ޢަދުލުއިންޞާފު ގާއިމްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ޒަމާނީ ބަދަލުތަކަކާއި ވަށާޖެހޭ ހައްލުތަކެއް ގެންނަންޖެހޭކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ކުރުނބާ ރިސޯޓުގައި އަންލޮކިން ޖަސްޓިސް ނަމުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ބަންޑާރަ ނައިބުގެ އޮފީހާއި ބްރިޓިޝް ހައިކޮމިޝަނާއި ގުޅިގެން ބޭއްވި މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު މުޢުތަސިމް އަދުނާނު ވިދާޅުވީ ޒަމާނުއްސުރެ، ދިވެހިންނަނީ އޯގާތެރިބައެއް ކަމަށާއި ނަމަވެސް މިފަހަކަށް އައިސް މުޖްތަމަޢުގެ ތެރޭގައި ކުށްކުރާ މިންވަރު މިހާރު އިތުރުވެފައިވާކަމަށެވެ. އަދި މީގެކުރިން މަރުގެ މައްސަލަތައް ފަދަ ޖިނާޢި ބޮޑެތި ކުށްތަކަކީ ގިނަބައެއްގެ ކަންބޮޑުވުން އޮތް މައްސަލަތައް ނަމަވެސް، އެކަމަށް އާންމުން މިހާރު ދޭ ސަމާލުކަން ކުޑަވަމުންދާކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޖިނާޢީ އަދުލުގެ ނިޒާމަށް މިފަސް އަހަރު ބެލިނަމަވެސް، ކޮންމެ އަހަރެއްގެ މައްޗަށް އައު 2000 މައްސަލަ ފަނޑިޔާރުން އަތް މައްޗަށް ލިބޭކަމަށެވެ. އަދި މައްސަލަތައް ގިނަވަމުންދާއިރު، ދަތިތަކަށް ހައްލު ނުލިބި ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އުއްތަމަ ފަނޑިޔާރުގެ ވާހާކަފުޅުގައި ޤާނޫލް އުޤޫބާތެއް 1968 ވަނަ އަހަރު ތަޢާރަފްވި ހިސާބުން ފެށިގެން އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ޢަދުލުއިންޞާފު ގާއިމްކުރުމުގެ ނިޒާމަށް ކުރިއެރުންތަކެއް ލިބިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އައު ޖިނާޢީ އިޖުރާތުގެ ޤާނޫނަކާއި ހެއްކާބެހޭ ޤާނޫނާއެކު ގިނަ ކަންކަން ފަސޭހަވެގެން ދިޔަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއާއެކު ޖިނާޢީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ގެންނަން ޖެހެނީ ވަށާޖެހޭ ހައްލުތަކެއް ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޖާގަ ދޭން ޖެހޭ ނިޒާމު ހަރުދަނާކުރުމަށް ޤާނޫނީ އޮނިގަނޑުގެ ތެރެއިން އަންނަ އިސްނެގުންތަކަށް. ނިޒާމީ ގޮތެއްގައި ހުރި މައްސަލަތައް ދެނެގަނެވެން އެބަޖެހޭ. އަދި މި ނިޒާމު ހަރުދަނާ ކުރުމަށް ގެންނަން ޖެހެނީ ވަށާޖެހޭ ހައްލުތަކެއް. މިއީ އާންމު މިންގަނޑުތަކާއި އަދި ޒަމާނީ ބަދަލުތަކަށް ވާންޖެހޭ" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ނިޒާމުގެ ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތަކީ އެންމެންނަށްވެސް ހަމާކަން ބޮޑުގޮތެއްގައި އިންސާފު ލިބޭކަން ކަށަވަރުކުރެވޭ ފަދަ މަސައްކަތަކަށްވާންޖެހޭކަމަށެވެ. އަދި މިހާރު މުޅި ނިޒާމު ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު މީގެ ސަބަބުން އިންސާފު ލިބުން އަވަސްވެގެންދާނެކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވަނީ ސުޕްރީމް ކޯޓު އަދި ހައިކޯޓުގެ ނިންމުންތަކާއެކު ޖިނާޢީ އަދުލުގެ މައްސަލަތައް ދަށު ކޯޓުތަކުން ނިންމުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދިޔަކަންވެސް ފާހަގަކުރައްވާފައެވެ. މިއާއެކު ނިޒާމު ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އިދާރާތައް ގުޅިގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުން މުހިންމުކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ.