ރާއްޖެ މިހާރު މިދެކޭ ޑިމޮކްރެސީގެ ހައްގުވެރިޔަކީ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޤާސިމް މިހެން ވިދަޅުވީ، އަމިއްލަފުޅު ބަޔޮގްރަފީ ނެރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ވިޔަފާރި އަދި ސިޔާސީ ދާއިރާގައި ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ޝަހުސިއްޔަތު ކަމަށްވާ ޤާސިމްގެ ބަޔޮގްރަފީ ނެރުމުގެ ރަސްމިއްޔާތުގައި ޤާސިމްވަނީ ހަޔާތުގައި ދަސްވި ފިލާވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ސިޔާސީ އަދި ވިޔަފާރީގެ ދާއިރާއިން ދަސްވި ހުރިހާ ކަމެއްވެސް ދަސްވީ، ކުޑައިރު މާލެއަށް ކިޔެވުމަށް އައުމަށްފަހު އުޅެވުނު މާހައުލުން ކަމަށް ޤާސިމް ވިދާޅުވިއެވެ.
ޤާސިމްވަނީ އެންދެރިމާގޭގައި އުޅުއްވި ދުވަސްވަރުގެ ހަނދާންތައް އައުކުރައްވާފައެވެ. އަދި އެދުވަސްވަރު އެގޭގައި އައްބާސް އިބްރާހިމާއި އިލްޔާސް އިބްރާހިމް އެކުގައި ކުރެވުނު ތަޖުރިބާ ހިއްސާކުރައްވަމުން ޤާސިމް ވިދާޅުވީ މިހާތަނަށް ދަސްވި އެއްޗެށް ދަސްވީ އޭރު އުޅުނު މާހައުލުންކަމަށެވެ.
"އަޅުގަނޑު ދަސްވި އެއްޗަކީ އަޅުގަނޑު އުޅުނު މާހައުލުން ދަސްވި އެއްޗެއް. އޭރު އެންދެރިމާގޭގައި ދިރިއުޅުއްވިއިރު ސިޔާސީ ދާއިރާއާއި ވިޔަފާރީގެ ދާއިރާއިން ދަސްވި ގިނަ ކަންކަން ދަސްވި." ޤާސިމް ވިދާޅުވިއެވެ.
ޤާސިމްގެ ވާހަކައިގައިވަނީ ސިޔާސީ ހަޔާތުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ސިޔާސީ މަސްރަޙް ބަދަލުކުރެއްވުމަށް ކުރެއްވި ގިނަ މަސައްކަތްތަކުގެ ސަބަބުން ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވިކަން ފާހަގަކުރައްވާ، ޤާސިމް ވަނީ، ސިޔާސީ މަސްރަހު ބަދަލުކުރެވިގެންދިޔަތަން ގާތުން ފެނިވަޑައިގެންނެވި ކަމަށެވެ. އަދި ރައީސް މައުމޫން ތަޢާރަފް ކުރެއްވި އިސްލާހީ އެޖެންޑާގައި ހުރި ކަންކަން ދިވެހި ޑިމޮކްރެސީއަށް ލިބިގެން ދިޔަ ކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި އޭރު ރައީސް މައުމޫން ބޭނުންފުޅުވެވަޑައި ނުގެންނެވިނަމަ، އެކަން އެގޮތަށް ނުކުރެވުނީސްކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
"އަޅުގަނޑު މިދަންނަވަނީ މައުމޫން ބޭނުންނުވި ނަމަ މިއަދު މިދެކޭ ޑިމޮކްރެސީ ފެނިގެންނުދާނެ. ހައްޤު ތަޢުރީފެއް ކުރަން ޖެހޭ. މިއަދު މިދެކޭ ޑިމޮކްރެސީއާއި މިއަދު މިދެކޭ މިނިވަންކަން އޭރު ސަރުކާރުން ކޮށްދެއްވަން ނެތްނަމަ މިއަދުވެސް ނުލިބޭނެ. " ޤާސިމް ވިދާޅުވިއެވެ.
ޤާސިްމގެ ވާހަކައިގައިވަނީ ރައީސް މައުމޫނާއި، އެމަނިކުފާނުގެ ޢާއިލާއަށް ވަރަށް ބޮޑަށް ތަޢުރީފް ކުރައްވާފައެވެ. އަދި އޭރު އެއާއިލާއިން އެހީވެދެއްވި ފަދައިން ކޮންމެ ކަމެއްގައި، އަބަދުވެސް އެހީވެދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ޤާސިމް ވިދާޅުވިއެވެ.
އަދި މިއަދު ޤާސިމް ހުރި މަޤާމަށް އާދެވުނީ ގިނަ ބައެއްގެ އެހީތެރިކަމާއެކުކަން ފާހަގަކުރައްވާ އެހުރިހާ ފަރާތްތަކަށް ޤާސިމްވަނީ ޝުކުރުއަދާކުރައްވާފައެވެ.