މިއަދު ކުރިއަށްދާ ބައި-އިލެކްޝަންތަކުގައި ނ. މިލަދޫގައި ވޯޓު ކަރުދާސް ހިފައިގެން ބޭރަށް ނުކުންނަން އުޅުނު މައްސަލައެއް ފާހަގަކުރެވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ހަސަން ވިދާޅުވީ ބައި-އިލެކްޝަންގެ ވޯޓުލުން ހެނދުނު 8:00ގައި ފަށާފައިވާއިރު ބޮޑެތި މައްސަލަތަކެއް ފާހަގަކުރެވިފައި ނުވައި ކަމަށެވެ. މިހާތަނަށް ފާހަގަކުރެވިފައި ވަނީ ވޯޓާސް ލިސްޓުގައި ނަން ނެތުމުގެ މައްސަލަތަކަކާއި މިލަދޫގައި ވޯޓު ކަރުދާސް ހިފައިގެން ނުކުންނަން އުޅުނު މައްސަލައެއް ކަމަށް ހަސަން ވިދާޅުވިއެވެ.
"ވޯޓުލާން ވަޑައިގެންނެވި ބޭފުޅަކު ކަރުދާސް ޖީބަށް ލައިގެން ބޭރަށް ނުކުންނަން އުޅުނު މައްސަލައެއް. އެކަން އަޅުގަނޑުމެން މިހާރު ޕޮލިހާ ގުޅިގެން ތަހުގީގީ މަރުހަލާގައި އެބަ ކުރިއަށްގެންދަން. އެއީ ކަނޑައެޅިގެން ޤާނޫނީ ގޮތުން ކުށެއް. އެހެންވީމަ އެ މައްސަލަ ބަލާފައި އަޅުގަނޑުމެން އަޅަންޖެހޭ ފިޔަވަޅެއް އަޅާނަން،" އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.
ހަސަން ޒަކަރިއްޔާ ވިދާޅުވީ ލިސްޓުގައި ނަން ނެތުމުގެ މައްސަލަތައް ހުށަހެޅުމުން އެ މައްސަލަތަށް ބަލައި ކަން ހިނގާފައިވާ ގޮތް ބެލުމަށްފަހު ވޯޓުލުމުގެ ކަންކަން ކުރިއަށްގެންގޮސްފައިވާ ކަމަށެވެ. އަދި ހުރިހާ ރަށެއްގައި ވެސް ވޯޓުލުމުގެ ކަންކަން ކުރިއަށްދަނީ އަމާންކަމާއެކުގައި ކަމަށާއި މިއަދު ވޯޓުލާން ނުކުންނަ މީހުންގެ ނިސްބަތް ވެސް އެހެން ބައި-އިލެކްޝަންތަކަށްވުރެ ގިނަކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
މިއަދު ކުރިއަށްދާ ބައި-އިލެކްޝަންގައި 2 ރަށެއްގެ ކައުންސިލް އަދި 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ވޯޓުލުން ކުރިއަށްއެބަދެއެވެ. މި ބައި-އިލެކްޝަންގައި ވޯޓުލުން ކުރިއަށްދާނީ ހަވީރު 4:00އާ ހަމައަށެވެ.