ޚަބަރު

ރިހެބް ފަރުވާ ފުރިހަމަކުރާ މީހުންނަށް ވަޒީފާގެ ތަމްރީންތައް ދޭ ކޯސް ފުރަތަމަ ފަހަރަށް ފަށައިފި


  • ކޯސް ފެށީ ޕޮލިޓެންނިކްއާ ގުޅިގެން

  • އިލެކްޓްރިޝަން ކޯހުގައި 19 މީހުން ކިޔަވަމުންދާ

  • މިއީ މިގޮތަށް ކޯސް ހިންގާ ފުރަތަމަ ފަހަރު

  • މިއީ 6 މަހުގެ ކޯހެއް

ނެޝަނަލް ޑްރަގް އެޖެންސީ، އެންޑީއޭއިން ކުރިއަށްގެންދާ މަސްތުވާތަކެތީގެ ރިހެބިލިޓޭޝަން ފަރުވާ ފުރިހަމަކުރާ މީހުންނަށް، ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް އެ ފަރާތްތަކަށް ހުނަރު ދަސްކޮށްދިނުމުގެ ކޯސްތައް ފުރަތަމަ ފަހަރަށް ފަށައިފިއެވެ.

ޕީއެސްއެމްގެ ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ލުބްނާ ޒާހިރު ވިދާޅުވީ، ކޯސްތަކެއްގެ ގޮތުގައި ވަޒީފާގެ ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމް ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ، އެމީހުން އަނބުރާ މަސްތުވާތަކެތީގެ ތެރެއަށް ވަނުމުގެ ފުރުޞަތު ކުޑަކޮށް، ދިރިއުޅުމުގައި ކުރިއަށްދެވޭނެ ގޮތް ހޯދައިދިނުންކަމަށެވެ.

ލުބްނާ ވިދާޅުވީ، ފަރުވާ ފުރިހަމަކުރިނަމަވެސް، މުޖުތަމަޢުގައި އެމީހުންނަށް ދެން ކުރިއަށް ދެވޭނެ މަގުތައް ވަރަށް ހަނިކަމަށެވެ. އެހެންކަމުން މި ހިންގަން ފެށި ހުނަރު ދަސްކޮށްދޭ ކޯސްތަކުގެ ސަބަބުން، ވަޒީފާގެ މައިދާނަށް ޤަބޫލުކުރާ ސަނަދަކާއެކު، އިތުބާރު ހިފޭ ބައެއްގެ ގޮތުގައި މުޖުތަމަޢުއަށް އެމީހުން ނެރެވޭނެކަމަށެވެ.

މީގެ ފުރަތަމަ ޕްރޮގްރާމް މިމަހުގެ 3 ވަނަ ދުވަހު ފަށާފައި ވަނީ، މޯލްޑިވްސް ޕޮލިޓެކްނިކްއާ ގުޅިގެންނެވެ. ކޯސް ނިމިގެންދާއިރު، ތިއަރީ އަދީ ޢަމަލީ ތަޖުރިބާ ލިބޭނެއެވެ. އަދި ވަޒީފާގެ މައިދާނަށް ތަޖުރިބާ ހޯދުމުގެ ބައިތައްވެސް ކުރިއަށްދާނެއެވެ. މިއީ 6 މަސް ދުވަހުގެ ޕްރޮގްރާމެކެވެ.

"ސެޓްފިކެޓް ލެވެލް 3 ގެ އިލެކްޓްރިޝަން ކޯސް ފުރަތަމަ މި ފެށީ. އެންޑީއޭގެ 19 ކްލަޔަންޓުން އެބަ ބައިވެރިވޭ. އެހެންވީމަ އެންޑީއޭގެ ބެޗެއް މި އުފެދުނީ މީހާރު ޕޮލިޓެކްނިކްގައި. ކޯސް ނިންމާއިރު، ވަޒީފާގެ މާޙައުލަށް ވަރަށް ބޮޑަށް ތައްޔާރުވެފަ ތިބޭނީ." ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ލުބްނާ ޒާހިރު ވިދާޅުވިއެވެ.

ރިހެބް ފަރުވާ ފުރިހަމަކޮށް، ކޯހުގައި ބައިވެރިވި ފަރާތްތަކުން ފާހަގަކުރާގޮތުގައި، މި ފުރުޞަތަކީ އެމީހުން ވަޒީފާއެއް ހޯދާ، ދިރިއުޅުމުގައި ކުރިއަށްދާން ލިބޭ މުހިންމު ފުރުޞަތެކެވެ. އަދި މިއީ މުޖުތަމަޢުގެ އިތުބާރު ލިބި، ވަޒީފާގެ މާޙައުލުން ބަލައިގަންނަ ފަދަ މީހެއްގެ ގޮތުގައި ވަޒީފާ ހޯދުމަށް ނިކުންނަ މީހަކަށް ވުމަށް ފުރުޞަތު ލިބޭކަމަށެވެ. މީގެއިތުރުން އަނބުރާ މަސްތުވާތަކެއްޗަށް ދިއުމުން ސަލާމަތްވުމަށްވެސް ލިބޭ ވަރަށް ރަނގަޅު ފުރުޞަތެއްކަމަށް އެމީހުން ފާހަގަކުރެއެވެ.

"ރިހެބް ފަރުވާ އެކަނި ފުރިހަމަކޮށް މުޖުތަމަޢުއަށް ނިކުތަސް، އަހަރަމެންނާ މެދު ލޭބަލް ވެފަ އޮންނަގޮތުން، ވަޒީފާއެއް ހޯދާ އާމްދަނީ ހޯދަން ބޭނުންވިއަސް އެ ފުރުޞަތެއް ނުލިބެ. މުޖުތަމަޢުއިން ދެކެނީ ވަރަށް ގޯސްކޮށް. އެހެންވެ އަނބުރާ މަސްތުވާތަކެތީގެ ތެރެއަށް މި ދެވެނީ އަނެއްކާވެސް. އެހެންވީމަ މިގޮތަށް ވަޒީފާއަށް ތަމްރީންކުރަން ކޮސްތައް ހިންގުން މިއީ ވަރަށް މުހިންމު ކަމެއްކަމަށް ދެކެނީ." އެންޑީއޭއާއި ޕޮލިޓެކްނިކް ގުޅިގެން ހިންގާ ކޯހުގެ ބައިވެރިން ފާހަގަކުރިއެވެ.

ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ލުބްނާ ވިދާޅުވީ، ހިންމަފުށީގައި ހުންނަ އެންޑީއޭގެ ރިހެބިލިޓޭޝަން ސެންޓަރުގައި ޕޮލިޓެކްނިކްގެ ކުޑަ ބްރާންޗެއް ހެދުމުގެ މަޝްވަރާތައްވެސް މިހާރު ކުރިއަށްދާކަމަށެވެ. އަދި މީގެއިތުރުންވެސް އިތުރު ދާއިރާތަކުން ކޯސްތައް ހިންގާ ތަމްރީންތައް ފަހިކޮށްދީ، ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދޭން މަސައްކަތް ކުރަމުންދާކަމަށް ލުބްނާ ވިދާޅުވިއެވެ.