު 19 އަހަރުން ދަށުގެ ޔޫތް ޗެމްޕިއަންޝިޕްވެސް ވަނީ މިމަހުގެ 13 އަށް ލަސްކޮށްފައެވެ.

އެފްއޭއެމްއިން 2025 ވަނަ އަހަރުގެ ކަލަންޑަރު އިއުލާނުކޮށްފައިވަނީ ޑިސެންބަރު މަހުގެ މެދު ތެރޭގައެވެ. ސީޒަން ފަށާނެ ތާރީހެއް ނޭންގުމުގެ ސަބަބުން މީގެ ކުރިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން ވަނީ އެކުލަބުގެ ފަރިތަ ކުރުންތައް މެދު ކަނޑާލާފައެވެ.

އެފްއޭއެމްގެ ކަލަންޑަރުގައިވާގޮތުން ފުރަތަމަ ޑިވިޝަނުގެ މުބާރާތް ފަށާނީ ފިތުރު އީދަށް ފަހު އޭޕްރީލް 8 ގައެވެ.