ހުޅުމާލޭ، ޓާފްދަނޑު ކައިރީ މަޑުކޮށްގެން ހުރި މީހަކަށް ކޯރާޑިއަކުން ހަމަލާދިން މައްސަލައަކާއި ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެތެރެއިން، އެކަކު 3 ދުވަހަށް އަދި އަނެކަކު، ތަޙުގީގު ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ. 
ހުޅުމާލޭ ޓާފްދަނޑު ކައިރީ މަޑުކޮށްގެން ހުރި މީހަކަށް، ސައިކަލެއްގައި ދިޔަ ބަޔަކު ހަމަލާ ދިން މައްސަލައަކާއި ގުޅިގެން ފުލުހުންވަނީ 2 މީހުން ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ފިޔޯރީ، ހީނާމާގެ އުމުރުން 25 އަހަރުގެ ރުސްތުމް އިބްރާހީމްއާއި، ބ.ގޮއިދޫ، ފިނިފެންމާގޭ އުމުރުން 19 އަހަރުގެ ސައިފްﷲ ފައިޞަލެވެ. 
ފުލުހުން ވިދާޅުވީ، މިމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ރުސްތުމް އިބްރާހީމް 3 ދުވަހަށް އަދި  ސައިފްﷲ ފައިޞަލް ތަޙުގީގު ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށެވެ. 
ހުޅުމާލޭ ބޯގަންވިލާ މަގު، ރެހެންދި ޓާފްދަނޑު ކައިރީ މަޑުކޮށްގެން ހުރި މީހަކަށް ހަމަލާ ދިން މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 23:35 ހާއިރުގައެވެ. މި މާރާމާރީގައި އަނިޔާވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. މިމާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވޭ ދެމީހުން ހައްޔަރުކޮށްފައިވަނީ ފިލައިގެން މާލެއަށް ދަނިކޮށް ހައިވޭ މަތިނެވެ.