ސްޕެޝަލް އިކޮނޮމިކް ޒޯން ނުވަތަ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި އަވިން ހަކަރަ އުފައްދާ 100 މެގަވޮޓުގެ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށުމަށް ކޮންޓްރެކްޓަރާ ހަވާލުކުރެވޭނެކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މިއީ އެސްއީޒެޑްގެ ޤާނުނުގެ ދަށުން ހުއްދަދިން ފުރަތަމަ މަޝްރޫޢުއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޢާވިޔަތު މުޙައްމަދު ވިދާޅުވީ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި އިރުގެ އަލިން 100 މެގަވޮޓްގެ ހަކަތަ އުފެއްދުމުގެ މަސައްކަތް ފެށުމަށްޓަކައި މިދިޔަ ދުވަސްތަކުގައި ޓެކްނިކަލް ލެވެލްގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އަދި އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި މިހާރު ތައްޔާރުވަމުން ދާކަމަށާއި މިއަހަރުގެ މެދުތެރޭގައި ފައިނަލް ކޮންޓްރެކްޓުގައި ސޮއިކުރައްވާނެކަމަށް ޑރ.މުޢާވިޔަތު ވިދާޅުވިއެވެ.
"މިއީ ޗެލެންޖިން ކަމެއް. އޯޕަން ސީގައި އެކަން ކުރާއިރު ވަރަށް ޗެލެންޖިން ވާނެ. ނަަމަވެސް އެކަމަށް ދާންޖެހޭ ސަބަބުތައް އެބަހުރި. އިޤްތިޞާދީ ގޮތުން ލުޔެއް ހޯދުމަށް މި ޗެލެންޖިން ކަންތައްވެސް ކުރަންޖެހޭ." ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޢާވިޔަތު މުޙައްމަދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ އިރުގެ އަލިން 100 މެގަވޮޓްގެ ހަކަތަ އުފައްދައި، ނެޝަނަލް ގްރިޑަށް ފޯރުކޮށްދިނުމަށްޓަކައި މާލެއަތޮޅު ފަޅެއްގައި، ފްލޯޓިންގ ސޯލަރ ޕްރޮޖެކްޓެއް ހިންގުމަށް، ބޭރުގެ އިންވެސްޓަރަކަށް، ސްޕެޝަލް އިކޮނޮމިކް ޒޯން ޑިވެލޮޕްމަންޓް ޕަރމިޓް އިޝޫކުރުމަށް ނިންމާފައިވާކަމަށެވެ. އަދި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް، މި އަހަރުގެ މެދުތެރޭގައި ފަށައި، 2027 ވަނަ އަހަރުތެރޭގައި ނިންމައި، އޭގެ ނަފާ ލިބެން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި މަޝްރޫޢޫގައި ތަރައްޤީކުރަނީ 100 މެގަވޮޓްގެ ފްލޯޓިން ފޮޓޯ ވޯލްޓައިކް(ޕީވީ) ނިޒާމެކެވެ އެއީ މޫދުގައި ނުވަތަ ކަނޑުގެ ސަތަހައިގައި، ފެނުންމަތީގައި ބަހަޓާ އަވިން ހަކަތަ އުފައްދާ ނިޒާމެކެވެ. މި މަޝްރޫޢުގައި އަވިން ހަކަތަ އުފައްދާ ނިޒާމު ބެހެއްޓުމާއި ބެޓެރި ސިސްޓަމް އަދި މި ނިޒާމު ރަށްތަކާ ގުޅާލުމަށް ބޭނުންވާ އިންޓަކަނެޝަން ވިއުގަ ޤާއިމުކުރާނެއެވެ.
ރާއްޖޭގައި ފޯރުކޮށްދޭ ކަރަންޓުގެ %33އަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ މިހާރު ރާއްޖޭގައި ޤާއިމުކޮށްފައިވާ އިއާދަކުރަނިވި ހަކަތައިގެ މިންވަރަކީ %4ކަމަށާއި، އާމާޒަކީ 2028ވަނަ އަހަރު ނިމޭއިރު މި މިންވަރު %33އަށް އިތުރުކުރުންކަމަށެވެ. މި އަމާޒަށް ވަޞީލުވުމަށްޓަކައި ސޯލާ ހަރުކުރުމުގެ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރިއަށް ގެންދަމުންނެވެ.