ޚަބަރު

މިއަދު ބޭއްވި ބައި އިލެކްޝަންގެ ނަތީޖާ: 13 ގޮނޑީގެ ތެރެއިން 9 ގޮނޑި ސަރުކާރު ހިންގާ ޕީއެންސީއަށް


  • ހުރިހާ ފޮށްޓެއްގައިވެސް ކަނޑައެޅި ގަޑިއަށް ވޯޓުލުން ފެށި

  • އެހެން ފަހަރުތަކާ ޚިލާފަށް ވޯޓުލާން ނުކުތް މީހުންގެ ޢަދަދު އިތުރު

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެމްބަރުން ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަނުގެ 13 ގޮނޑީގެ ތެރެއިން 9 ގޮނޑި ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން މިއިންތިޚާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް 9 ގޮނޑި، އިދިކޮޅު އެމްޑީޕީއަށް 2 ގޮނޑި، އަމިއްލަ ގޮތުން ވާދަކުރި ފަރާތްތަކަށް 2 ގޮނޑިވަނީ ލިބިފައެވެ.

ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވަނީ މިހާރު އަހަރަކު ދެ ފަހަރުއެވެ. އެގޮތުން މިބަދަލާއެކު މިއަދު ފުރަތަމަ ބައި އިލެކްޝަން ބާއްވާފައިވަނީ 12 ދާއިރާއެއްގެ 13 ގޮނޑިއަށް މެމްބަރުން ހޮވުމަށެވެ. މީގެތެރެއިން 9 ގޮނޑި ކާމިޔާބުކޮށްފައިވަނީ ޕީއެންސީންނެވެ. އަދި އިދިކޮޅު އެމްޑީޕީއަށް 2 ގޮނޑި ކާމިޔާބުވެފައިވާއިރު އަނެއް 2 ގޮނޑި ކާމިޔާބުކޮށްފައިވަނީ އަމިއްލަ މެމްބަރުންނެވެ.

އެގޮތުން ޕީއެންސީން ކާމިޔާބުކުރީ ނ.ލަންދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއާއި، ހދ.ހިރިމަރަދޫ ، ނ.ފޮއްދޫ، ރ.އިންނަމާދޫ، ބ.ގޮއިދޫ، ލ.ގަން، ތ.ބުރުނީ، ގއ.ކަނޑުހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންގެ ގޮނޑިއެވެ.

އަދި އދ.ހަންޏާމީދުއާއި ނ.މިލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. އަދި ހދ.މަކުނުދޫ ކައުންސިލްގެ ގޮނޑިއާއި ދ.ހުޅުދެލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި ކާމިޔާބުކުރީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންނެވެ.

ޤާނޫނަށް ގެނައި އިސްލާހާއެކު މިއަދު ބާއްވަން 37 ގޮނޑިއަކަށް މެމްބަރުން އިންތިޚާބުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލިއެވެ. އެއީ 5 ރަށެއްގެ ލޯކަލް ކައުންސިލެއްގެ ބައި-އިލެކްޝަނާއި 28 ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެމްބަރުން ހޮވުމުގެ ބައި-އިލެކްޝަނެވެ. ނަމަވެސް 21 ރަށެއްގެ ބައި-އިލެކްޝަންތަކުގައި އެންމެ ކެންޑިޑޭޓަކު ވާދަކުރުމުން އިލެކްޝަނަކާ ނުލާ އެމެންބަރުންނަށްވަނީ ގޮނޑިކާމިޔާބުވެފައެވެ. އެގޮތުން އިންތިޚާބަކާ ނުލާ 24 ގޮނޑި ޕީއެންސީއަށްވަނީ ކާމިޔާބުވެފައެވެ.