ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަކީ، ސަރުކާރުގެ އިދާރާތަކާއި އާއްމު އެނޫން ބޭނުންތަކުގައިވެސް މުހިއްމު ލިޔެކިޔުމެކެވެ. އެހެންނަމަވެސް އައިޑީކާޑު ހެދުމަށް އުފުލަންޖެހޭ ތަކުލީފު ބޮޑުކަމުގެ ޝަކުވާއަކީ އާންމުންގެ ބޮޑު ކަންބޮޑުވުމެކެވެ.
އަސާސީ މުހިއްމު މިފަދަ ޚިދުމަތެއް ހޯދުމަށް މާލެއަށް ބަރޯސާވެފައި ތިބެން ޖެހުމަކީ އޭގެ އުނދަގޫ ރައްޔިތުންނަށް ކުރިމަތިވަމުންދާކަމެކެވެ. އެހެންކަމުން މިކަން ބަދަލުކޮށް ރައްޔިތުންނަށް މިކަމުގައި ލުއިފަސޭހަ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.
އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ރަސްމީކޮށް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ފެށުމުގެ ކުރިން އައިޑީކާޑު ހެއްދުމުގެ ޚިދުމަތް ދެމުން ދިޔައީ މާލެއިން ޕްރިންޓްކޮށް ރަށްރަށަށް ފޮނުވައިގެންނެވެ. އެހެންނަމަވެސް މިއީ ވަގުތު ނަގާ އަދި އެކަމުގެ ތަކުލީފު ބޮޑުކަމެކެވެ.
އެހެންކަމުން ރައްޔިތުންނާ ގާތުން މި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވާ ނިމިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިވީ މުއްދަތުގެ ތެރޭގައި އެކި ރަށްރަށުގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް މިހާރުވަނީ ޤާއިމުކޮށްފައެވެ. މިގޮތުން މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އައިޑީކާޑު ޕްރިންޓުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުން ކަނޑައަޅާފައިވާ އަމާޒެކެވެ.
މާލެ ސަރަޙައްދުގައިވެސް ހަމައެކަނި ޑީއެންއާރްގެ މާލޭ އޮފީހުން ދެމުންދިޔަ މި ޚިދުމަތް މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ވަނީ ގްރޭޓަރ މާލޭ އޭރިއާގެ އެހެން 3 ސަރަޙައްދަކުން ލިބޭނެ އިންތިޒާމު ހަމަޖައްސަވާފައެވެ.
މިގޮތުން ހުޅުމާލޭ ފޭސް 1 އުމަރުޒާހިރު ބިލްޑިންގް، ހުޅުމާލޭ ފޭސް 2 ގެ ވިނަރެސް ދެވަނަ ޓަވަރުން އަދި ވިލިމާލެ އޮފީސް ބިލްޑިންގއިން މި ޚިދުމަތް ރައްޔިތުންނަށް މިހާރު އަންނަނީ ފޯރުކޮށްދެމުންނެވެ.
އަތޮޅުތަކަށް ބަލާލާއިރު އައިޑީ ކާޑު ޕްރިންޓްކުރެވޭ ގޮތަށް ހަމަޖެހި އެ ޚިދުމަތް އަތޮޅުތަކުގައި އެންމެ ފުރަތަމަ ފެށުނީ ގއ. އަތޮޅު ކައުންސިލް އަދި ގއ. ވިލިނގިލީ ކައުންސިލުގައެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
އޭގެފަހުން ދ. ކުޑަހުވަދޫއާއި ކުޅުދުއްފުށި ސިޓީގައިވެސް މި ޚިދުމަތް ވަނީ ޤާއިމުކޮށްފައެވެ.
މިއަހަރުގެ މިހާތަނަށް 7 ސަރަޙައްދެއްގައި ޑީއެންއާރުން ވަނީ މި ޚިދުމަތް ޤާއިމުކޮށްފައެވެ.
އެގޮތުން ހއ. އިހަވަންދޫ، ހއ. ދިއްދޫ، ހއ. ކެލާ، ރ. އުނގޫފާރު، ރ. އަލިފުށީގެ އިތުރުން ނ. މަނަދޫއާއި އެ އަތޮޅު ކެނދިކުޅުދޫގައިވެސް ވަނީ މި ޚިދުމަތް ފައްޓަވާފައެވެ. އަދި މިހިނގާ ފެބްރުއަރީ މަހުގެ ތެރޭގައި ހދ. މަކުނުދޫއާއި ނ. މަނަދޫއާއި ފ. ނިލަންދޫގައި މި ޚިދުމަތް ފެށުމަށްޓަކައި ތައްޔާރުވަމުންދާކަމަށް ޑީއެންއާރުން ވިދާޅުވެއެވެ.
މިއާއެކު ޚިދުމަތް ޤާއިމުކުރެވުނު ކައުންސިލްތައް މެދުވެރިކޮށް އައިޑީކާޑު ޕްރިންޓްކުރުމުގެ ފަސޭހަ ރައްޔިތުންނަށް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި މި ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އާއްމުކޮށް ދިވެހިން ގޮސްއުޅޭ ބައެއް ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށް ޑީއެންއާރުން ދަނީ ތައްޔާރުވަމުންނެވެ. މިގޮތުން މެލޭޝިއާއާއި، ސްރީލަންކާއާއި، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.